ރައްޔިތުންނަށް ލިބެންވާ ފައިސާއެއްގެ މައްސަލައެއް ރާއްޖޭގެ ޝަރުއީ ކޯޓަކަށް ހުށަހަޅައިފިނަމަ އެމައްސަލައެއް ކޯޓުގައި ލަސް ނުކުރުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކޯޓުތަކަށް ގޮވައިލައްވައިފިއެވެ.
ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެފައިސާގެ ބޭނުމަކީ ރައްޔިތުންނަށް ތަރައްގީ ގެނެސް ދެއްވުން ކަމަށެވެ. "ދައުލަތުގެ ކޯޓުތަކަށް އަޅުގަނޑު ނުހަނު އިހުތިރާމާއެކު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންނަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ކޯޓުތަކުގައި ލަސްވިޔަ ނުދެއްވާށޭ، އަވަހަށް އެފައިސާތައް ހޯއްދަވައި ދެއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ގެސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ބޭނުންވާ އަދި އެރޫހު އަށަގެންފައިވާ ސަރުކާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫހު އަށަގެންފައިމިވާ ސަރުކާރުގައި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ ގިނަ އަދަދެއް އެހެރީ ގާސިމް އިބްރާހީމް ހިފަހައްޓައިފައޭ. މިފައިސާ ބައެއް ކޯޓުތަކުގައި އަށްމަސްވެއްޖެ. އަނެއްބައި ކޯޓުތަކުގައި އަހަރެއްހާ ދުވަސްވެއްޖެ. އެހެން ނުބަހައްޓާށޭ، ނުބަހައްޓައި ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވާށޭ." އަދުރޭ ކޯޓުތަކަށް ގޮވައިލެއްވިއެވެ.
އެގޮތަށް ވިދާޅުވީ ހެޔޮއެދިވަޑައިގެން ކަމަށާއި ރައީސް ޔާމީނަކީ ރައްޔިތުންނަށް ހެވާއި ލާބައަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަރައްގީ ބޭނުންވާ އެތައްރަށެއް ރާއްޖޭގައި އެބުރި ކަމަށާއި ފާއިތުވި 4 އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ވަރަށްގިނަ ރަށްރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވައިފައި ކަމަށްވެސް އޭނާ ވިދާޅިވިއެވެ. އެ ތަރައްގީއާއި ކުރިއެރުންފުރިހަމަ ކުރުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ކަމަށާއި މިހާރުވެސް ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.