ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާ ރާއްޖޭގެ މަސްރަޙް ފިނިކުރުމަށްޓަކައި ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރަން އދ. އިން ނިންމައިފިއެވެ.
އދ. އިން އެކަން ރަސްމީކޮށް އިއުލާން ކުރެއްވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާން ސްޓެފަން ޑުޖުރިކްއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއެކު އދ. އިން ވަރަށް އަވަހަށް މަޝްވަރާ ކުރަން ފަށާނެ ކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ނިމި މަސްރަޙް ފިނިވެގެން ދިޔުމަކީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.
އދ. އިން މިގޮތަށް ނިންމިއިރު ދާދިފަހުން އިދިކޮޅު ލީޑަރުން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް ސިޓީފުޅެއްވެސް ފޮނުވާފައެވެ. އެއީ ސަރުކާރާއެކު އިދިކޮޅު ލީޑަރުން ކުރައްވާ މަޝްވަރާގައި އދ. އިން މެދުވެރިޔެއްގެ ރޯލު އަދާކޮށް ދިނުމަށް އެދިއެވެ. އިދިކޮޅު ލީޑަރުން ވިދާޅުވެފައި ވަނީ އދ. މެދުވެރިޔެއްގެ ރޯލު އަދާކޮށްގެން މަޝްވަރާ ފެށުމަށް އެދުނު ނަމަވެސް އެކަން ފަށާނީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ސަރުކާރުން ސިޔާސީ ލީޑަރުން މިނިވަންކޮށް ދޫކޮށްލުމުންނެވެ.
ސަރުކާރާއެކު އިދިކޮޅު ލީޑަރުން މަޝްވަރާ ފަށާއިރު އދ. މެދުވެރިޔެއްގެ ރޯލު އަދާކުރަން އިދިކޮޅު ފަރާތްތަކުން އެދުނު ނަމަވެސް ސަރުކާރުން ވަނީ ފުރަތަމަ މަރުޙަލާގައި ބޭރުގެ އެއްވެސް ބަޔަކު މަޝްވަރާގައި ބައިވެރިކުރަން ދެކޮޅު ހަދާފައެވެ.