ޖާވީދް އަޚްތަރްގެ އަންހެން ދަރިފުޅު ޒޯޔާ އަޚްތަރުގެ ފިލްމު 'ގަލީ ބޯއި' ގެ ފުރަތަމަ ލުކް އާއްމުކޮށްފި އެވެ. މި ފިލްމުގެ ލީޑް ރޯލު ކުޅެނީ އާލިއާ ބަޓް އާއި ރަންވީރް ސިންގހް އެވެ.
އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އާލިއާ ބަޓް ހުންނަނީ ބުރުގާ އަޅާފައެވެ. އަދި ރަންވީރު ސިންގހް ހުންނަނީ ހުޑީ އެއް އަޅާފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އާލިއާގެ މޫނުގައި އަނިޔާގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ.
މިފިލްމުގެ ފޮޓޯތަކެއް މީސްމީޑިއާގައި ކުރީންވެސް ވައިރަލް ވެގެން ގޮސްފައިވެއެވެ. އެހެންނަމަވެސް މިއީ ރަސްމީކޮށް ފޮޓޯ އާއްމު ކުރެވުނު ފުރަތަމަ ފަހަރެވެ. ފިލްމު ނެރޭން ތާރީޚާ އެކު ފޮޓޯ ފުރަތަމަ އާއްމުކުރީ ޓްރޭޑް އެނެލިސްޓެއް ކަމަށްވާ ތަރަން އެވެ. އޭނާ އަކީ ފިލްމް ކްރިޓީކް އެއްވެސް މެއެވެ. އާލިއާވެސް ވަނީ އޭނާގެ އިންސްޓެގްރާމްގައި ފޮޓޯ ހިއްސާކޮށްފައެވެ.
ފިލްމާ ބެހޭ ގޮތުންސ ކުރީން ރަންވީރު ވަނީ މީޑިއާ އާއި ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ މުމްބާއީގައި ވަރަށް ދަތި ހާލުގައި ދިރިއުޅޭ ފިރިހެން ކުއްޖެއްގެ ވާހަކައެވެ. މިއީ ޒޯޔާއާ އެކު ރަންވީރު މަސައްކަތް ކުރާ ދެވަނަ ފަހަރެވެ.
ރަންވީރް އާއި އާލިއާގެ އިތުރުން ކަލްކީ ކޯޗްލީން އާއި އަކަންކްޝާ ޕޫރީ އާއި ވިޖޭ ވަރްމާ އަދި އަލީ އަސްގަރު ވެސް ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅޭނެއެވެ.