ކިރުއިލޮށި - 52

(7 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރީދާއާ ދިމާއަށް ހަޅޭއްލަވައިގަތުމަށްފަހު ، ސާރާ ބާރަށް ހިނގައިގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފަރީދާ އިތުރަށް ވާހަކަ ދައްކަން ފެށީމަ ، ދެންހެވޭ ބުނެ ، ޒަރީނާ ، ފަރީދާ ހުއްޓުވިއެވެ. ފަރީދާގެ ކުޅިވަރު އެހިސާބުން އެމީހުންނަށް އެނިމުނީއެވެ. އިތުރަށް ބަރުބާދުވާކަށް ތަނެއް ނެތެވެ. އަދި މިކަން މިހިސާބުން މިނިމުނީއޭ ބުނެ ފަރީދާ އެގެއިން ދިއުމަށް އެދުނެވެ.

ހަރީމްގެ ސާޖަރީ ހެދުމަށްޓަކައި ތިއޭޓަރަށް ވެއްދިފަހުން ، ޚައިރާދުގެ ލޮލުން ކަރުނަ ހިކޭ އެންމެ ހިދުކޮޅެއްވެސް ނުދެއެވެ. އޭނާހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ﷲ ގެ މަތިން ހަނދުމަކޮށް ، އޭނާގެ ދަރިފުޅަށް ޝިފާ ދެއްވުންއެދި އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުމުގައެވެ. އެންމެފަހަރަކުވެސް ތަނެއްގައި އިށީނދެނުލައެވެ. ދޮރެއްގައި ލެނގިލައިގެން ޚައިރާދު ރޯން ހުއްޓައި ، އަޝްހަރު އައިސް ޚައިރާދު ގާތަށް ޖެހިލިއެވެ. ޚައިރާދުގެ ކަންބޮޑުވުމުން އަޝްހަރުގެ ހިތަށް އަސަރު ކުރިއެވެ. ތަނެއްގައި އިށީނދެ ހަމަޖެހިލުމަށް އެދުނެވެ. ޚައިރާދު ، އަޝްހަރާ ހަތަރުކަޅިހަމަކޮށް ، ލޮލުން އޮހޮރެމުންދާ ކަރުނަތަކާއެކު ، އޭނާގެ ހިތުގެ ވޭނީ އުދާސްތައް ބަންޑުން ކޮށްލިއެވެ. ހަރީމް ރަނގަޅުވާނެދޯއޭ ބުނެ ސުއާލުކުރިއެވެ. ﷲ އިރާދަކުރެއްވިއްޔާ ހަރީމް ރަނގަޅުވާނެކަމުގައި ބުނެ ޚައިރާދުގެ ހިތްހަމަޖައްސައިދެވޭތޯ އަޝްހަރު މަސައްކަތް ކުރިއެވެ. ޚައިރާދު ، އެހުރިތަނުން ގުޑާލާކަށް ނުވިސްނިއެވެ. ރޮމުން ރޮމުން އަޝްހަރާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ހަރީމަށް ގޮތެއް ވެއްޖިއްޔާ އޭނާ ދިރި ދުނިޔޭގައި ހުންނާނީ ކިހިނެއްތޯ ސުއާލުކުރިއެވެ. އެދެމީހުންގެ ދަރިފުޅަކީ އަދި ތުއްތު ކުއްޖެކެވެ. ދުނިޔޭގެ އެއްވެސްކަމެއް އެކުއްޖާފުޅަކަށް އަދި ނުފެނެއެވެ. އެއީ ޚައިރާދުގެ ފުރާނައެވެ. ހަރީމްގެ ބައްޕަޔަކީ ހިތްވަރުގަދަ ބައްޕައެއްކަމުގައި ޚައިރާދު ވަނީ ހަރީމްގާތު ބުނެފައެވެ. ހަރީމް ރަނގަޅުވާނެ ދޯއެވެ ؟

އަޝްހަރުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. އަދި ، ﷲ ގެ އިރާދަފުޅާއި މިންވަރުފުޅާއެކު ، އެމީހުންގެ ދަރިފުޅު އެއްކޮށް ރަނގަޅުވާނެކަމުގައި ބުންޏެވެ. އަދި އެދަރިފުޅު ،  ﷲ ގެ ވާގިފުޅާއެކު ރަނގަޅުކުރުން އެއީ ޚައިރާދަށް އޭނާވާ ވަޢުދެއްކަމުގައި އަޝްހަރު ބުންޏެވެ. ޚައިރާދަށް ރޮވެމުންގޮސް ، އަޝްހަރުގެ މޭގައި ބޯ ޖައްސައިލެވުނެވެ. އަޝްހަރުގެ އަތް އުފުލި ، ޖައްސަން ނުޖައްސަން އުޅެމުންގޮސް ޚައިރާދުގެ ބޮލުގައި އަތްޖައްސާލައި ފިރުމައިލިއެވެ. އަދި މަޑުމަޑުން ޚައިރާދުގެ އަތުގައި ހިފައި އަތުލަފިކޮށްގެން އެތަނުން ގެންދިޔައެވެ.

ސާރާގެ އެނދުމަތީ ނެތް އެއްޗެއް ނެތެވެ. މުޅި އެނދު އޮތީ އުކާލެވިފައިވާ އެކިބާވަތުގެ ތަކެތިން ފުރިފައެވެ. ކަރުދާހާއި ފޮތާ އަދި ތަށްޓާއި ވަޅިއެވެ. ރީތިވާން ބޭނުންކުރާ އެކި ސާމާނެވެ. އަތުގައި އޮތް އަލިފާންފޮށިން ދަނޑިއެއް ނަގައި ރޯކޮށްލިއެވެ. ސާރާ އެއިނީ ހަމައިގާ ނޫންކަން ، ރުޅިވެރިކަމުން ފުރިގެންވާ އޭނާގެ ބޮޑުދެލޮލުން ހެކިކޮށް ދެއެވެ. ރޯކޮށްލި އަލިފާން ދަނޑި ތަށްޓެއްގެ ތެރެޔަށް ވައްޓާލައި އަނެއް ދަނޑި ރޯކޮށްލިއެވެ. އޭގެ ހުޅުކޮޅާ އިނގިލިން ކުޅެލިއެވެ.

ސާރާ އެޙާލުގައި އިންދާ ފޯނެއް އައެވެ. އެއީ ކައިސަރުގެ ފޯނެކެވެ. ފޯނު ނެގުމަށްފަހު ، ރުޅިވެރިކަމާއެކު ކިހިނެއްވީހޭ އެއްސެވެ. ކައިސަރު ފޯނުކުރީ ސާރާއާ ވާހަކަ ދައްކައިލުމަށް ބޭނުންވެގެންނެވެ. ސާރާގެ ރުޅިވެރި ބަސްތައް ކުރުވެފައި އަޑުގަދައެވެ. ކައިސަރު ފޯނުކުރީ އެހެން އަހައިލަންވެގެންތޯ ސާރާ ސުއާލުކުރިއެވެ. އަދި ހުސްއަނގަ ނުތަޅާ ، ބޭނުންވާ ކަމަކުން ވާހަކަ ދައްކަން ސާރާ އަމުރުކުރިއެވެ. ބޭނުންކަމަކީ ހެއްޔެވެ ؟ ކައިސަރު އަޅައަޅައިގެންފައި ސުއާލުކުރިއެވެ. ސާރާއާ ކައިވެނި ކުރުމަށްޓަކައި ރަސްމީގޮތުން ހުށަހެޅުމަށް ކައިސަރުވަނީ ، ފަރީދާ އެގެޔަށް ފޮނުވާފައެވެ. ފަރީދާ އެގެޔަށް ދިޔައީ ، ކައިސަރުގެ މަންމައެއްގެ ޙައިޞިއްޔަތުންނެވެ. އެމީހުންގެ އެ ގުޅުމަށް ސާރާ އުފާކުރަންތޯ ކައިސަރު އެހިއެވެ. ކައިސަރުގެ ވާހަކަ ނުނިމެނިސް ، ސާރާ އާނއެކޭ ބުންޏެވެ. އޭނާގެ އަޑުގައިވާ ފޫއްސާއި ނަފުރަތާ އަދި ރުޅިވެރިކަން ، ފޯނުން ކައިސަރަށް އިޙްސާސް ނުކުރެވެނީކަމަށް ވެދާނެއެވެ.

ސާރާ ވަރަށް އުފާވާ ކަމަށް ބުންޏެވެ. އަދި ، އޭނާއެހުރީ އުފަލުންގޮސް މޮޔަވެފައެވެ. ސާރާގެ ފައިދަށުގައި ބިންގަނޑެއްވެސް ނެތެވެ. އެހާވެސް އޭނާ އުފާވެއެވެ. ސާރާއަށް ކިހިނެއްވެފައިތޯ އާއި މައްސަލަޔަކީ ކޮބައިތޯ ކައިސަރު ސުއާލުކުރިއެވެ.

ސާރާއަށް ވީގޮތް އޭނާ ކައިސަރަށް ސާފުކޮށްދިނެވެ. ކައިސަރުގެ އަޑު އޭނާގެ ކަންފަތުގައި ޖެހޭކަށް ސާރާ ބޭނުމެއްނޫނެވެ. ކައިސަރުގެ މޫނު ފެނިލާކަށްވެސް ބޭނުމެއްނޫނެވެ. އަދި ކައިސަރުގެ ޙާޟިރެއްވެސް އޭނާއަކަށް ބޭނުމެއްނޫނެވެ. ސާރާ ބޭނުންވަނީ ، ކައިސަރު އޭނާގެ ފަހަތުން އަޅައިގަނެގެން ދުވުން ދޫކޮށްލުމަށެވެ. ސާރާއަށް ވެގެން އުޅެނީ ކީއްތޯ އަނެއްކާވެސް ކައިސަރު ސުއާލުކުރިއެވެ.

" ކައިސަރުގެ ދެކަންފަތް ރަނގަޅަށް ސާފުކޮށްލާފައި ، ރަނގަޅަށް ހުޅުވައިގެން މިބުނާބަހުގެ އަޑުއަހާށެވެ. ދުވަހަކުވެސް އަހަރެން ، ކައިސަރަކަށް ނުލިބޭނެއެވެ. އަހަރެންނެއް ކައިސަރަކާ ކައިވެންޏެއް ނުކުރާނަމެވެ. " ސާރާ ބުންޏެވެ.

އެއީ ކީއްވެތޯ ކައިސަރު ސުއާލުކުރިއެވެ. ކައިވެންޏަށް ރުހި ،  އާނބަސްބުނީ ސާރާ އަމިއްލަޔަށެވެ. ކައިސަރުގާތު ، އެވަޢުދުވީ ސާރާ އަމިއްލަޔަށެވެ. އަހަރެންދެކެ ސާރާ ލޯބިވަމެއް ނޫންހެއްޔެވެ ؟ ކަންބޮޑުވެފައިހުރި ކައިސަރު ސުއާލުކުރިއެވެ.

ސާރާ ދުވަހަކުވެސް ކައިސަރުދެކެ ލޯތްބެއް ނުވެއެވެ. ކުރިންވެސް ނުވެއެވެ. އަދި ފަހުންވެސް އެއީ ވާނެކަމެއްނޫނެވެ. ކައިސަރަށް ސާރާ ދެއްކީ ލޯބީގެ ޑްރާމާއެކެވެ. އެ ޑްރާމާ ސާރާ ކުޅުނީ ، އެމީހުން އެންމެން މަޅީގައި ޖައްސައިގެން އޭނާގެ އަމިއްލަ އެދުމެއް ފުއްދަން މަސައްކަތްކުރި އަންހެނާ ބުނެގެންނެވެ. އެއީ އެއަންހެނާގެ ޙީލަތްތެރި ރޭވުމެކެވެ. އަދި ދެން އޭނާއަށް ފޯނު ނުކުރުމަށް ކައިސަރުގާތު ބުނެ ، ރުޅިއައިސް ރަތްވެފައި ، ފޯނު ކަނޑައިލިއެވެ.

ހަރީމް ތިއޭޓަރަށް ވެއްދިތާ އެތައް އިރެއް ވެއްޖެއެވެ. ތިއޭޓަރު ކުރިމަތީހުރި ގޮނޑިއެއްގައި ޖައްސާލައިގެން ، ޚައިރާދާއި އަޝްހަރު ތިއްބެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ހިތްދަތިކަމެވެ. ކުއްލިޔަކަށް ތިއޭޓަރުން ޑޮކްޓަރ ނުކުތެވެ. އަދި އަޝްހަރުގާތަށް އައިސް ، ހަރީމް މުޅިން ބާރާބަރު ކަމަށާއި އެއްވެސް ވަރަކަށް ކަންބޮޑު ނުވުމަށް ޑޮކްޓަރ ބުންޏެވެ. ޚައިރާދަށް އެވަގުތު ރޮއެ ގަނެވުނެވެ. ދެއަތް އުފުލައި ﷲ އަށް ޙަމްދުކޮށް ޝުކުރު ދެންނެވިއެވެ. އަޝްހަރަށްވެސް އުފަލުންގޮސް ރޮވުނެވެ. އަދި ޑޮކްޓަރުގެ ގައިގާ ބައްދާލައި އޭނާއަށް ޝުކުރު އަދާކުރިއެވެ. އެމީހުންނަށް ހަރީމް ދެކެލަން ވަދެލެވިދާނެތޯ ޚައިރާދު ސުއާލުކުރިއެވެ. ޚައިރާދު ކަންބޮޑު ނުވުމަށާއި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ޑޮކްޓަރ ބުނެ ، ދެގަޑިއިރެއްހާއިރު ފަހުން އެމީހުންނަށް ހަރީމް ދެކިލަން ވަދެވޭނެކަމަށް ބުނެ ހިތްވަރު ދިނެވެ.

ޚައިރާދުގެ އުފާވެރިކަމުގެ ކަރުނަތައް އޭނާގެ ލޮލަކަށް ނުއޮބެހެއްޓުނެވެ. ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ ދަރިފުޅު ، އަދި އެމީހުންގެ ދަރިފުޅަށްޓަކައި ހުރިހާ ދޮރެއް ހުޅުވުނީކަމުގައި އަޝްހަރުގާތު ޚައިރާދު ބުންޏެވެ. އަޝްހަރުގެ އިޙްސާންތެރިކަން ދުވަހަކުވެސް ހަނދާން ނައްތައިނުލާނެކަމަށް ބުނެ އަޝްހަރަށް ޝުކުރު އަދާކުރިއެވެ. އެއިރު އަޝްހަރުގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ފައިބަމުން ދިޔައެވެ. އަޝްހަރާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ، ފަހަތަށް އެނބުރިލައި ޚައިރާދު ހިނގައިގަތެވެ. ހަމައެއާއެކު ، ޚައިރާދު އެދަނީ ކޮންތާކަށްތޯ އަޝްހަރު ސުއާލު ކުރިއެވެ.

ޚައިރާދު އެދަނީ ﷲ އަށް ޝުކުރުގެ ނަމާދެއް ކުރާށެވެ. ޝުކުރު އަދާކުރުން ޙައްޤު ފަރާތަކީ އެއީއެވެ. ޚައިރާދު ގޮސް އޭނާގެ ނަޒަރުން ގެއްލެންދެން ، ޚައިރާދާ ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެފައި އަޝްހަރު ހުއްޓެވެ. އަދި ފޯނުނަގައި މަންމަޔަށް ގުޅައި އޭނާގެ ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުކަމަށާއި ހުރިހާކަމެއް ރަނގަޅުކަމުގެ ޚަބަރު ދިނެވެ. ފަރީދާވެސް އެކަމާ އުފާކުރާކަމަށް ބުންޏެވެ. އަދި ހަރީމަށްޓަކައި އޭނާ ދުޢާކުރިވަރެއްވެސް ނޭނގޭކަމަށްބުނެ ބުހުތާން ދޮގެއް ހެދިއެވެ.

ފަރީދާގެ ބޮލުން އެއްތަކުލީފު ދިޔައީކަމަށް ހިތާހިތާ ބުންޏެވެ. ދެމައިންވެގެން އަޝްހަރުގެ ބޮލަށްވަދެ ، އަޝްހަރު އެދަނީ އެދެމައިންގެ ފަރާތަށް އެނބުރެމުންނެވެ. އެކަން ހުއްޓުވުމަށް ކުރާނީ ކޮންކަމެއް ހެއްޔެވެ ؟ ފަރީދާގެ ބޮލުތެރޭގައި ޝައިޠާނާ އޮވެ އެވައްދަނީ ކޮންކަހަލަ ވަސްވާސްތަކެއްކަމެއް ނޭނގެއެވެ.

ދެގަޑިއެއްހާއިރުފަހުން ، އަޝްހަރާއި ޚައިރާދު ، ހަރީމް ދެކިލުމަށްޓަކައި ، ހަރީމް ބޭއްވިފައިވާ ކޮޓަރިޔަށް ވަނެވެ. ޚައިރާދުގެ ރުއިމުން ފުރިގެންވީ ހިތްދަތިކަން ކޮޅުންލިއެވެ. އެހާ ބޮޑު ވޭނަކާއި ތަކުލީފެއް އުފުއްލަން ޖެއްސުނުކަމަށްޓަކައި ހަރީމްގެ ފަރާތުން ޚައިރާދު މަޢާފަށް އެދުނެވެ. އަދި މަންމައެއްގެ ފަރާތުން ހަރީމަށް ލިބެންޖެހޭ އުފަލާއި އަރާމު ދިނުމަށް އޭނާ ނުކުޅެދިފައިވާކަމުގައި ބުންޏެވެ. ޚައިރާދުގެ ވާހަކަތަކުން އަޝްހަރުގެހިތަށް އުނދަގޫވެ ، އެތަނުގައި ގިނައިރު މަޑުނުކުރުމަށް ޚައިރާދުގާތު ބުންޏެވެ. އެހެންނަމަވެސް ، ހަރީމް ދޫކޮށްލާފައި ދާކަށް ޚައިރާދު އެއްބަހެއް ނުވިއެވެ. ޚައިރާދަށް ކުރިމަތިވި ހުރިހާކަމަކާ ކެރިގެން ކުރިމަތިލިއިރު ، މިކަމުގައި ޚައިރާދު ހިތްވަރު އެލުވައިލަނީ ކީއްވެގެންތޯ އަޝްހަރު ސުއާލުކުރިއެވެ. ހަރީމްގެ ސާޖަރީވެސް ކާމިޔާބުވީއެވެ. އިރާދަކުރެއްވިއްޔާ ހަރީމް ރަނގަޅުވެގެން ލަހެއްނުވެ ހޮސްޕިޓަލުން ދޫކޮށްލާނެއެވެ. އަޝްހަރަށް ކުރިމަތިވެފައިއޮތީ ޚައިރާދު ހަމަޔަކަށް އެޅުވުމުގެ މައްސަލައެވެ. ހިތާދެކޮޅަށްނަމަވެސް ، ހިތަށް އަސަރުކޮށްގެން ، ޚައިރާދުގެ އަތުގައި ހިފައިގެން އެތަނުން ނުކުތެވެ.

އަޝްހަރު ބޭރަށް ނުކުމެ ، ހެނދުނުގެ ނާސްތާއަށް ސަޔާއި ސޭންޑްވިޗް ގަނެގެން އައިސް ޚައިރާދަށް ގޮވައިލިއެވެ. ޚައިރާދު ހުއްޓިހުރިގޮތަށް ހުރިތަނުން ހިރުވައެއް ނުލައެވެ. އަޝްހަރު ތެދުވެގެން ގޮސް ޚައިރާދުގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ. އެވަރުންވެސް ، އަޝްހަރު އާދޭސްކޮށްގެންވެސް ، ޚައިރާދު އެއްވެސް އެއްޗެއް ކާކަށް ނޫޅުނެވެ. ޚައިރާދު އެހުރީ ، ކުރީދުވަހުގެ މެންދުރު ބަނޑަށް އެއްޗެއްލީ ގޮތަށެވެ. ޚައިރާދަށް ކާންދިނުންއެއީ ޚައިރާދުގާތު ބުނަންޖެހޭ ކަހަލަ ވާހަކައެއް ނޫންކަމަށް އަޝްހަރު ބުންޏެވެ. އަޝްހަރަށްޓަކައި ނޫންކަމަށް ވަންޏާ ، ހަރީމަށްޓަކައިވެސް އެއްޗެއް ކައިލުމަށް އަޝްހަރު އެދުނެވެ. އެންމެފަހުން ޚައިރާދު ސައިތަށީގައި ހިފިއެވެ. އަދި ކުޑައެތިކޮޅެއް ބޮއިލިއެވެ. އެވަރުންވެސް ސޭންޑްވިޗުން އެއްވެސް އެތިކޮޅެއް އޭނާއަކަށް ނުކެވުނެވެ. ހަރީމް ބާއްވަން ހިފާފައިހުރި ކޮޓަރިޔަށްގޮސް ޚައިރާދު ކުޑަކޮށް އަރާމުކޮށްލަން އަޝްހަރު އެދުނެވެ. އެރޭ ހަތަރުދަމު ޚައިރާދު އިނީ ނުނިދާ ރޯށެވެ. އަޝްހަރުވެސް ގެނައި ސައިތަށްޓާއި ސޭންޑްވިޗް ބަހައްޓާފައި އެބައަންނަމޭ ކިޔާފައި ބޭރަށް ނުކުތެވެ. އަޝްހަރު ދިޔައީ ، ޚައިރާދުގެ ބޮލުގައި ރިއްސާކަން އެނގިގެން ބޭސްގުޅައެއް ހޯދާށެވެ. ބޭސްގުޅައެއް ގެނެސް ޚައިރާދަށް ކާންދިނެވެ. އަދި ކުޑަކޮށް ޖައްސާލާށޭ ބުނެ ، ޚައިރާދު އެނދުގައި ބާއްވާއި ރަޖާގަނޑު އަޅައިދިނުމަށްފަހު ، ދޮރުފޮތިތައް ދަމައިލިއެވެ. އަދި އެތާހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އަދި ޚައިރާދާ ވާހަކަ ދައްކަން ފެށިއެވެ.

ހަރީމުގެ ކަންކަމުގައި އޭނާ ޚައިރާދުގާތު ހުރިއިރު ، އެހާބޮޑަށް ޚައިރާދު ކަންބޮޑުވެ ހާސްވެގެން އުޅުނުއިރު ، އެއްވެސް މީހަކާނުލައި ހަރީމްގެ ކަންކަން ކުރިއިރު ، ޚައިރާދު އުފުއްލާނެ ވޭނާއި ތަކުލީފާމެދު އަޝްހަރުގެ ހިތަށް އުނދަގޫވާކަމުގައި އަޝްހަރު ބުންޏެވެ. ހަރީމްގެ ބަލީގެ މަޢުލޫމާތު އެންމެފުރަތަމަ ލިބުނުވަގުތު ، ޚައިރާދުގެ ހިތަށް ކުރާނެ އަސަރާއި ލިބޭނެ ވޭން އަޝްހަރަށް މިހާރު އިޙްސާސް ކުރެވެއެވެ. އެހުރިހާ ތަކުލީފެއް އެކަނި އުފުއްލީ ކީއްވެގެންތޯ އަޝްހަރު ސުއާލުކުރިއެވެ. އެންމެ ފަހަރަކުނަމަވެސް އޭނާއަށް ގޮވައިނުލީ ކީއްވެތޯ އަހައި ޝަކުވާކުރިއެވެ.

" ޚައިރާދުގެ ދެމައިން ގޮވައިގެން އެންމެންނާ ދުރަށް ، ވަރަށްދުރަށްދާން އަހަރެންގެ ހިތަށް އަރައެވެ. އެއީ ދުނިޔޭގެ ހުރިހާ ތަކުލީފަކުން ޚައިރާދު ސަލާމަތް ކުރުމަށްޓަކައެވެ. ޚައިރާދު އެކުރިކަމެއްކުރީ ކީއްވެގެންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކު އެއްކަމެއް އަހަރެންނަށް އެބަ އެނގެއެވެ. ޚައިރާދަށް ނަފުރަތުކުރާކަށް އަހަރެންނަކަށް ނޭނގުނެވެ. ނަފުރަތުކޮށްގެންހުރެ އަހަރެން ބަލިވެއްޖެއެވެ. އިތުރަކަށް އަހަރެންނަކަށް ޚައިރާދަކަށް ނަފުރަތެއް ނުކުރެވޭނެއެވެ. " އަޝްހަރު ބުންޏެވެ.

އަޝްހަރު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޚައިރާދު އެއްވެސް އެއްޗެއް ނުބުނެއެވެ. ހިނިތުންވެލައިގެންހުރެ ، އަޝްހަރު ތެދުވެ ، ޚައިރާދަށް ބަލައިލިއެވެ. ޚައިރާދަށް އޮތީ އެނދުގައި ޖެހުނުތަނުން ނިދިފައެވެ. އަޝްހަރު އޭނާގެ އައިނު ރަނގަޅުކޮށްލުމަށްފަހު ، ޚައިރާދާ ދިމާއަށް ބަލައިލާފައި ކޮޓަރިން ނުކުތެވެ. އޭނާއަށް އެވާހަކަތައް ދެއްކުނީ ޚައިރާދަށް ނިދިފައި އޮއްވާކަން އިޙްސާސްވިއެވެ.

އަޝްހަރު ސިޑިން ފައިބަމުން އައީ ފުންވިސްނުމެއްގެ ތެރެޔަށް ގެއްލިފައި ހުރެއެވެ. އެތައް ކަމެއް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެހެންވާނީ ކިހިނަކުން ހެއްޔެވެ ؟ ހަރަތު އަހަރުފަހުން ޚައިރާދު އެނބުރި އައުމުންވެސް ، ޚައިރާދު ފެނުމުން ، އަޝްހަރުގެ ހިތަށް ލިބޭ ތަސައްލީއަށް ބަދަލެއް ނާދެއެވެ. ލޯބީގެ އިޙްސާސްތައް އެހިތުގައި އަދިވެސް ދިރި އެބަހުއްޓެވެ. ހަރީމާ ގުޅިގެން އަޝްހަރާއި ޚައިރާދާ ދެމެދު ހިނގާފައިވާ މުޢާމަލާތުތަކާއި ދެކެވިފައިވާ ވާހަކަތައް ، އަޝްހަރުގެ ޚިޔާލަށް ހުށަހެޅެމުން ދިޔައެވެ. ޚައިރާދާމެދު އަޝްހަރަށް ބެލެމުންދަނީ ، ގޯސް ނަޒަރިއްޔާއަކުންނެވެ. އަދި ޚައިރާދުވެސް އަޝްހަރާމެދު ބަލަމުންދަނީ ގޯސް ވިސްނުމަކުންނެވެ. އެޙާލަތުގައި ދެމީހުންގެ ވިސްނުމަކީ ޞައްޙަ ވިސްނުމަކަށް ނުވާނެއެވެ. ދެމީހުންނަށް އެއްވިސްނުމެއްގައި އެކަކު އަނެކަކު ދެކެ ނަފުރަތެއްވެސް ނުކުރެވޭނެއެވެ. އަދި ދެމީހުންނަކީވެސް ކުށްވެރިންނަކަށް ނުވާނެއެވެ. ކުށްވެރިޔަކަށް ވާނީ އެތަނުން ކޮންމެވެސް އެކެކެވެ.

" މިއީ ވަރަށް އާދައިގެ ކަމެކެވެ. އެހެންނަމަވެސް ދޮގެއްވާނީ ދޮގަކަށެވެ. އަހަރެންގެ ބައްޕަ ބުނެއެވެ. ދޮގުހަދަން ފުރަތަމަފަހަރު ވަރަށް ފަސޭހަވާނެއެވެ. އޭގެފަހުން އެއްދޮގު ފޫބައްދަން އެތައް ދޮގެއް ހަދަންޖެހޭނެއެވެ. ތެދުހަދަން ފުރަތަމަ ފަހަރު އުނދަގޫވާނެއެވެ. އޭގެފަހުން ތެދުހެދުން އެއީ ފަސޭހަކަމަކަށް ވާނެއެވެ. " ޚައިރާދު ، އަޝްހަރުގާތު ކުރިން ބުނެފައިވާ ވާހަކައެއްގެ މަތިން ހަނދާން ވިއެވެ.

" ޚައިރާދަކީ ވަރަށް ޟަޢީފު ނިކަމެތި ކުއްޖެކެވެ. ލަނޑެއްދޭން ބޭނުންވާމީހާއަށް ، ވަރަށް ފަސޭހައިން ޚައިރާދު ހައްލައި ލެވިދާނެއެވެ. އޭނާއަށް އެނގުމަކައިނުލާ ލަނޑެއްދިނުމަކީ ދާދި ފަސޭހަ ކަމަކަށް ވާނެއެވެ. އެކަހަލަ ޙާލަތެއްގައި ޚައިރާދުގެ އަތުން އަޝްހަރުގެ އަތް ދޫކޮށްލައިފިނަމަ ، ޚައިރާދު ބަރުބާދުވެދާނެއެވެ. ދިރިއުޅުމުގައި ޚައިރާދަށް ގޯސްކަމެއް ކުރެވުނު ނަމަވެސް ، އަޝްހަރު އޭނާއަށް މަޢާފުކުރައްޗެވެ. އެއީ ވަރަށް ސާދާ ތެދުވެރި ޚުލްޤު ހެޔޮ ކުއްޖެކެވެ. " އަޝްހަރުގެ ބައްޕަ ކުރިންބުނެފައިވާ ވާހަކައެއް އޭނާގެ ހަނދާނަށް އައެވެ.

އަޝްހަރު ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އެތައް ފަހަރަކުއެވެ. އޭނާގެ ހިތުގައިވާ އުދާސްތަކެއް ދޮވެލަން ބޭނުންވާ ގޮތެއްގައެވެ. އިސް އުފުލައި ބަލައިލިއެވެ. މޫނުދޮންނަ ތަށީގެ ފުރަގަހުގައި ބެހެއްޓިފައިވާ ލޯގަނޑުން އޭނާގެ ސޫރަ އަޝްހަރަށް ފެނުނެވެ. އަޝްހަރުގެ މޫނުމަތީގައިވަނީ މޮޅިވެރިކަމާއި ހާސްކަމެވެ. އޭނާގެ ތަޞައްވުރު ، އޭނާއާ ވާހަކަ ދައްކަން ފެށްޓިއެވެ.

އަޝްހަރު ޙުސައިނެވެ ! ކިހިނެއްވީ ހެއްޔެވެ ؟ ވެގެންއުޅޭގޮތަކީ މިއީ ނޫން ހެއްޔެވެ ؟ އަޝްހަރު ބޭނުންވެގެން ތިއުޅެނީ ، ހަނދާނުން ފުހެނުލެވިގެން ތިއުޅެނީ ، އަޝްހަރަށް ބޭވަފާތެރިވި އަންހެނެކެވެ. އެއީ ، އަޝްހަރުގެ ޢިއްޒަތާއި އަބުރު ދުއްވައިލި އަންހެނެކެވެ. އެއީ ، އަޝްހަރުގެ ދިރިއުޅުން ބަރުބާދުކޮށްލި އަންހެނެކެވެ. އަޝްހަރު އަމިއްލަޔަށް އިސްއުފުލައި އަމިއްލަ މޫނަށް ބަލައިލުމުގެ ޤާބިލްކަން ނައްތައިލި އަންހެނާއެވެ. ކީއްވެގެން ހެއްޔެވެ ؟ އަޝްހަރުގެ ހިތް އެ އަންހެނާގެ މައްޗަށް ލެނބިގެން އެދަނީ ކީއްވެގެން ހެއްޔެވެ ؟ ސަބަބަކީ ކޮބައި ހެއްޔެވެ ؟ އެ އަންހެނާއަކީ ކުށްވެރިއެއްނޫންކަމަށް އަޝްހަރުގެ ހިތުގައި ނިންމުމަށް ތައްޔާރު ތިވަނީ ކީއްވެގެން ހެއްޔެވެ ؟ އޭނާއަށް މަޢާފުކުރުމަށް އަޝްހަރުގެ ހިތް ތިއެދެނީ ކީއްވެގެން ހެއްޔެވެ ؟

އެއީ ، އެހުރިހާކަމެއް ހިނގައި ދިއުމަށްފަހުވެސް ، އަޝްހަރުގެ ހިތުން ޚައިރާދެއް ނުފިލައެވެ. އެއަންހެނާއަށް މަޢާފުދީ އޭނާ  ބަލައިގަތުމަށް އަޝްހަރުގެ ހިތް އެދެނީއެވެ. ވެގެން އުޅޭގޮތަކީ އެއީއެވެ. އަޝްހަރުގެ ތަޞައްވުރު އޭނާއަށް ބުނެދިނެވެ.

ﷲ މިއަޅާއަށް ރަޙުމަތްލައްވައި ، ރަނގަޅުގޮތާއި ތެދު ޙަޤީޤަތުން މިއަޅާގެ ހިތް ސާފުކޮށް ދެއްވާދޭނވެ ! އަޝްހަރު މައްޗަށް ބަލަހައްޓައިގެންހުރެ ﷲ އަށް ދުޢާ ކުރިއެވެ.

ކައިސަރާ ގުޅިގެން ، ހިނގާފައިވާ ހުރިހާކަމެއް އެއީ އޭނާ ހޭލައިހުއްޓާ ފެނުނު ހުވަފެނަކަށް ހަދަން އޭނާގެ ހިތް އެބަ ބުނެދެއެވެ. ޚައިރާދު އެޖެހި ސަކާރާތެއް އެއީ ޒުވާންކަމުގެ ޖޯޝުގައި ޖަޒުބާތެއްގައި ޖެހިގެން ކުރެވުނު ކަންތައްތަކެއްކަމަށް ބަލަން އަޝްހަރުގެ ހިތް އޭނާއަށް ލަފާދިނެވެ. އެއީ ، ޚާއިރާދު ހައްލާލައިގެން ކައިސަރުގެ އަމިއްލަ އެދުމެއް ޙާޞިލްކުރުމަށް ކުރި މަސައްކަތެއްގެ ނޭދެވޭ ނަތީޖާކަމަށް ނިންމަން އަޝްހަރުގެ ހިތް އޭނާއަށް މަޖުބޫރު ކުރެއެވެ. އެހެންމީހުން ކައިސަރާ ގަޔާވިޔަސް ، ކައިސަރަކީ ރަނގަޅުމީހެއްގެ ގޮތުގައި އަޝްހަރުގެ ހިތް އޭނާއަށް ބުނެދީފައެއް ނެތެވެ. އޭނާގެ ކުރިމައްޗަށް ކައިސަރު އައުމަކީވެސް ، އެންމެ ފުރަތަމަ ދުވަހުއްސުރެވެސް އަޝްހަރުގެ ހިތް ނޭދޭކަމަކެވެ. ކައިސަރަށް ޝައްކުކުރެވޭ އެތައްކަމެއް ފެނި ، އަޝްހަރުގެ ހިތް އެއްގޯސްވެގެންދިޔައިރުވެސް ، ކައިސަރު ލޯބިވަނީ އަދި ބޭނުންވަނީވެސް ސާރާކަމެއް އަޝްހަރަކަށް ނޭނގެއެވެ. އެކަހަލަ އެއްވެސް ވާހަކައެއް ، އެއްވެސް މީހަކު އަޝްހަރުގާތު ބުނެފައެއް ނެތެވެ. ޚުދު ސާރާވެސް އެކަހަލަ ވާހަކައެއް ނުބުނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ވަރަށްރީތިވާހަކައެއް، ޒުވާން ދެ ޖިންސުގެ ކުދިންނަށް ވަރަށް ޢިބުރަތްތެރި ވާހަކައެއް،
    މަތީ ޢުމުރުގެ ބައެއް. ބޭފުޅުންނަށް މިހަލަ
    ކަންތައް ދިމާވެފާހުރުން އެކަށީގެންވޭ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.