ޕީއެސްޖީ ބަލިކޮށް ކުއާޓާފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި

ޔުއެފާ ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޕީއެސްޖީގެ މައްޗަށް 2-1 އިން ކުރި ހޯދައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި 3-1 އިން ޕީއެސްޖީ ބަލިވެފައި އޮތުމުގެ ސަބަބުން މިމެޗަށް ޕީއެސްޖީން ނިކުތީ ވަރަށް ބޮޑަށް އެޓޭކަށް އިސްކަން ދީގެންނެވެ. މިސީޒަނަށް ޓީމުގެ ވަރުގަދަ ކުރުމުގެ ގޮތުން 400 މިލިޔަން ޔޫރޯ ހަރަދު ކުރި ޕީއެސްޖީއަށް އެންމެ ބޮޑު މައްސަލައަކަށްވީ އަނިޔާގެ ސަބަބުން އެޓީމުގެ ތަރި ނޭމާއަށް މިމެޗުގައި ކުޅެވޭގޮތް ނުވުމެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ރެއާލްއިންއެވެ. މިލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބު ކުރި 8 ވަނަ ލަނޑެވެ. ރޮނާލްޑޯ ވަނީ ފުރަތަމަ ލެގުގައިވެސް ޕީއެސްޖީ ކޮޅަށް ދެލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ޕީއެސްޖީއަށް މައްސަލަތައް ކުރިމަތިވީ ދެވަނަ ރީނދޫކާޑާއެކު 66 ވަނަ މިނެޓުގައި އެޓީމުގެ މުހިއްމު މިޑްފީލްޑަރު މާކޯ ވެރާއްޓީއަށް ރަތް ކާޑް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަނަމަވެސް ޕީއެސްޖީއިން ދިޔައީ އެޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީއައް އުއްމީދެއް ލިބުނީ 71 ވަނަ މިނެޓުގައި އެޑިސަން ކަވާނީގެ ލަނޑުންނެވެ. މިލަނޑަށްފަހު ޕީއެސްޖީއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ކުޅުމުން ދަނިކޮށް ރެއާލްއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ކެސެމެއިރޯ މެޗުގެ 81 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީގެ އުއްމީދުތައް ފެނަށް ދުއްވާލިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނެއްދީން ޒިދާން ބުނީ މިނަތީޖާގެ ސަބަބުން މިސީޒަނުގައި ތައްޓެއް ހޯދުމަށް ކުރާ އުއްމީދު އާވެއްޖެކަމަށެވެ. މިސީޒަނުގައި ރެއާލްއަށް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. އަނެއްކޮޅުން ޕީއެސްޖީގެ ކޯޗް އުނައި އެމެރީ ބުނީ ދެވަނަ ބުރުން ކެޓުމުން ދެރަވާކަމަށާއި އެކަމަކު ރެއާލް އަތުން ކެޓުމަކީ ދެރަވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. "ދެވަނަ ބުރުން މުބާރާތާ ވަކިވާން ޖެހުމަކީ ދެރައެއް. އެކަމަކު ރެއާލް އަތުން ބަލިވެ މުބާރާތާ ވަކިވާން ޖެހުމަކީ ދެރަވާން ޖެހޭ ސަބަބެއް ނޫން" އެމެރީ ބުންޏެވެ.

މިދިޔަ ސީޒަނުގައިވެސް ޕީއެސްޖީ ކެޓީ ޗެމްޕިއަންސް ލީގް ދެވަނަ ބުރުންނެވެ. އެއީ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 4-0 އިން މޮޅުވެފައި ވަނިކޮށް ދެވަނަ ލެގުގައި ބާސާ އަތުން 6-1 އިން ބަލިވުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.