ޔޫރަޕިއަން ކައުންސިލުން ރާއްޖޭގެ ހާލަތާބެހޭ ގޮތުން އިއްޔެ ފާސްކުރި ގަރާރުގައިވާ ކަންކަން ކުރުން ނޫންގޮތެއް ރައީސް ޔާމީނަށް މިވަގުތު ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެގަރާރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެކަން އެގޮތަށް ކުރައްވަންޖެހޭ ސަބަބަކީ ރާއްޖެއާމެދު ފިޔަވަޅުއަޅާނެތީއެވެ.
"ރައީސް ޔާމީނަށް މީގައި (ގަރާރުގައި) ބުނާ ކަންތައްތައް ކުރުން ނޫންގޮތެއް މިވަގުތު ނުވެސްނެތް. އަދި މިކަންކަން ކުރައްވަންޖެހޭ އެންމެބޮޑު ސަބަބަކީ ފިޔަވަޅު އަޅާނެތީ. އަޅުގަނޑުމެންނަށް އެއަކާދޭތެރޭ ޝައްކެއްނެތް. ވަކިވަކި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ،" ހަސަން ވިދާޅުވިއެވެ.
އެގަރާރުގައި ގޮވައިލައްވައިފައިވާ ކަންކަމުގެ ތަފްސީލާ ބެހޭ ގޮތުންވާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެކެއް ފެބްރުއަރީގައި ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ކުރެއްވި ހުކުމް ތަންފީޒު ކުރުމަށާއި، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައިވާ 12 މެންބަރުންނަށް މަޖިލީހަށް ވަދެވޭގޮތް ހަދައި އެމީހުން ތަމްސީލްވާ ގޮތަށް މަޖިލީސް ހިންގުމަށް އޭގައި ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހާއި، ކޯޓުތައް ނުފޫޒެއް ނެތި ހިންގުމުގެ ފުރުސަތު ދިނުމަށްވެސް ގޮވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވިމާ ޔޫރަޕިއަން ޔޫނިއަންއިން ގަބޫލު އެބަކުރޭ ކޯޓުތަކުގައި މިހާރު އެހިންގާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަން،" އޭނާ ވިދާޅުވިއެވެ.
މިވަގުތުން ވަގުތަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންވެސް އޭގައި ބުނެފައިވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައްޔިތުންގެ އިންސާނީ އަދި އަސާސީ ހައްގުތައް ހިފަހައްޓައިގެން ނުވާނެކަމަށްވެސް އެގަރާރުގައި ބުނެފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ އިތުރަށް ހުރިހާ ސިޔާސީ ހައްޔާރީން ދޫކޮށްލުމަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވުމަށާއި، ފަނޑިޔާރުންނާމެދު އަޅައިފައިވާ ފިޔަވަޅުތައް އަނބުރައި ގެންދިޔުމަށްވެސް ގޮވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މާނައަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލާށޭ،" ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހަސަން ފާހަގަ ކުރެއްވި ކަމަކީ އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލައި، އެއްވެސް އިތުރު ބަހަނާއެއް ނުދައްކައި "ޖެނުއިން" ކޮށް އެމީހުންނާ ވާހަކަ ދެއްކުމެވެ.