ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔަކީ ކޮބާ؟

ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ފީއަކަށް (273 މިލިޔަން ޑޮލަރު) ފްރާންސްގެ ޕީއެސްޖީއަށް ނޭމާ ސޮއި ކުރުމުން ދުނިޔޭގައި ހުރި އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔަކީ ނޭމާ ކަމަށް ބައެއް ސަޕޯޓަރުން ދެކެއެވެ. ހަގީގަތަކީ ޕީއެސްޖީއިން 273 މިލިޔަން ޑޮލަރު ހަރަދު ކުރީ ބާސެލޯނާއިން އޭނާ ގަތުމަށެވެ. ފައިސާ ލިބުނީ ބާސެލޯނާއަށެވެ. ނޭމާއަކަށް ނޫނެވެ. އެހެން ވެއްޖެނަމަ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔަކީ ކޮބައި ހެއްޔެވެ؟

ތިރީގައި މިވަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި 10 ފުޓްބޯޅަ ކުޅުންތެރިންނާއި އެކުޅުންތެރިންގެ މިލްކިއްޔާތުގައި 2017 ވަނަ އަހަރުގެ ނިޔަލަށް ހުރި ފައިސާގެ އަދެދެވެ.

10. ޖޯން ޓެރީ (އެސްޓަންވިލާ): ޗެލްސީ ދޫކޮށް މިދިޔަ ސީޒަނުގައި އެސްޓަންވިލާއާ ގުޅުނު ޖޯން ޓެރީއަކީ އިނގިރޭސި ގައުމީ ޓީމާއި ޗެލްސީގެ ކުރީގެ ކެޕްޓަނެވެ. އޭނާގެ މިލްކިއްޔާތުގައި 50 މިލިޔަން ޑޮލަރު އެބަހުއްޓެވެ.
9. ސާޖިއޯ އަގުއޭރޯ (މެންޗެސްޓަރ ސިޓީ): މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ނުރައްކާތެރި ފޯވާޑް ސާޖިއޯ އަގުއޭރޯގެ މުސާރައަކީ އަހަރަކަށް 13.3 މިލިޔަން ޑޮލަރެވެ. ސްޕޮންސާތަކުން އޭނާއަށް އަހަރަކު 18 މިލިޔަން ޑޮލަރު ލިބެއެވެ. އަގުއޭރޯގެ މިލްކިއްޔާތުގައި ހުރީ 51 މިލިޔަން ޑޮލަރެވެ.

8. ޔާޔާ ޓޫރޭ (މެންޗެސްޓަރ ސިޓީ): މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އައިވަރީކޯސްޓުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޔާޔާ ޓޫރޭއަށް އެކްލަބުންދޭ މުސާރައަކީ އަހަރަކަށް 13.3 މިލިޔަން ޕައުންޑެވެ. މުސްލިމް މިކުޅުންތެރިޔާގެ މިލްކިއްޔާތަކީ 55 މިލިޔަން ޑޮލަރެވެ.

7. ނޭމާ (ޕީއެސްޖީ) : ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ބްރެޒިލް ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިޔާ ނޭމާގެ މުސާރައަކީ އަހަރަކަށް 32 މިލިޔަން ޑޮލަރެވެ. ސްޕޮންސާތަކާއި އަމިއްލަ ވިޔަފާރިން ލިބުނު ފައިދާތަކާއެކު 2017 ވަނަ އަހަރުގެ ނިމުނުއިރު ނޭމާގެ މިލްކިއްޔާތު 63 މިލިޔަން ޑޮލަރަށް އަރައެވެ.

6. ގެރަތު ބޭލް (ރެއާލް މެޑްރިޑް): ޓޮޓެންހަމްއަށް ކުޅެމުން ދަނިކޮށް ރެއާލް މެޑްރިޑުން ބޭލް ގަތީ އޭރު ދުނިޔޭގެ ރެކޯޑް ފީއަކަށެވެ. ރެއާލްއިން އަހަރަކަށް އޭނާއަށް ދެމުން އަންނަ މުސާރައަކީ 23.4 މިލިޔަން ޑޮލަރެވެ. ސްޕޮންސާތަކުން ބޭލްއަށް އަހަރަކަށް 11.5 މިލިޔަން ޑޮލަރު ލިބެއެވެ. ބޭލްގެ މިލްކިއްޔާތަކީ 72 މިލިޔަން ޑޮލަރެވެ.

5. އެޑިން ހަޒާޑް (ޗެލްސީ): ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ވިންގަރ އެޑިން ހަޒާޑުގެ މުސާރައަކީ އަހަރަކު 16 މިލިޔަން ޑޮލަރެވެ. ހަޒާޑުގެ މިލްކިއްޔާތަކީ 100 މިލިޔަން ޑޮލަރެވެ.
4. ވޭން ރޫނީ (އެވަޓަން): މިހާރު އެވަޓަންއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓިމަށާއި މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ރޫނީގެ މިލްކިއްޔާތަކީ 120 މިލިޔަން ޑޮލަރެވެ. އެވަޓަންއިން އޭނާއަށްދޭ މުސާރަކީ އަހަރަކަށް 7.8 މިލިޔަން ޑޮލަރެވެ.

3. ޒަލްޓާން އިބްރަހިމޮވިޗް (މެންޗެސްޓަރ ޔުނައިޓެޑް): ސްވިޑްންގެ ރައްޔިތުން އެގައުމުގެ ބޮޑު ފަހްރެއްގެ ގޮތުގައި ބަލައިގަނެފައިވާ ޒަލްޓާން އިބްރަހިމޮވިޗުގެ މިލްކިއްޔާތަކީ 110 މިލިޔަން ޑޮލަރެވެ.
2. ލިއޮނަލް މެސީ (ބާސެލޯނާ): ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ލިއޮނަލް މެސީއެވެ. ބާސާއިން މެސީއަށް ދެމުން އަންނަ މުސާރައަކީ އަހަރަކަށް 33.4 މިލިޔަން ޑޮލަރެވެ. މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޑިޑާސް، ޕެޕްސީ، ޖިލެޓް އަދި ޓާކިސް އެއާލައިންސްއާއެކު ހަދާފައިވާ ކޮންޓްރެކްޓްތަކުން އަހަރަކަށް 27 މިލިޔަން ޑޮލަރު މެސީއަށް ލިބެއެވެ. އަމިއްލަ ބޮޑު ވިޔަފާރިއެއް މިހާތަނަށް ފަށާފައިނުވާ މެސީގެ މިލްކިއްޔާތަކީ 295 މިލިޔަން ޑޮލަރެވެ.

1. ކްރިސްޓިއާނޯ ރޮނާލްޑޯ (ރެއާލް މެޑްރިޑް): ވާދަވެރި ލިއޮނަލް މެސީގެ މުސާރައަށްވުރެ 5 މިލިޔަން ޑޮލަރު ކުޑަކޮށް މުސާރަ ލިބުނަސް ސްޕޮންސާސްތަކުންނާއި އަމިއްލަ ބްރޭންޑް ސީއާރު-7 މެދުވެރިކޮށް ހޯދާ ބޮޑު އާމްދަނީން މިލިސްޓުގެ އެއްވަނަ ލިބެނީ ރޮނާލްޑޯއަށެވެ. މަޝްހޫރު "ފޯބްސް" މަޖައްލާއިން ރޮނާލްޑޯ ސިފަކޮށްފައިވަނީ ބަވަނަވެފައިވާ މިދުނިޔޭގައި ރޮނާލްޑޯއަކީ ދިރިހުރި ބިލްބޯޑެއްގެ ގޮތުގައެވެ. މަޝްހޫރު ނައިކީ އާއި ޓެގް ހަޔާ އާއި އަރްމާނީގެ އެންމެ އަގުބޮޑު މެޑެލްއަކީ ރޮނާލްޑޯއެވެ. ހައިރާތަށްވެސް ބޮޑު ހޭދައެއްކުރާ ރޮނާލްޑޯ އަތުގައި އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފް އޮތީ މިލްކިއްޔާތުގައި ހުރި 321.5 މިލިޔަން ޑޮލަރުގެ ސަބަބުންނެވެ.
(މަސްދަރު: ފޯބްސް، ބިޒްނަސް އިންސައިޑާ).

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.