އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންނަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އޭނާގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަތީފް ވެސް ވަނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިތިންބޭފުޅުންވެސް މިހާރުވަނީ ދޫނިދުއަށް ގެންގޮސްފައެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު ބާއްވަމުން ގެންދާ މުޒާހަރާއަކީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމަރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައި ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މުޒާހަރާއެކެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. މު މުޒާހަރާގައި ބައެއް މީހުން ބަންދުކުރިއިރު ބިޑިއަޅުވައިގެންވެސް ވަނީ ބަންދުކޮށްފައެވެ.
މުޒާހަރާގައި ބައިވެރިން ގޮވަމުންދަނީ ފެބުރުއަރީ އެކެއްގެ އަމުރު ތަންފީޒު ކުރުމަށާއި، ޖަލުގައިތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި، ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިސްތިއުފާ ދެއްވުމަށެވެ.
މި މުޒާހަރާގައިވަނީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ވެސް ބަންދުކޮށްފައެވެ. އޭގެ އިތުރަށް އެހެންބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ބަންދުކުރި މީހުންގެ އަދަދު ސީދާ ސާފެއް ނުވެއވެ.