ތަރައްގީއަށް އަމާޒުކޮށްގެން ރައީސް ކަމަށް ވަޑައިގެންނެވީ ޔާމީން: މުންދު

ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ހަމައެކަނި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުންފުޅުގައި ވަޑައިގެންނެވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު 2 ގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރާއްޖެއަށް ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީގެ ސަބަބުން ދެވަނަ ދައުރަކަށްވެސް އެމަނިކުފާނު އިންތިޚާބު ކުރަންޖެހޭ ކަމަށެވެ. އެހެން ކަމުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނު އެއްބުރުން ކާމިޔާބު ކުރައްވާނެ މުންދު ވިދާޅުވިއެވެ.

އެވާހަކައަކީ އަމިއްލައަށް ދައްކަވާ ވާހަކައެއް ނޫންކަމަށާއި އެއީ ރާއްޖޭގެ އެންމެހާ ޒުވާނުންގެ ބަސް ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މިވާހަކަތައް އޭނާ ދެއްކެވީ އިނގިރޭސި ބަހުންނެވެ. އިނގިރޭސީން ވާހަކަ ދެއްކެވީ އޭނާ ދިވެހިބަހުން ދައްކަވާ ވާހަކަ އޭގެ މާނައޮޅުވާލައިގެން އިނގިރޭސީ ބަހަށް ބަދަލުކޮށްގެން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދޭތީ އެވެ. އެގޮތަށް ހެދުމުން އެއަށް ޖަވާބުދާރީވެ ކަންހިނގިގޮތް ކިޔައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިނގިރޭސި ބަހުން ވާހަކަ ދެއްކުމުން ބޭރުމީހުންނަށް އެއްވެސް އޮޅުމެއްނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ބައެއް ފަރާތްތަކުން ރައްޖެއާ ބެހޭގޮތުން ފަތުރާ ވާހަކަތަކުގެ ސަބަބުން ރާއްޖެއާމެދު ބޭރު މީހުންދެކޭ ގޮތް ތަފާތުވާ ކަމަށެވެ. އެގޮތަށް އެކަންވަނީ ބޭރުގެ ފަރާތްތަކުންވެސް ރާއްޖޭގެ ކަންކަން ނުބަލާ ވާހަކަ ދައްކާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ރާއްޖޭގެ ހާލަތު ބަލަން އެފަދަ ފަރާތަތަކުން ރާއްޖެއައުމަށް އޭނާވަނީ ގޮވައިލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.