ޑިސެންބަރު 2022 ގައި މީރާއަށް 2.58 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %27.4 އިތުރު އަދަދެކެވެ. އަދި ޑިސެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %77.0 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޑިސެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ޖީ.ޖީ.އެސް.ޓީ އަދި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.
ޑިސެންބަރު މަހުގެ ޖުމުލަ އާމްދަނީގެ ބޮޑު އިންސައްތައެއް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ހިއްސާކުރެއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން، 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ރޭޓު 26 ޑިސެންބަރު 2022 ގެ ފަހުން އިތުރުކުރުމަށް ކަނޑައެޅިފައިވެއެވެ. އެހެންކަމުން، ގިނަ ރިޒޯޓުތަކުން ސުންގަޑިއަށް ފައިސާ ދައްކާފައިވުމުން، މީރާއަށް ބަލައިގަތް އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ޑިސެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ. ހަމައެހެންމެ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 57.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުމާއެކު އަންދާޒާ ކުރި އާމްދަނީއަށްވުރެ، ބަލައިގަތް އާމްދަނީވަނީ އިތުރުވެފައިވެއެވެ.
ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއަކީ ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންވާ މުއްދަތަކަށް ދައްކަން އޮންނަ ފީއަކަށް ވުމާއެކު، އަންދާޒާކުރާ އާމްދަނީގައި މި ފީއެއް ނުހިމެނެއެވެ.
ޑިސެންބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 34.2% ނުވަތަ 882.35 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީއެވެ. އެއީ %34.1 ނުވަތަ 882.03 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 359.53 މިލިއަން ރުފިޔާ (%13.9)، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 130.44 މިލިއަން ރުފިޔާ (%5.1)، ގްރީން ޓެކްސްގެ ގޮތުގައި 75.75 މިލިއަން ރުފިޔާ (%2.9) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 252.99 މިލިއަން ރުފިޔާ (%9.8) ލިބިފައިވެއެވެ.
ޑިސެންބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 135 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.