'ވެލްކަމް ޓު ނިއުޔޯކް' ގައި ވާ ރާހަތް ފަތަހަ އަލީ ޚާންގެ ލަވަ ނަގައި އަލުން އިންޑީއާ މީހަކު ލައްވާ ޑަބް ކުރުވުމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރެއް ކަމުގައިވާ ބާބުލް ސުޕްރިޔޯ ގޮވައިލައްވައިފައެވެ. ސުޕްރިޔޯ އަކީ ކުރީން ލަވަ ވދާޅުވި ބޭފުޅެކެވެ.
އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ މައްސަލަތައް ބޮޑުވަމުން ދާ ދުވަސްވަރެއްގައި ކްރޮސް ބޯޑަރ އެންޓަރޓެއިންމަންޓްގެ ބޭނުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސުޕްރިޔޯ ވިދާޅުވި ކަމަށް މީޑީއާގައި ރިޕޯޓްކޮށްފައި ވެއެވެ. އެހެން ކަމުން 'ވެލްކަމް ޓު ނިއުޔޯކް' ގައި ރާހަތް ފަތަހަ އަލީ ޚާން ކިޔައިފައިވާ ލަވަ އަލުން އިންޑިއާ މީހަކު ލައްވާ ޑަބް ކުރުވަން ޖެހޭ ކަމަށް ސުޕްރިޔޯ ވިދާޅުވި ކަމަށް ވެއެވެ. އަދި އަރިޖީތް ސިންގހް އަށް މާ މޮޅަށް 'ދިލް ދިޔާ ގަލާން' ކިޔޭނެ ކަމަށާއި ނަމަވެސް އެފުރުސަތު އާތިފް އަސްލަމް އަށް ލިބުނު ގޮތެއް ވިސްނިވިޑައި ނުގަންނަވާ ކަމަށް ވިދާޅުވިކަމަށް ވެސް ވެއެވެ.
އާތިފް އަސްލަމް އާއި ރާހަތް ފަތަހް އަލީ ޚާން އާއި މެދު އޭނާ ގެ މައްސަލައެއް ނެތް ކަމަށާއި މައްސަލަ އޮތީ އެމީހުންގެ އުފަން ގައުމު ކަމަށްވާ ޕަކިސްތާނާއި މެދު ކަމަށް ސުޕްރިޔޯ ވިދާޅުވި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އާތިފް އާއި ރާހަތް އަކީ ވަރަށް މޮޅު ލަވަކިޔުންތެރިން ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ހޫނުވެ ބޮލީވުޑްގައި މަސައްކަތް ކުރަމުން ދިޔަ ޕާކިސްތާނުގެ ތަރީންވެސް ވަނީ އެނބުރި ޕާކިސްތާނަށް ގޮސްފައެވެ.