އަނާ - 23

(13 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޚާން އާޞިފްކުރެން އައްސަވާބައްލަވާ! އާނ.. މާޖިދަކީ ކުއްޖެއްލިބުން އެކަށީގެންނުވާ މީހެއްކަމަށް ވަނީ ސަރުކާރުގެ ޑޮކްޓަރ ކޯޓްގައި ބަޔާންކޮށްދީފާވިއްޔަ؟"

"ހިމޭނުންހުރޭ ...މިހިރަ އޫރުގެ ދަރިޔާ...ހިމޭންވޭ.!"

ޕަސް....ޘަނާގެ އަތުން ވަރަށްބާރު އެތިފަހަރެއް ޚާންއާޞިފްގެ މޫނުމައްޗަށް ފޮނުވާލިއެވެ. އަދި ހަޅޭއްލަވައި ގަންނަކަހަލަ ގޮތަކަށް ބުންޏެވެ.

"މީގެ ފަހުން ކަލޭގެ ތިޔަ ހަޑިދޫގަނޑު ހިމޭނުންބާއްވާތި! އަހަރެންގެ ބައްޕައާމެދު އެފަދަ އެއްޗެކޭ ބުނާއަޑުއަހަން އަހަރެން ހިމޭނަކުން ނުހުންނާނަން. ހަނދާންކުރާތި! ޚާންއާޞިފްގެ މޫނުމައްޗަށް އެރި އެތިފަހަރުގެ ސަބަބުން އޭނާއަށް ހުއްޓުމެއް އައެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ރުޅި އިންތިހާއަށް ހިނގައްޖެއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މުޅީން ބަދަލުވެގެން ދިޔައެވެ. އަދި ޘަނާއާ ދިމާއަށް، ލެއަށް ފެންބޮވައިގެންފައިވާ ޖަނަވާރެއް ބަލާހެން ބަލަމުން ދިޔައެވެ. އެވަގުތު އަނެއްކާވެސް ޘަނާ ބުންޏެވެ.

"އަހަރެންގެ މި އެތިފަހަރަކީ އެ ކުރާނެކަމެއްނެތް އަނިޔާ ލިބިފައިވާ އަންހެންކުއްޖާގެ ނަމުގައި ޖެހި އެތިފަހަރެއް. ކަލޭވަނީ އޭނާއާ މެދު ހަޑިހުތުރު ވާހަކަ ދައްކާފައި...އޭނާގެ އަބުރު ނަގާލާފައި....އޭނާއަކީ ފާފަވެރިއެއްކަމުގައި ބަދުނާމުކޮށްފައި.. މި އެތިފަހަރަކީ އެންމެ ފަހު އެތިފަހަރުކަމުގައި ހީކުރޭ ... އެއީ ކީއްވެގެން؟ މިހާރު ކަލެއަކީ އަލުން އެފަދަ އެތިފަހަރެއް ދެން ޖެހޭވަރުގެ މީހެއް ނޫން. ދެންކުރިއަށް އޮތްތާނގައިވެސް ދޫ ހިމޭނުންލައިގެން ހުރެވޭތޯ ބަލާ! ވިޔަފާރި ކުރަން ބޭނުންނަމަ އާދޭ! އަހަރެން ކަލެއާއެކު ވިޔަފާރިކޮށްފާނަން....އެލިޔުންތަކުގެ ބަދަލުކަލޭ ދޭނީ ކޮންއެއްޗެއްތަ؟"

ކޮޓަރިތެރޭގައި ވަނީ ބިރުވެރި ހިމޭންކަމެކެވެ. މާޙައުލުން ފެންނަނީ ނުރައްކައުތެރި ކަމުގެ އަސަރުތަކެވެ. އެންމެންވެސް ވަނީ ހިމޭންވެފައެވެ.

ކުއްލިއަކަށް ވާހަކަ ދައްކަން ފެށީ ޚާންއާޞިފްއެވެ. އޭނާގެ ޖުމުލަ ތަކުގައިވަނީ ނުރުހުމުގެ އަސަރެވެ.

"ކަލޭ ތިޔަ ޖެހި އެތިފަހަރުގެ އަގު ވަރަށް ބޮޑުވާނެ މިސްޓަރ ޘަނާ!"

"އަހަރެން އިންތިޡާރު ކުރާނަން. މިސްޓަރޚާން މިހާރު ދެން ކަލޭގޮސް ކުއްޔަށް މީހުންޗމަރާމީހަކު ހޯދައިގެން އަހަރެމެން ދެޗމީހުން ގަޔަށް ބަޑިޖަހާ މަރާލަން މަސައްކަތްކުރޭ. ނަމަވެސް ޚާންއާޞިފް ރަނގަޅަށް ހަނދާންކުރާތި! އަހަރުމެން ދެ މީހުންކުރެ އެކަކަށްވެސް ކިތަންމެ ކުޑަކަމެއްވެސް ވާ ދުވަސް އެއީ އެ ލިޔުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ލިބޭ ދުވަސް. އެގޮތަށް އެކަންތައް ކުރުމަށް އަހަރެން އޮންނާނީ އަހަރެންގެ ވަކީލަށް ވަޞިއްޔަތްކޮށްފައި. އަހަރެން މިހާރު ކުރިމަތިލައިގެން މިއުޅެނީ ކިހާވަރެއްގެ މުއްސަނދި އަދި ފައިސާވެރި މީހަކާކަން މިހާރު އަހަރެންނަށް އެނގޭ. ކަލޭގެ ކައިރިގައި ފުރިހަމަ އެއްއަހަރު މަސައްކަތްކުރި އިރު އަހަރެންހުރީ ޣާފިލްވެގެނެއް ނޫން. ކަލޭގެ ކަންތައްތައް ހުންނަގޮތް އަދި މިކަހަލަ ދަނޑިވަޅެއްގައި ކަލޭ ރައްދު ޢަމަލު އަންނާނެގޮތްވެސް އަހަރެންނަށް ވަޒަންކުރެވޭ. ޘަނާ ބުނަމުން ދިޔައެވެ.

 "އަހަރެންގެ ގަމީހުގެ ގިރުވާނުގައި ހިފާ ތަޅުވައިގެން މިހިރަ އަންހެންމީހާ އޭނާގެ ބަނޑުގައި އެ އޮތީ ފާފައެއްގެ ދަރިއެއް ކަމަށް ބުނެ ރޮއެ ހެދި ދުވަސް މިހާރުވެސް އަހަރެން ހަނދާން އެބަހުރި. އެއީ ޚާންއާޞިފްގެ ޢާއިލާގެ ލެއޭ ބުނަމުން އޭނާ އާދޭސް ކުރިއިރު އޭނާ ހުރީ ކޮންފަދަ ނިކަމެތި ޙާލެއްގައިކަން އަހަރެން މިހާރުވެސް ހިތަށްއަރާ. އޭނާގެ ލޮލުން އެވަގުތު ފެންނަމުންދިޔަ ކުރާނެކަމެއްނެތްކަމުގެ އަސަރު. މިހާރުވެސް އަހަރެންގެ ހިތަށް ތަދުކުރޭ. އެވަގުތު އެ އަސަރުން އަހަރެންގެ ހިތްހަލާކުވި...ކަލޭހީކުރީ އަހަރެންނަކީ މޮޔައެއްކަމަށް..... އެހެނެއްނޫން މިސްޓަރ ޚާންއާޞިފް...ކަލެއަށް  ރައްކައުތެރި ކުރުމަށްޓަކައި ފުރާނަދީގެން ކުރަންޖެހުނު ކަމެއްވެސް ކުރާނެކަމަށް އަހަރެން ބުނެފައިވާ ބުނުން ކަލޭ ހަނދާން ނައްތާލީތަ؟ މިހާރު ދެކިބަލަ އަހަރެން އަހަރެންގެ މުވައްކިލަށް ޓަކައި އަހަރެންގެ ފުރާނައާ ކުޅުނީ....ނޫން...ނޫން..ޚާންއާޞިފް. މިހާރު އަހަރެން ހަމައެ ކޯޓްގައި ކަލޭ ބަލިކުރާނަން. ހަމަ އެ ކޯޓްގައި އެއީ ކީއްވެ؟ އެ ކޯރޓްގެ ޖަޖް ކައިރިއަށް ގޮސް އަހަރެން އާދޭސް ކުރިން..އެ ރިޕޯރޓަކީ ދޮގު ރިޕޯރޓެކޭ. ފައިސާދީގެން ގަނެފައިވާ ރިޕޯރޓެކޭ ބުނެ އާދޭސްކުރިން....އަހަރެން ސަރުކާރުގެ ޑޮކްޓަރު ގާތަށްވެސް ދިޔައިން ...ފައިމަގުގައި..އަހަރެން ދިއައީ ހިނގާފައި...މިސްޓަރ ޚާންއާޞިފް ކީއްވެގެން؟ އަހަރެން އަތުގައި ފައިސާ ނެތީމާ

ބަހަކަށް އަރާނެ ފައިސާވެސް ނެތީމާ. ދިހަމޭލަށް އަހަރެން ހިނގީ ހަމަފައިމަގުގައި. އެވަރުން އެ ޑޮކްޓަރުގާތަށް އަހަރެން ދިޔައީ މިހިރަ އަންހެން މީހާއަށް ލިބެމުންދާ އަނިޔާ އޭނާއަށް ވިސްނާދެވޭތޯ. މި އަންހެންމީހާގެ ނިކަމެތިކަން އޭނާއށް އަންގާދެވޭތޯ. ނަމަވެސް ކަލޭވަނީ އޭނާވެސް ގަނެފައި. އެ އިންސާނާ ހުރީ ކަލެއަށް ވިކިފައި އެ ތަނުންވެސް އަހަރެންނަށް އަޑުއިވުނީ ފައިސާގެ ދުލުން ދައްކާ ވާހަކައިގެ އަޑު. އަހަރެން އާދޭހާއެކު ދިޔަ ކޮންމެ ތަނަކަށް އަހަރެންނަށްވުރެ ކުރީން ކަލޭވަނީ ފައިސާ އާއެކުގޮސްފައި. އެންމެފަހު އަހަރެން ބަލިވީ....އަހަރެންނަށް ކުރެވޭނެ ކަމެއްނެތުނީ ނަމަވެސް ...ނަމަވެސް އެ ހިސާބުން އަހަރެން ޤަސްދުކުރީ ކަލޭއާ ދެކޮޅަށް ނުކުންނަން. މި އަދި ކަލޭތިޔަ ދެކެނީ އަހަރެންގެ މި ދެކޮޅު ހެދުމުގެ ނަތީޖާ. އެހެންވީމާ މިހާރުދެން އަލުން ވިޔަފާރި ކުރަން ބޭނުމިއްޔާ ވިޔަފާރިކުރޭ! މިހާރު ކަލޭގެ ޕޮޒިޝަން ވަނީ ވަރަށް ދަށަށްގޮސްފައި. މިހާރު މަތިފަޑިމަތީގައި ތިބީ އަހަރުމެން...އެހެންވީމާ ވާހަކަ ދައްކަންވާނީ ވަރަށް ވިސްނައިގެންކަން ދަންނާތި.....އަހަރެންނަނީ މާ އަގުހެޔޮކޮށް ވިކޭނެ ބައެއް ނޫން އިނގޭ!"

"ބޭނުންވަނީ ކޮންއެއްޗެއްތަ؟" ޚާންއާޞިފް ދަތްކުޑި ވިކާގޮތް ދައްކާލާފައި ބުންޏެވެ.

ޘަނާ އަނާއާ ދިމާއަށް ބަލާލިއެވެ. އޭރު އޭނާ އިނީ ހަމަކުރިންވެސް އިންގޮތަށް ގޮނޑީގައި އިށީނދެލައިގެން ޚާންއާޞިފާ ދިމާއަށް ބަލާށެވެ. ޘަނާ އަނެއްކާވެސް ޚާންއާޞިފާ ދިމާއަށް ބަލާލާފައި ބުންޏެވެ.

"ޝަހަރުގައި ހުރި ކަލޭގެ ކުންފުނި ކަލެއަށް ކާފަކިޔާ އަންހެން ދަރިފުޅުގެ ނަމަށް ބަދަލުކުރޭ! އަދި މި އަންހެން ދަރިފުޅަކީ ކަލޭގެ ފިރިހެން ދަރިފުޅުގެ މާޖިދުޚާންގެ ދަރިފުޅެއްކަމުގައި ކޯޓްގައި އެއްބަސްވެފައި ޚާން އެންޓަރޕްރައިޒަސް އެ ދަރިފުޅުގެ ނަމަށް ބަދަލު ކުރުމަށް ކޯޓްގައި އެދޭ!"

"ނޫން...ނޫން... ތިޔަހެނެއް ނުހެދޭނެ." ޚާންއާޞިފް ހުއްޓަ ހުއްޓާފައި ބުންޏެވެ.

"މިހާރު މި ތަނުންދޭ! އަދި މިކަމާމެދު ވިސްނުމަށްޓަކައި ކަލެއަށް އަހަރުމެން ހަފްތާއެއްގެ މުއްދަތުދީފިން އަހަރެމެން މާއަވަސްވެގަންނާކަށްވެސް ނޫޅެން....މިހާ ގިނަދުވަސްވެފައި އޮތްކަމަކަށް އަދި އިތުރު ހަތް ދުވަހަށް މަޑުކޮށްލުމަކީ މާބޮޑުކަމެއްވެސް ނޫނެއްނު"

ޚާންއާޞިފް އިން ގޮނޑިން ތެދުވެއްޖެއެވެ. އަދި އަނާއާ ދިމާއށް ބަލާލާފައި އަރިއަޅަމުން ކަހަލަ ގޮތަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ހިނގައްޖެއެވެ. ނަމަވެސް އޭނާ އެ ދިޔައީ މަރެއް ފަދަ ހިމޭންކަމެއް އެތަނަށް ގެނެސްފައެވެ. ހީވަނީ ކޮންމެވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެ އިންތަނެއްގައި މަރުވެފައި އިނީ ހެންނެވެ. އެއެވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެ އެތައް އިރެއް ވުމަށްފަހު ކޮޓަރީގެ ދޮރުކައިރީގައި ހުރި އާންޓީ ޒައިތޫން ހުރިތަނުން ހިނގައިގެންފިއެވެ. އަދި  އަނާކައިރިއަށް އަތުވެއްޖެއެވެ.

"އަނާ ދަރިފުޅާ"

"ހޫނ..." އަނާ ސިއްސައިގެން ދިޔައެވެ.

"މި މީހާގަނޑު އަނެއްކާ ނުބައެއް ނުހަދާނެތަ؟"

"އޭނާގެ މަރު އޭނާ އަމިއްލައަށް ހޯދަފާނެ. މިހާރު އޭނާއަށް އަހަރެމެންނަށް އެއްކަމެއްވެސް ނުކުރެވޭނެ އާންޓީ! އެއްކަމެއް ވެސް ނުކުރެވޭނެ." އަނާ ބުނަމުންދިޔައިރު ހީވަނީ އޭނާގެ އަޑު އަންނަނީ މާދުރުން ހެންނެވެ.

"އެންމެ ރަނގަޅު ކޮއިފުޅާ! އަހަރެން މިދަނީ ކަލެއަށް ސައިތަށްޓެއް ހަދަން މިއަދު ދާންވާނީ އާންޓީ އަތުން ސައިތަށްޓެއް ބޮއިގެން" އާންޓީ ޒައިތޫން ވަރަށް ލޯބިވެތި ގޮތަކަށް ޘަނާއާދިމާއަށް ބުނެލާފައި އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ޘަނާ އެ ގެއަށް އަންނަ ކޮންމެ ފަހަރަކުވެސް އަނާއައީ އޭނާއާ ދެ މީހުން އެކަނި ބައިތިއްބައިފައި. އާންޓީ ޒައިތޫން އެ ތަނުންދާގޮތް މިހަދަނީ ކީއްވެގެން ކަމެއްނޭނގެއެވެ. އާންޓީ ހަމަ ޤަސްދުގައި މިހެން ހަދާކަން އަނާއަށްވެސް މިހާރުދަނީ ވަރަށް ބޮޑަށް އިޙްސާސް ކުރެވެމުންނެވެ. އާންޓީ ޒައިތޫން ދިއުމުން ޘަނާއާއި އަނާ އެކަނިވެއްޖެއެވެ. ދެ މީހުންވެސް ވާހަކަ ނުދައްކާ އިރުކޮޅަކު ތިބުމަށްފަހު ޘަނާ ފުންނޭވާއެއް ލާފައި ވާހަކަދައްކަން ފެއްޓިއެވެ.

"އަނާޖީ...މިއަދު ކަލާގެ ކޭސް މުޅީން މި ނިމުނީ...ވީމާ ދެން މިހާރު ދެ ތަނޑުގަނޑު......"

ޘަނާގެ ޖީބުން ދެ ތަނޑުގަނޑުނަގާފައި އަނާއާ ދިމާއަށް ބަލަން ހުރެގެން ބުނަމުންދިޔައެވެ.

"މި ދެ ތަނޑުގަނޑަކީ އަޅުގަނޑުގެ މަސައްކަތުގެ ފީއަކަށް ކަލާ އަޅުގަނޑަށް ދެއްވިއެއްޗެއް. މިހާރު އަޅުގަނޑަށް އެ ފީ ޙަލާލުވެއްޖެ. ވީމާ މިހާރު އަޅުގަނޑު އެ ދެ ތަނޑިގަނޑު މިގެންދަނީ. އަދި ކަލާ މިހާރު ދެން އިތުރަށް ބައްދަލުކުރައްވަން ބޭނުން ފުޅުނުވާނެ ކަމަށްވެސް އުއްމީދުކުރަން." މިހެން ބުނެފައި ޘަނާ އެނބުރިލައިފިއެވެ. އެވަގުތު އަނާގެ ތުންފަތް ތުރުތުރު އަޅާގޮތްވިއެވެ.

"އައްސަވާ ޘަނާ!"

ޘަނާ ހުއްޓިއްޖެއެވެ. މަޑުމަޑުން އެނބުރިލައިފިއެވެ. ސުވާލު ނަޡަރަކުން އަނާއާ ދިމާއަށް ބަލާލިއެވެ.

"މިހާރު އަޅުގަނޑަށް ކަލާގެ ބޭނުންވަރަށް ބޮޑު"

"ކީއްވެތޯ؟ ކޭސް ނިމިއްޖެ ނޫންތޯ؟"

"އަދި އެއްފަހަރު ކޯރޓަށް ދާންޖެހޭނޭ ބުނުއްވީ ހަމަކަލާނޫންތޯ؟ އަދި ކަލާ އަލުން މިކޭސް ނަންގަވައިގެން ކޯޓްގައި ވާހަކަ ދައްކަވާ ނަމޭވެސް ހަމަ ކަލާ ބުނުއްވީމު ނޫންތޯ؟"

"އަޅުގަނޑު ތިޔަހެން ބުނިން" ނަމަވެސް އެއީ ހަމައެކަނި ޚާންއާޞިފަށްޓަކައި. ނަމަވެސް މިހާރު އޭނާއަށް މި ކޭހުގައި އަލުން ވާހަކަ ދައްކާކަށްނުކެރޭނެ. މިހާރު އޭނާ އެހެރީ ކަލާ ބުނުއްވި ކޮންމެ ކަމެއް ކުރަން ތައްޔާރަށް. އަދި ކަލާއަށް އެނގިނުލައްވާކަމެއް ނަންގަންނަންތޯ. އަޅުގަނޑު މި ހުށަހަޅާ ހުރިހާ ޝަރުތުތައް ޚާންއާޞިފް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރާނެ .ޚާން އެންޓަރ ޕްރައިޒަސް އަޅުގަނޑުމެންނަށް ދިނުން ވެގެން ދާނީ ބޭރުގައި ހުރި އޭނާގެ ކުންފުނިތައްވެސް އޭނާ އަޅުގަނޑުމެންނަށް ދިނުންކަމަށް. އެހެން ވާންޖެހޭ ގޮތަކީ އަޅުގަނޑު އަތުގައި އެހެރަ ލިޔުންތަކުން ބޭރު ޤަވްމުތަކުގައި އެހެރަ ހަތަރު ގޮފިވެސް ކޮންޓްރޯލް ކުރާނީ ހަމައެކަނި ޚާން އެންޓަރޕްރައިޒަސް އިންކަން އެނގެން އޮތްކަން. މިހާރު ޚާންއާޞިފަށް އޮތީ އެންމެ ދެގޮތް އެއީ އޭނާ އަމިއްލައަށް މަރުވުން ނުވަތަ ހުރިހާ އެއްޗެއް ދޫކޮށްލާފައި ބަލީވީކަމަށް ޤަބޫލުކުރުން".

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.