އައްޑޫސިޓީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، އިތުރު މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
އެމީހުންގެ ވަކީލެއްގެ ގޮތުގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެންނެވި ހުސައިން ހަބީބު ވިދާޅުވީ ޔަސްރިފާއި އެހެން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއްވެސް ކަމަކަށް ތުހުމަތުކުރެވިގެން ނޫންކަމަށެވެ.
ފުލުހުންނަށް ހަމައެކަނި މައްސަލައަކަށްވީ ފުލުހުންގެ ފަރާތުން ކުރިން ހުއްދަ ނެގުމަކާ ނުލައި އެއްވެއުޅުމުގެ މިނިވަންކަން ބޭނުންކުރުން ކަމަށް ހަބީބު ވިދާޅުވިއެވެ. "އެއްވެސް މީހެއްގެ މައްޗަށް އެއްވެސް ކަމެއް ތުހުމަތެއްނުކުރޭ. ފުލުހުންގެ ފަރާތުން ނަގަންޖެހޭ ހުއްދަ ނުނަގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުންކުރި ވާހަކަ ފުލުހުން ވިދާޅުވީ. ފުލުހުން އެދިވަޑައިގެންނެވީ ކުރިން ހުއްދަ ނަގައިގެން އެއްވުންތައް ބޭއްވުމަށް،" ހަބީބު ވިދާޅުވިއެވެ. އެގޮތަށް ނަސޭހަތް ދެއްވުމަށްފަހު އެމީހުން ދޫކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
މިއަދު ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޑެޕިޔުޓީ މޭޔަރު ޔަސްރިފާއި، އެމްޑީޕީ އައްޑޫ ސިޓީ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބުރޭ) އާއި، އެމްޑީޕީ ހިތަދޫ މެދުދާއިރާގެ ރައީސް މޫސާ މުހައްމަދެވެ. އޭގެ އިތުރަށް މަރަދުއަށް ނިސްބަތްވާ އަބްދުﷲ ލާހިބު ކިޔާ ކުއްޖަކާއި، ފޭދޫ ކުއްޖެއް ކަމަށްވާ މާއިޝް މުހައްމަދާއި، ނަސީރު ކިޔާ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ސްޕްރީމްކޯޓުން މިމަހު އެކެއްގައި ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައި ބާއްވަމުންދާ މުޒާހަރާގެ ތެރެއިން މާދަމާވެސް އައްޑޫ ސިޓީގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ވެހިކަލް ބުރެއް ކަމަށް އިންތިޒާމްކުރާ ފަރާތުންވަނީ ބުނެފައެވެ.