ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުން އިތުރަށް ގޯސް ކުރުމަށް މަގުމައްޗަށް ނުކުތުމުގެ ބަދަލުގައި ވޯޓުކަރުދާސް އަތަށް ލިބެންދެން މަޑު ކުރުމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވި ރައްޔިތުން މަގުމައްޗަށް ނުކުތުމުން ރާއްޖޭގައި ހަމަނުޖެހުން ބޮޑުވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންވީމާ ގައުމު ފަސާދަ ކުރަން މަސައްކަތްކުރާ އެއްވެސް ބަޔަކަށް ހިތްވަރުލިބޭ ފަދަ ކަމެއް ނުކުރުމަށް ރަށްރަށުގައި އުޅޭ މީހުންނާއި، މާލޭގައި އުޅޭމީހުންނަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.
ތިޔަ ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީއަށްވަންނެ ކަމެއް ނެތެވެ. "އެކަމަކު ތިޔަބޭފުޅުން ބޭނުންވާ އެއްޗެއް ވިދާޅުވުމަށް އަންނާނެޔޭ ވޯޓުކަރުދާސްކޮޅު އެހިސާބަށް މަޑުކޮށްއްލަވާށޭ. މަގުމަތީގައި މިޖަހާ ސަކަރާތުގައި ބައިވެރިވެ ވަޑައި ނުގަންނަވާށެވެ.
އާރިފް ވަނީ ނޫސްވެރިންވެސް މުޒާހަރާ ކަވަރުކުރަން ނުކުމެ އުޅޭއިރު ގާނޫނާއި ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ރާއްޖޭގެ އަމާންކަން ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ.
"ހީނުކުރާތި މީޑިއާފާހެއް ތިމަންނަގެ ކަރުގައި އަޅާލުމުން ތިމަންނަމިހުރީ ހުރިހާ ކަމަކުން ސަލާމަތްވެފައޭ. އެހެންނުވާނެ. ދިވެހި ދައުލަތުގައިވެސް އަދި އެހެން ދައުލަތްތަކުގައިވެސް ވަކިމީހަކަށް ވަކިގޮތެއް ހަދާ ގާނޫނޫ އަސާސީއެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގައި ކުރީގެ ދެ ރައީސަކާއި، ނާއިބު ރައީސަކާއި، މަޖިލީސް މެންބަރުންތަކަކާއި، މިނިސްޓަރުންތަކެއްވެސް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑު މިދަންނަވަނީ މީޑިއާ ފާހެއް އެޅުމަކުން އެމީހާ ހުރިހާ ކަމަކުން މިނިވަންވީއެއް ނޫނޭ. ޒިންމާތަކަކާ އެކޮއްނޭ ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި ނުވަތަ ކަރުފުޅުގައި ތިޔަ އަޅުއްވާ ފާސްވެސް ތިޔައަޅުއްވަނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެންވެސް ޒިންމާ އަދާކުރުމުގައި ހަރުދަނާވުމަށް ގޮވައިލައްވާ ކަމަށެވެ. އެއްވެސް ޕާޓީއެއްގެ އެއްވެސް މީހަކަށް އެއްވެސް ކަހަކަ ގެއްލުމެއް ނުވަތަ އަނިޔާއެއް ވާން ބޭނުންނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އަނިޔާއެއް ލިބިދާނެ އެއްވެސް ކަމަކަށް ހިތްވަރު ދީގެންވެސް ނުވާނެ. އަދި ބާރުދީގެންވެސް ނުވާނެ،" ނޫސްވެރިންނަށް އޭނާ ގޮވައިލެއްވިއެވެ.