ދޫގަހުގެ ކޮންސެޕްޓް ޑިޒައިން އިފްތިތާހުކޮށް އެތަން ތަރައްގީ ކުރުމަށް އެމްޕީއެލްއަށް

އައްޑޫ ސިޓީގަމުގެ "ދޫގަސް" އަލުން ތަރައްގީ ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ރަސްމީގޮތުން މިރޭ ހަވާލުކޮށްފިއެވެ.

ސިޓީހޮޓަލެއްގެ ގޮތުގައި އެތަން އަލުން ތަރައްގީކޮށް ހުޅުވުމަށްޓަކައި މިރޭވަނީ އެތަނުގެ "ކޮންސެޕްޓް ޑިޒައިން" އިފްތިތާހު ކޮށްފައެވެ. އެ ކޮންސެޕްޓްގެ ދަށުން ދޫގަސް ތަރައްގީކޮށް ނިމޭއިރު 40 ކޮޓަރި ހުންނާނެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން އިތުރު 80 ކޮޓަރި ތަރައްގީ ކުރާނެ ކަމަށް އެމްޕީއެލްއިންވަނީ ބުނެފައެވެ. އެތަން ތަރައްގީ ކުރަނީ ޖުމްލަ 120 ކޮޓަރީގެ ހޮޓަލެއްގެ ގޮތުގައެވެ. އެތަނުގެ މަސައްކަތް ފަށައި ކުރިއަށްއޮތް ފަސްމަސްތެރޭ އެތަން ނިންމައި ޚިދުމަތަށް ނެރެވޭނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެތަން ތަރައްގީ ކުރުމަށް އެމްޕީއެލްއާ ހަވާލު ކުރުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއްނޫން ކަމަށެވެ. ދެކުނުގެ ފަތުރުވެރިކަން ވަޅުޖަހައިފައިވަނިކޮށް އެމްޕީއެލްއާ އެކަން ހަވާލުކުރުމަށް މިހާރުވަނީ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލަތަކެއް ގެންނަވާފައި ކަމަށެވެ.

"ދަތުރުފަތުރުގެ ނިޒާމަކީ ރައްޔިތުންގެ އިތުބާރު އެއްވެސް ވަރަކަށް ލިބިފައިވާ ކަމެއްނޫން އެމްޕީއެލްއާ ހަވާލުވިއިރު. ނަމަވެސް މިއަދު އެމްޕީއެލްއިން ސަދަން ޓްރާންސްޕޯޓު ލިންކުގެ ނަމުގައި ސްޕީޑް ބޯޓުގެ ޚިދުމަތާއި، ފެރީގެ ޚިދުމަތާއި އަދި އެއްގަމުގައި ބަހުގެ ބަހުގެ ޚިދުމަތް ފުއްވައްމުލަކު އަދި އައްޑޫސިޓީގެ ރައްޔިތުންނަށް ދެއްވަމުން އެބަގެންދަވާ ވަރަށް މުރާލިކަމާއެކު. އެހެންވީމާ އެމްޕީއެލްއާ ދޫގަސް ތަރައްގީ ކުރަން ހަވާލު ކުރުމަކީ ހައިރާންވާންޖެހޭ ކަމެއްނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވީ ގަމުގައި ގާއިމްކޮށްފައިވާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަބަބުން ގަންވެފައިވަނީ އައްޑޫ އިގްތިސާދުގެ ވަރަށް މުހިންމު މަންޒިލަކަށް ކަމަށެވެ. ގަމުގައި ދޫގަސް ތަރައްގީ ކުރުމުން އިގްތިސާދު އިތުރަށް ރަނގަޅުވެ އޭގެ ފައިދާ އައްޑޫ ރައްޔިޔިތުންނަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތާރިގު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ރައްޒާގު ހަލީމާއި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ އާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ އިތުރު މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.