ކިރުއިލޮށި - 36

(13 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަނުއަނދިރީގައި ޚައިރާދު ހިނގަމުންދިޔައިރު ، އޭނާގާތު އަޝްހަރު ބުނެފައިވާ ވާހަކަތައް އިވެމުން ދިޔައެވެ. ޚައިރާދަކީ ތެދުވެރި ޟަޢީފު ކުއްޖެއްކަމާއި ، އޭނާގެ އަމިއްލަ ނަފުސަށް ނުކުރާ އިތުބާރު ، ޚައިރާދަށް ކުރާކަމަށް ބުނެ ، އެގޮތުގައި އަބަދުވެސް ޚައިރާދު ހުރުމަށް އެދި ދެއްކި ލޯބި ވާހަކަތަކެވެ. އޭނާ އިންތިހާއަށް ޚައިރާދުދެކެ ލޯބިވާ ވާހަކައެވެ. ޚައިރާދު އޭނާގެ ޙަޔާތަށް އެއައީ ، އަޝްހަރުގެ ނަސީބުންކަމާއި ، އިޚުލާޞްތެރި ހެޔޮހިތަކުން ކުރި ހެޔޮދުޢާއެއްގެ ސަބަބުންކަމުގައި ބުނި ވާހަކަތަކެވެ.

ކާނުމަތީ ހިނގަމުން ދަނިކޮށް މަގުމަތީހުރި ފެންއިސްކުރެއް ޚައިރާދަށް ފެނުނެވެ. ހިނގުން ބާރުކޮށްލާފައި ފެންއިސްކުރު ދޮށަށް ގޮސް އިސްކުރު ދޫކޮށްލުމުން ، ނަސީބަކުން ފެން އައެވެ. ޚައިރާދުގެ އަތްގޮށިންނަގައި އޭނާގެ ފެންބުއިން ފިލާވަރަށް ފެން ބުޔެވެ. އެވަގުތު ، އޭނާ އަދި އެހުރީ އެރޭ ޢިޝާނަމާދު ނުކޮށްކަން ޚައިރާދުގެ ހަނދާނަށް އައެވެ. ދެކޮޅުބަލައި ހޯދާލުމަށްފަހު ދޮޕައްޓާ ނަގައި އޭގައި ހޭކިފައިހުރި ލޭތައް ދޮވެ ސާފުކޮށްލިއެވެ. އެއީ އޭނާގެ މޫނުމަތީ ފަރީދާ ޖެހިލެއްބާރުކަމުން އަނގަމަތި ފަޅައިގެންގޮސް ފޭބި ލެޔެވެ. އަނގަމަތީހުރި ލޭތައްވެސް ދޮވެ ސާފުކޮށްލިއެވެ. އަދި އިސްކުރުން ވުޟޫކޮށްލިއެވެ.

އެއަށްފަހު ، ޤިބުލަޔާވީ ފަރާތަށް އެނބުރިހުރެ ، ޕޭމަންޓްމަތީހުރެ ޢިޝާ ނަމާދު ކޮށްލިއެވެ. ތުރުތުރު އަޅައަޅާއޮތް ދެއަތް އުފުލައި ﷲ އަށް ދުޢާ ދެންނެވިއެވެ. އޭނާއަށް ކެތްތެރިކަން ދެއްވުމަށާއި ، އޭނާގެ ބަނޑުގައިވާ ދަރިފުޅު ، ސަލާމަތުން ލެހެއްޓެވުން އެދި ރޮމުން ރޮމުން ޚައިރާދު ދުޢާކުރިއެވެ. އަދި އޭނާގެ މަންމައާއި ބައްޕަޔަށް ހެޔޮ ރަޙުމަތްލެއްވުމަށް ﷲ ގެ ޙަޟުރަތުގައި ދެންނެވިއެވެ. އެއަށްފަހު ، އަޝްހަރަށް ހެޔޮވިސްނުން ދެއްވައި ، ޙަޤީޤަތް ހާމަކޮށްދެއްވުން އެދި ﷲ އަށް އާދޭސް ދެންނެވިއެވެ. ދުޢާކޮށް ނިމިގެން އަނެއްކާވެސް ޚައިރާދު ކުރިޔަށް ހިނގައިގަތެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި ކަނު އަނދިރީގެ ތެރޭގައެވެ. މަގުމަތިން މީހެއްގެ ހިލަމެއްނުވާތާނގައި ދުއްވާ އެއްޗެއްވެސް ނުފެނެއެވެ. އޭރު ގަޑިން ، މެންދަމު 2:30 ވީއެވެ. އެންމެން ތިބޭނީ ދުވާލުގެ މަސައްކަތުގެ ވަރުބަލިކަމުގައި ގަދަ ނިދީގައެވެ.

ހިނގަމުން ދިޔައިރުވެސް ޚައިރާދުގެ ކުރިމަތިން ސޫރަވަމުން ދިޔައީ އަޝްހަރެވެ. ނޫރު އަފްޟަލްގެ ފަރާތުން އެނގުނުގޮތުގައި އަޝްހަރު އޭރު ގެޔަކު ނޫޅެއެވެ. އެހާ ލަސްވީއިރުވެސް ، އޭނާ އަދި ގެޔަކަށް ނާދެއެވެ. އަޝްހަރު އެދިޔައީ ކޮންތާކަށް ބާވައެވެ. އަޝްހަރަށް އެއިވުނު ދޮގުބަސްތަކާއި މަކަރުވެރި ރޭވުމުން އެފެނުނު ކަންކަމުން އޭނާގެ ހިތް އޮންނާނީ ހަލާކުވެފައިކަން ޚައިރާދަށް އެނގެއެވެ. އެއީ ، ކޮންމެ މީހަކަށްނަމަވެސް ، ވާނެގޮތެވެ. ފަރީދާގެ ރޭވުން އެހާ މޮޅެވެ.

ޚައިރާދުގެ ހިތަށް އަރާ ފައިބަމުންދިޔަ ޚިޔާލުތަކުން ، އަނެއްކާވެސް އޭނާއަށް އަޑުގެ ނެތްތަނަށް ރޮއެ ގަނެވުނެވެ. އަދި ، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ލޮރީއެއްގެ ފިލައެއްގައި ހިފަހައްޓައި ލެވުނެވެ. ރޮވެމުން ގޮސް ހުރިތަނަށް ޚައިރާދު ތިރިވިއެވެ. އެވަގުތު މީހަކު ގޮވައިލި އަޑު އިވުނެވެ.

" އޭ އަންހެންކުއްޖާއެވެ ! މިއޮއްދަންވަރު މިތާ ތިކުރަނީ ކީއްހެއްޔެވެ ؟ ތިއައީ ގޭ މީހުންނާ ޒުވާބުކޮށްފައިދޯއެވެ ! ރަނގަޅަށް ނުބުނަންޏާ ފުލުހުންނަށް މި ރިޕޯޓް ކުރަނީއެވެ. "

ޚައިރާދަށް އަނެއްކާވެސް ރޮއެގަނެވުނެވެ. އޭނާއަށް ރަޙުމުކުރުމަށް އެދި އޭނާ ނުދަންނަ އެމީހާއަށް އާދޭސްކުރިއެވެ. އެމީހާގެ ހިތުގައި ކޮންމެވެސް މިންވަރަކަށް ރަޙުމު އުފެދުނީކަންނޭނގެއެވެ. ވެގެން އުޅެނީ ކީއްތޯ ސާފުކޮށްދިނުމަށް އެދުނެވެ. އޭނާއަށް އެހީއެއް ވެދެވޭނީވެސް ވެގެން އުޅޭގޮތެއް ސާފުވެގެންކަމުގައި އެމީހާ ބުންޏެވެ.

ޚައިރާދުގެ ގިސްލުމުގެ ތެރެއިން ، ވަރަށް މަސައްކަތުން އޭނާ ގެއިން ނެރެލެވިފައިވާކަމުގައި ބުންޏެވެ. އެމީހާ އެހީތެރިވެދީގެން އަރާ ، ލޮރީގެ ކުރީސީޓުގައި ޚައިރާދު އިށީނދެލިއެވެ. އެމީހާ ލޮރީންފައިބާ ، އިރުކޮޅަކުން އައިސް ޚައިރާދަށް ފެންފުޅިއެއް ދިއްކޮށްލިއެވެ. އަދި ފެންފޮދެއް ބޮއިލައި ހަމަޖެހިލުމަށާއި އެއްވެސްވަރަކަށް ބިރުނުގަތުމަށް ބުންޏެވެ. އަދި އޭނާއަކީ ބޭބެއެއްކަމުގައި ބެލުމަށާއި ، ހައިދަރުއާބާދަށް ދެވެންދެން ޚައިރާދު ބެލެހެއްޓުމަކީ އޭނާގެ ޒިންމާއެއްކަމުގައި ބުންޏެވެ. އިރުކޮޅަކުން ލޮރީ އިސްޓާޓުކޮށްލައި ދުއްވައިލިއެވެ. ލޮރީގެ މިސްރާބު ސީދާވެފައިހުރީ ހައިދަރުއާބާދާ ދިމާލަށެވެ.

އަޝްހަރު ކާރުދުއްވަމުން ގެންދިޔައިރު ، ކައިސަރާއި ޚައިރާދާ ގުޅުވައިގެން މަންމައާއި ކައިސަރު ދައްކާފައިވާ ވާހަކަތައް އޭނާގެ ކަންފަތުގައި މެދުނުކެނޑި ގުގުމަމުން ދިޔައެވެ. ހިތުގައި އަޅާވޭނުން ، އިރުއިރުކޮޅުން އަޝްހަރަށް ހަޅޭއްލަވައިގަނެވެއެވެ.

ފަރީދާ ފަތިހުތެދުވެ ، ބަގީޗާތެރެޔަށް ނުކުމެ ، އަޝްހަރު އަންނަ އިރެއްގެ އިންތިޒާރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

ޚާލާ ދައްތަ ފަތިސްނަމާދުކޮށްގެން ޒިކުރު ކުރަން އިންދާ ، ދޮރުގައި ޓަކިޖެހިއަޑު އިވުމާއެކު ، މިހާ ހެނދުނު ހެނދުނާ ކާކުހޭ އައީ ކިޔަމުން ތެދުވަން އުޅުނެވެ. އެހެންނަމަވެސް ، މަންމަ މަޑުކުރާށޭ ބުނެ އޭނާގެ ދަރިފުޅު ގޮސް ދޮރުކައިރިޔަށް ހުއްޓި ކާކުތޯ ސުއާލުކުރިއެވެ. ބޭރުން ޖަވާބެއް ނުލިބުނީމަ އޭނާ ދޮރުހުޅުވައިލިއެވެ. ކުރިމަތީގައި އިސްޖަހައިގެން އެހުރީ ޚައިރާދެވެ. ގޭތެރެޔަށް ވަންނާށޭ ބުނެ ، ޚައިރާދު ގޭތެރެޔަށް ވެއްދިއެވެ. އިތުރުމީހަކު ބޭރުގައި ހުރިތޯ ބަލައިލުމަށްފަހު ، މީހަކު ފެންނަން ނެތުމުން އޭނާ ދޮރުލައްޕައިލިއެވެ.

ޚާލާ ދައްތަޔަށް ޚައިރާދު ފެނުމާއެކު ، ދެލޯ ބޮޑުވިއެވެ. އެންމެ ފުރަތަމަވެސް ޚާލާދައްތަ އަޅައިގަތީ ، ޚައިރާދުގެ އަނގަމަތި ފަޅައިގެންގޮސް ލޭ ފާއްދާލާފައި ހުރި ޒަޚަމުތަކުގައެވެ. ބުނާނެ އެއްޗެއް ނޭނގި ޚާލާ ދައްތަ ބަސްހުއްޓުނެވެ. އަދި މަޑުމަޑުން ޚައިރާދުގެ ނަމުން ގޮވައިލެވުނެވެ. ޚައިރާދުގޮސް ޚާލާ ދައްތަގާތުގައި އިށީނދެލިއެވެ. އަދި ޚާލާދައްތަގެ ގައިގާ ބައްދާލުމާއެކު އަޑުންއަޑުނަގާ ރޮއެ ގަނެވުނެވެ. ދަރިފުޅާއޭ ނުރޯށޭ ، ވީގޮތެއް ބުނެބަލާށޭ ބުނެ ، ޚައިރާދު މަސަލަސް ކުރެވޭތޯ ޚާލާދައްތަ މަސައްކަތް ކުރިއެވެ. އެގޭގައި އުޅޭ އިތުރު ދެއަންހެންކުދިންވެސް ހޭލެވިގެން އެތަނަށް އައެވެ. އެމީހުންވެސް ތިބީ ވެގެންއުޅޭގޮތެއް ނޭނގި ޙައިރާން ވެފައެވެ. ޚައިރާދުގެ ބޮލަށް އެނބުރުން އަރައި ޚަބަރު ހުސްވެގެން ޚާލާ ދައްތަގެ އަތްދަނޑިމައްޗަށް ދެމުނެވެ.

ފަރީދާ ބަގީޗާތެރޭ ހުރެހުރެ އަޝްހަރު ނައުމުން ގޭތެރެޔަށް ވަދެ އިރުކޮޅެއްވީތަނާ އަޝްހަރު އައިސް ، ފަރީދާގެ ކޮޓަރިޔަށް ވަނެވެ. އަޝްހަރު ފެނުމާއެކު ، އަޝްހަރަށް ވެފައިތިހުރީ ކީއްތޯ އަހައި ފަރީދާ ސުއާލުކުރިއެވެ.

ޚައިރާދު ކޮބައިތޯ އަޝްހަރު ސުއާލުކުރިއެވެ. ޚައިރާދުގެ ވާހަކަ ނުދައްކާ އިށީނދެ ހަމަޖެހިލުމަށް ފަރީދާ ބުންޏެވެ. ދެވަނަ ފަހަރަށްވެސް ، އޭނާ އެއަހަނީ ޚައިރާދު ކޮބައިތޯ ކަމަށްބުނެ އަޝްހަރު ސުއާލު ކުރިއެވެ. ޚައިރާދުގެމަތިން ހަނދާން ނައްތާލުމަށް ފަރީދާ ، ހަމަޖެހިލައިގެންހުރެ ބުންޏެވެ. އަދި އެއްޗެއް ކާނަންތޯ ސުއާލުކުރިއެވެ.

އަޝްހަރުގެ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އޭނާގެ ސުއާލަށް ޖަވާބުދޭށޭ ބުނެ ލޯއަޅައިގެންފައި ފަރީދާގެ އަތް ފޮޅުވައިލިއެވެ. އަދި އޭނާއަށް ޚައިރާދާ ވާހަކަ ނުދެއްކެނިސް ތަނެއްގައި މަޑުނުވާނެކަމުގައި ބުނެ އަޝްހަރު ހަޅޭއްލަވައިގަތެވެ. ޚައިރާދާ ވާހަކަ ނުދެއްކޭހާ ހިނދެއްގައި އޭނާ ހަމަނޭވާނުލާނެކަމުގައި ބުންޏެވެ.

" އަދި އެއްވާހަކަ ، ކަނުލައި އަޑުއަހާށެވެ ! ޚައިރާދާއި އަޝްހަރާ ދެމީހުންގެ ދެމެދަށް މަންމަ އައިސްގެން ނުވާނެއެވެ. އަހަރެން ބޭނުމީ ޚައިރާދުގެ އަނގައިން ޙަޤީޤަތް އަޑުއަހާށެވެ ! ޚައިރާދުގެ ކުށް ސާބިތުވެއްޖެނަމަ ، އަހަރެން އަމިއްލަޔަށް އޭނާއަށް އަދަބު ދޭނަމެވެ. " އަޝްހަރު މަންމަޔާ ދިމާއަށް އިނގިލި ދިއްކޮށްގެންހުރެ ހަރުކަށި ބަސްތަކުން ވާހަކަ ދެއްކިއެވެ.

ޚައިރާދު ހިނގައްޖެކަމަށާއި ، އެގެއިން ނުކުމެގެން ހިނގައްޖެކަމުގައި ، ޙީލަތްތެރިކަމާއެކު ފަރީދާ ބުންޏެވެ. ފަރީދާގެ ބަސްމަގުގައި ހުރީ އެކަމާ ދެރަވެފައިހުރުމުގެ އަސަރެވެ. އަދި ، ކައިސަރު އައިކަމަށާއި ، ޚައިރާދު ގޮވައިގެން ކައިސަރު ހިނގައްޖެކަމުގައި ފަރީދާ ބުންޏެވެ. ބޮޑުސިންގާ ދޮގެއް ތެދަކަށް ހަދައިގެން ފަރީދާގެ ޙަރަކާތުން ހާމަކޮށްދިނެވެ. އެމީހުންގެ ސިއްރު ބޭޒާރުވެއްޖެކަމަށާއި ، އެފަދަ ގޮތަކަށް ބޭޒާރުވީމަ ގޭގަހުރުމުގެ ބޭނުމެއްނެތްކަމުގައި ޚައިރާދު ބުނިކަމަށް ބުނެ ފަރީދާ އިތުރަށް ދޮގުހަދަމުން ގެންދިޔައެވެ. ޚައިރާދުގެ ކައިވެނި ކުރެވުނީ ގަދަކަމުންކަމަށްވެސް ބުންޏެވެ. އެކައިވެނިން ޚައިރާދަށް އެއްވެސް އުފަލެއް ނުލިބޭވާހަކަވެސް ބުންޏެވެ. އަދި އެންމެފަހުން ނުކުމެގެންދަމުން ، އަޝްހަރުގެ ކިބައިން ވަރިވާން ބޭނުންވާހަކަވެސް ބުންޏެވެ. އަޝްހަރުގެ ލޮލަށް ފެނުނީމަވެސް ، އެމީހުންގެ ގުޅުން އެއީ ނެތްއެއްޗަކަށް ހަދައިގެން ހުންނާނީ ކިހާދުވަހަކުތޯ ފަރީދާ ސުއާލުކުރިއެވެ. ޚައިރާދު އެއީ އަޝްހަރާ އެއްފެންވަރެއްގެ ކުއްޖެއްނޫނެވެ. އަދި އެފެންވަރަކަށް ނުވެސް އާދެވޭނެއެވެ. އަޝްހަރަކަށް ޚައިރާދާއެކު އުފާވެރި ޙަޔާތެއް ނުލިބޭނެއެވެ. ޚައިރާދު ބޭނުންވާގޮތަށް ، އަޝްހަރުގެ ޙަޔާތުން ނުކުމެގެންދިޔަދޭށެވެ. ފަރީދާގެ ދޮގުގެ މައްޗަށް ދޮގު އިތުރުކޮށް ، ދައްކަމުން ދިޔަ ވާހަކަތަކުން ، އަޝްހަރުގެ ހިތަށް އިތުރަށް އުނދަގޫ ވިއެވެ. ފަރީދާގެ އަތް އަޝްހަރުގެ ކޮނޑުގައި ބާއްވާލުމާއެކު ހަރުކަށިގޮތަކަށް އަތް ފޮޅުވައިލިއެވެ. ރުޅިވެރިކަމާއެކު ، ދެލޯއަޅައި ، ފަރީދާއާ ދިމާއަށް ބަލަހައްޓައިގެން އަޝްހަރު ހުއްޓެވެ. ރޮމުން ރޮމުން ފަރީދާގެ އަތް ފޮޅުވައިލުމަށްފަހު ، އަޝްހަރު އެތަނުން ނުކުމެގެން ދިޔައެވެ.

ޒަރީނާ ސާރާއަށް ފޯނުކޮށް ޚައިރާދާއި ކައިސަރުގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ. ހުރިހާކަމެއްވެސް ދިޔައީ ، ފަރީދާ ރޭވިގޮތަށްކަމުގައި ޒަރީނާ ބުންޏެވެ. ފަރީދާގެ ރޭވުމުގެ މަތިން ، ޚައިރާދު އެގެއިން ނެރެލައިފިކަމުގައި ޒަރީނާ ބުންޏެވެ. ސާރާއަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އޭނާއަމިއްލަޔަށް އެމަންޒަރު ދެކެން ރަށުގައި ހުރެވުނު ނަމައޭ ބުންޏެވެ. ސާރާ އޭނާގެ މަންމަޔަށް ޝުކުރު އަދާކުރިއެވެ. އެއީ ސާރާއަށް ރަނގަޅަކަށްޓަކައި ކޮށްދިންކަމެއްކަމުގައި ބުންޏެވެ. ސާރާގެ އުފާވެރިކަން ކޮޅުން ލިއެވެ. ކުޑަކޮށް ކެތްތެރިވުމަށް ޒަރީނާ އަބަދުވެސް ސާރާގާތު ބުނަމުން އަންނަކަން  ސާރާއަށް ހަނދާން ކޮށްދިނެވެ. ނިކަން ދެކެބަލާށެވެ. ސާރާ ބޭނުންވާގޮތް އެވީއެވެ. ދެނެއް ސާރާއާއި އަޝްހަރާ ދެމެދަށް ވަންނާނެ މީހަކު  ނުހުންނާނެއެވެ. ފަރީދާއަކީ ކުއްލިޔަކަށް ކަންކަން ކުރާމީހެއް ނޫންކަމަށާއި ދުރާލައި ރާވައިގެން ވިސްނުންތެރިކަމާއެކު ކަންކަން ކުރާމީހެއްކަމުގައި ޒަރީނާ ބުންޏެވެ. އަދި އެކަންވެސް ފަރީދާ އެކުރީ ، ވަރަށްބޮޑަށް ރާވައިގެން ، ފެއިލްނުވާނެ ހުރިހާކަމެއް ފުރިހަމަކޮށްފައި ، ވަރަށް ވިސްނުންތެރިކަމާއެކީގައި ކަމަށް ޒަރީނާ ބުންޏެވެ.

ފަރީދާގެ ބޯބޮޑުކަމުން ، ޚައިރާދަށް އަންގައިވެސްނުލާ މަޑުމަޑުން ލަވަމުންގޮސް ، ކިރުއިލޮށީގައި ޖައްސައި ، ޚައިރާދުގެ ޙަޔާތް ބަރުބާދު ކޮށްލިގޮތް ކިހާ ބުއްދިވެރިނޫންހޭ ބުނެ ޒަރީނާ ތަޢުރީފް ކުރިއެވެ. އެހާބޮޑު ނަފުރަތެއް ޚައިރާދުގެ މައްޗަށް އޮތްކަން އެއްވެސް މިންވަރަކަށް ޝައްކު ނުކުރެވޭވަރު ކޮށްފައި ، މަންމަ ކިޔުއްވާފައި ، އެޖަހާލި މަޅިފަތީގައި ޚައިރާދު ރަނގަޅަށް ޖެހިއްޖެކަމުގައި ޒަރީނާ ބުންޏެވެ. ސަރާއަށްވެސް އެއީ ޤަބޫލުކުރަން ދަތިވި ކަމެކެވެ. ޚައިރާދު ދެކެ އެހާ ލޯބިވާކަމަށް ހަދައިގެން އުޅެން ފެށީމަ ، ސާރާއަށްވެސް ޤަބޫލުކުރެވުނީ ، ފަރީދާ ، ޚައިރާދު ބަލައިގަތީކަމަށެވެ. އެކަމަކު ، ފަރީދާގެ ހިތުގައި އޮތް ނަފުރަތުގެ އަލިފާންގަނޑުގެ ހޫނުގެ ކަންފުޅެއްވެސް ނުދައްކާ ، ލޯބި ދައްކައިގެން އެވަރުގެ ކުޅަދާނަ ކަމެއް ފަރީދާ ކޮށްފާނެކަމަކަށް ސާރާއަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ.

ފަރީދާ ދުވަހަކުވެސް ، ކައިރާދު ބަލައިނުގަންނަކަމުގައި ޒަރީނާ ބުންޏެވެ. ފަރީދާގެ ހިތުގައި ޚައިރާދާމެދު އޮތް ނަފުރަތާއި ، އޭނާ ދެކޭގޮތާ އަދި ބޭނުންވާގޮތް ، ޒަރީނާއާ ބަރާބަރަށް ޙިއްޞާކުރަމުން އައިކަމުގައި ޒަރީނާ ބުންޏެވެ. އެވާހަކަ ސާރާގާތު ނުބުނީ ، ހުޅުފަޅައިގެންގޮސް ގޮވާނެ ދުވަހަށް އިންތިޒާރުކުރުމުން އެލިބޭ އުފާވެރިކަން ނުލިބޭނެތީ ކަމުގައި ޒަރީނާ ބުންޏެވެ. ސާރާގެ އުފާވެރިކަމުގައި ޒަރީނާ ބައިވެރިވަމުން ބުންޏެވެ. އެންމެ ބޮޑު މައްސަލަޔަކަށް ވެފައި އޮތީ ބަޝީރަތު ދުނިޔޭގައި ހުއްޓާ އެއްވެސް ކަމެއް ކުރާނެ ފުރުޞަތު ފަރީދާއަށް ނުލިބުމެވެ. ބަޝީރަތު ނިޔާވުމާއެކު ، ފަރީދާގެ މަސައްކަތް ރާވައި މަޑުމަޑުން ކުރިޔަށް ގެންދިޔައީއެވެ.

ޒަރީނާވެސް މަސައްކަތްކުރަމުންގެންދިޔައީ ފަރީދާގެ ލަފާގެ މަތިންނެވެ. އަޝްހަރު އެގެޔަށް އައުން މައްސަލަޔަކަށް ހަދައި އަޝްހަރަށް އެކަން މަނާކުރަމުން ގެންދިޔައިރު ، ޒަރިނާގެ ހިތުގައިވެސް އޮތީ އެހެން ރޭވުމެކެވެ. އެކަހަލަ ކަންކަން އެއީ ސާރާމެންނަށް ރޭކާލާނެ ކަންކަމެއް ނޫނެވެ. ސާރާއަކީ މާބޮޑަށް ޖަޒުބާތީވާ މީހަކަށްވާތީ ، އެހުރިހާކަމެއް ސާރާއާ ޙިއްސާކޮށްފިނަމަ ، އެއްވެސް ނަތީޖާއެއް ނުފެނި ހުރިހާކަމެއް ފެއިލްވީސްކަމުގައި ޒަރީނާ ބުންޏެވެ. ޒަރީނާކުރިކަމެއް ވިއްޔާ ކުރީ ސާރާގެ މުސްތަޤްބަލަށް ވިސްނައިގެންކަމަށް ބުންޏެވެ. ޒަރީނާއާއި ފަރީދާ އަދި ކައިސަރުވެސް އެކުރިކަމެއް އެކުރީ ، ސާރާބޭނުންވާ މަޤްޞަދު ޙާޞިލްކޮށްދޭންކަމަށް ޒަރީނާ ބުންޏެވެ. އަޝްހަރު ރަށަށް އެނބުރި އަންނަ ފްލައިޓާއި ގަޑި ، ސާރާ ލައްވާ ހޯދީ އެރޭ އެހިންގުނު ކަންތައްގަނޑު ރާވަންވެގެންކަމުގައި ރަޒީނާ ބުންޏެވެ.

އަޝްހަރު ކިހިނެއްތޯ ސާރާ ސުއާލުކުރިއެވެ. އަޝްހަރު ހުރިގޮތެއް ނޭނގޭކަމަށް ޒަރީނާ ބުންޏެވެ. ފަރީދާ ހުރީ ދެންއޮތް ރޭވުންތަކުގައި ބޯހާސްވެފައި ކަމަށާއި އަޝްހަރު ގެޔަށް އައުމުން ދެންވީގޮތެއް އަދި ނޭނގޭކަމުގައި ޒަރީނާ ބުންޏެވެ. އެކަމާ ސާރާ ނުވިސްނުމަށް ޒަރީނާ އެދުނެވެ. އަޝްހަރު ޢަމަލުކުރާ ގޮތަކުން ދެންހުރިކަންކަންވެސް ކުރިޔަށްދާނީ އެމީހުން ބޭނުންވާގޮތަށް ކަމުގައި ޒަރީނާ ބުންޏެވެ. އަޝްހަރު ކޮންޓްރޯލް ކުރުމަކީ ފަރީދާއަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ފަރީދާގެ މަކަރުވެރި ރޭވުމުގެ ދަށުން ، ޚައިރާދު އެޖެއްސި ކިރުއިލޮށްޓަށްވުރެ ކުޑަނޫން ކިރުއިލޮށްޓެއްގައި އަޝްހަރުވެސް ޖައްސާނެކަމަށް ޒަރީނާ ބުންޏެވެ. ސާރާއަށް އުފަލުންގޮސް އެރޭ ނުވެސް ނިދުނެވެ. އޭނާ އެނބުރި އަންނަން އޮތީ މާދަމާގެ ފްލައިޓުންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.