ބޭރު ގައުމެއްގެ މިލިޓަރީ ސިފައިން ރާއްޖެ އެރުމާ ދެކޮޅު- ގާސިމް

ރާއްޖެއިން ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖެ އެރުމާ ޖުމްހޫރީ ޕާޓީ އާއި އަމިއްލަފުޅު ޙައިސިއްޔަތުންވެސް ދެކޮޅު ކަމަށާއި އެފަދަ ކަމެއްގައި ޖޭޕީންވެސް އަދި އަމިއްލަފުޅު ޙައިސިއްޔަތުންވެސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަރުމަނު ވިލާތުގައި ހުންނަވައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ''ލޮބުވެތި ދިވެހި ގައުމުގެ'' މިނިވަންކަމާއި، އިސްތިގްލާލް އާއި ސިޔާދަތަށް އެއްވެސް މިންވަރަކަށް ބުރޫއަރާނެ ބޭރުގެ މިލިޓަރީ ބަޔަކު ރާއްޖެ އައުމުގައި ޖުމްހޫރީ ޕާޓީ އާއި އަމިއްލަފުޅު ޙައިސިއްޔަތުންވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އިއުލާން ކުރުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު ފުލުހުން ހައްޔަރުކުރިތާ ގިނައިރު ތަކެއް ނުވަނީސް އެ ތިންބޭފުޅުން ސަލާމަތް ކުރުމަށާއި ކޯޓު އަމުރު ތަންފީޒު ކުރުވުމަށް އިންޑިޔާގެ އަސްކަރިއްޔާގެ ޓީމަކާއެކު އިންޑިޔާ ސަރުކާރުގެ މަންދޫބެއް ރާއްޖެ އައުމަށް ގޮވާލެއްވި ގޮވާލެއްވުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެއީ ''ބަޔެއް ބޭފުޅުންގެ އަމިއްލަ ވިސްނުން'' ކަމަށެވެ.

އިންޑިޔާގެ މިލިޓަރީ ސިފައިން ރާއްޖެ ފޮނުވައިދިނުމަށް އެދި ނަޝީދު ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެފަދަ ވާހަކަފުޅެއް ދެއްކެވުމުގެ ކުރިން އިދިކޮޅު އެހެން ބޭފުޅުންނާ މަޝްވަރާ ނުކުރެއްވީތީ ހިތާމަފުޅު ކުރައްވާ ކަމަށެވެ. އިންޑިޔާ ސިފައިން ރާއްޖެ ފޮނުވައި ދިނުމަށް ނަޝީދު އެދިވަޑައިގަތުމުން ސަރުކާރަށް ތާއީދު ކުރާ މީހުންގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާއި އެމްޑީޕީގެ ބަޔެއް މެމްބަރުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.