ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައދިނުމަށް މަޝްވަރާ ކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގައި ހުންނަޕާކިސްތާނުގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހެޑް ޒުލްގަރްނައިން އަޙްމަދް އާއި ބައްދަލުކުރައްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ އަދި ޕްރޮގްރާމް އޮފިސަރ ޢައިޝަތު ސާހާ ސޮބާހްއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ލަހޯރގައި ހުންނަ ބީކަންހައުސް ޔުނިވަރސިޓީއިން ސާރކް ޤައުމުތަކުގެ ދަރިވަރުންނަށް އާރޓް އަދި ޑިޒައިން ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ދެވޭ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މިފަދަ ހުނަރުވެރި ކުދިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީތަކުގެ ތެރެއިން ބިހޭވިއަރަލް ތެރަޕީއަށް ޚާއްސަ ތެރަޕިސްޓުންނާއި އެނަލިސްޓުން ތަމްރީނުކުރުމުގައި މި ދާއިރާގައި މަސައްކަތް ކުރަމުންދާ ޕާކިސްތާނުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ.

އެއާއެކު، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި ގުޅިގެން ކުރިއަށްގެންދިޔަ "ގެވެށި ގުޅުން" ކެމްޕެއިން އަލުން މުރާޖާކޮށް، އައު ޕްލޭންތަކަކާއެކު އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތަކާ އެކީގައި ކުރިއަށް ގެންދިއުމަށްވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އިބަމަ ގްރޫޕުތަކާއެކު މި މަސައްކަތްކުރުމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި، މެދު ކެނޑުމެއްނެތި މިފަދަ އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއެޅުމެވެ. "ގެވެށި ގުޅުން" ކެމްޕެއިނަކީ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ އަނިޔާ ލިބެމުންދާ ފަރާތްތައް ރައްކާތެރިކޮށް، ގެވެށި އަނިޔާއާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށް 2022 ވަނަ އަހަރު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށެވެ. އެކަމަނާ ވިދާޅުވީ، ޕާކިސްތާނު ހައި ކޮމިޝަންއާއި ގުޅިގެން މުހިންމު، ދެމެހެއްޓެނިވި މަސައްކަތްތަކެއް ވަރަށް އަވަސް މުސްތަޤްބަލެއްގައި ފެށިގެންދާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.