މައުމޫނާއި، ނަޝީދާއި، އިމްރާނަކީ ޣައްދާރުން:އަދުރޭ

ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ރައީސް ނަޝީދާއި، ޝެއިޚް އިމްރާނަކީ ޣައްދާރުން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަބްދުރަހީމް ވިދާޅުވީ މިގައުމަށް ޣައްދާރުވެފައިވާ ހަތަރު މީހަކުއެބަތިބި ކަމަށެވެ. "ގާސިމަކީ މިގައުމަށް ޣައްދާރުވެފައިވާ މީހެއް، އަންނިއަކީ ޣައްދާރެއް، މައުމޫނަކީ ޣައްދާރެއް، އިމްރާނަކީ ޣައްދާރެއް، މިއީ ފަހުގެ ތާރީޚުގައި މިގައުމުދުށް އެންމެ ވަރުގަދަ ހަތަރު ޣައްދާރުން،" އޭނާ ވިދާޅުވިއެވެ.

"އޭގެތެރެއަށް އިތުރުވަނީ އަބްދުﷲ ރިޔާޒަކާއި، ޖަމީލަކާއި، އުމަރަކާއި، މިހެންގޮސް ބޮޑު ޓީމެއްވެއްޖެ. މިފުޅާ ކޯލިޝަނަށްވުރެ މި މީހުންގެ ކަންތައް ބޮޑުވާނެ. އިރުކޮޅަކުން ތަޅައިގަންނާނެ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގާސިމަށް ކުރިމަތި ނުލެވޭކަމަށްވާނަމަ ރިޔާސި ކެންޑިޑޭޓަކަށް ނުކުންނަވާނީ ޑރ. ޖަމީލް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން އެހެންވާ ހިސާބުން އުމަރު ނަސީރާއި، ޖަމީލް ތަޅައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުމަރު އަބްދުﷲ ރިޔާޒަށް، ރިޔާޒު އުމަރަށް ދުލެއްނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ޖަމީލް ނެރެގެން އޭނާގެ ފަހަތުން ނުކުންނަން އުމަރު އެއްބަސްނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ހަމަ ކޮކްޓެއިލަކަށްވާނީ. އުމަރު ނަސީރަކީވެސް ވެރިކަން ބޭނުންވެގެންއުޅޭމީހެއް. އަބްދުﷲ ރިޔާޒަކީވެސް ހަމަ އޭގެ މީހެއް. ވެރިކަމަށް ވަޑައިގަންވަން ބޭނުންފުޅު ކަމަށްވާނަމަ ރައްޔިތުންނަށް ދަރައިފައިވާ ދަރަނި އަދާކުރަން ގާސިމަށް ދަންނަވަން. އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ފައިސަ ތިޔަގޮތަށް ހިފަހައްޓަވައިގެން ނުހުންނަވާށޭ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވަންޏާ،" އަދުރޭ ވިދާޅުވިއެވެ.

ގާސިމަކީ ވެރިކަމަށް ކުރިމަތިލައްވަން ފުރުސަތުއޮތް ބޭފުޅެއްނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. ގާސިމަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޝައިޚް އިމްރާނަކީވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.