ދީޕިކާ ޕަދުކޯން އާއި އިރްފާން ޚާން އެކުގައި ކުޅޭ ދެވަނަ ފިލްމުގެ ނަން ހާމަކޮށްފިއެވެ. މި ފިލްމުގައި ދީޕިކާ ކުޅޭނީ 80ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގައި އުޅުނު މާފިއާގެ ރާނީ ސަޕްނާ ދީދީ ނުވަތަ ރަހީމާ ޚާން ގެ ރޯލެވެ. މާފިއާ އަށް ނިސްބަތްވާ މީހެއްގެ ރޯލަކީ މީގެ ކުރީން ދީޕިކާ ކުޅެފައިވާ ރޯލެއް ނޫނެވެ. ސަޕްނާ ދީދީ އަކީ އެހެން ގޭންގްސާޓަރުންނަށް ވެސް ބޮޑު ބިރަކަށްވީ މީހެކެވެ. ފިލްމުގައި ސަޕްނާ ދީދީގެ ރޯލު އަދާ ކުރުމަށްޓަކައި ދީޕިކާ މިހާރު ދަނީ ސަޕްނާގެ ދިރުއުޅުމާއި ހަރަކާތްތައް ދިރާސާ ކޮށް އެ ކެރެކްޓަރ އަށް ތައްޔާރު ވުމުގެ މަސައްކަތް ފަށާފައެވެ. ފިލްމުގެ ޝޫޓިން ފާށާނެ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވަނީ އަންނަ މާޗް މަހު އެވެ. ފިލްމު ޝޫޓް ކުރާނީ މުމްބާއީގައެވެ.
ރާނީގައި އިރްފާން ޚާން ކުޅޭނީ ސަޕްނާ ދީދީގެ ފިރިމީހާގެ ރޯލެވެ. އޭނާ އަކީ ވެސް ގޭންގްސްޓާރެކެވެ. އޭނާގެ ނަމަކީ ކާލިޔާ އެވެ. މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އިރުފާން ޚާން އާއެކު ދެވަނަ ފަހަރަށް މަސައްކަތް ކުރާން ފުރުސަތު ލިބުމުން އެނާ ވަރަށް އުފާވާ ކާމަށެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދާއިރު އޭނާ އަލުން ދަރިވަރަކަށް ވާނެ ކަމަށާއި އިރުފާނާއި ފިލްމުގެ ޑައިރެކްޓަރުގެ ފަރާތުން އާ ކަންކަން ދަސްވާނެ ކަމަށްވެސް ދީޕިކާ ބުނެފައިވެއެވެ. ދީޕިކާ ސިފަކުރާ ގޮތުގައި އިރުފާނަކީ މޮޅު އެކްޓަރެއްގެ އިތުރުން ވަރަށް ހިތް ހެޔޮ ޚުލްގު ރަނގަޅު މީހެކެވެ. ހުރިހައި ގޮތަކުންވެސް މިފިލްމުގައި މަސައްކަތް ކުރާން ލިބުނު ފުރަސަތަކީ ވަރަށް ޚާއްޞަ ފުރުސަތެއް ކަމަށް އޭނާ ބުނެފައިވެއެވެ.