ދެކަފި - 46

(28 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރޭގަނޑުގެ ކެއުމަށްފަހު ހަމަޖެހިލުމުން ، ކަޝަފް ސީއައި އެސް އިމްތިޙާނުން ފާސސްވި ވާހަކަ ، މުރުތަޟާ ގާތުގައި ނިޤާރު ބުނެއެވެ. އެވާހަކަ ނިޤާރު ބުނުމާއެކު މުރުތަޟާ ސިއްސައިގެންގޮސް އޭނާއަށް ޙައިރާންކަމެއް ލިބުނެވެ. އަދި އިމްތިޙާނުގައި އިށީނީ ކޮންއިރަކުތޯ މުރުތަޟާ އަހައިލައެވެ. މުރުތަޟާއަށް ނޭނގޭ އޭނާގެ ދަރިންނާ ބެހޭކަމެއް ، ނިޤަރަށް އެނގޭނީ ކިހިނެއް ހެއްޔެވެ. ނިޤާރަށްވެސް އެކަން އެނގުނީ ޙައްމާދު އައިސް ބުނުމުންނެވެ. ކަޝަފް ފާސްވީވެސް ވަރަށް މަތިންނެވެ. ބުނެވޭގޮތުގައި އޭނާއަށް އެސިސްޓެންޓް ކަމިޝަނަރކަން ލިބޭނެއެވެ. މުރުތަމާއަކަށް ނިޤާރުގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އަދި އަވަސް އަވަހަށް ޙައްމާދަށް ގޮވާލައި އޭނާކުރެން އަހައި އެވާހަކަ ޔަޤީންކުރަން މުރުތަޟާ ބޭނުންވިއެވެ. އެކަމަކު އޭރު ޙައްމާދު ގެޔަކު ނޫޅެއެވެ. މުރުތަޟާވެސް ނިޤާރުގެ ކުރިމަތީ ދައްކަން ބޭނުންނުވާތީ ، އޭނާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަމާއި ހިނިތުންވުން ފޮރުވޭތޯ ބެލިއެވެ. ފެށުނީއްސުރެ ، ކަޝަފް ހޯދަމުން ގެންދާ ކާމިޔާބީއަކީ ، މުރުތަޟާ ފާހަގަ ކުރަމުން އައި ކަމެކެވެ. އެކަން ރާފިޢާއާއި ކުދިންނަށް ދައްކަން ބޭނުން ނުވަނީއެވެ. އެހެންކަމުން އެސސިސްޓެންޓް ކަމިޝަނަރކަން އެއީ ކަޝަފަށް ޙައްޤު މަޤާމެއްކަން މުރުތަޟާވެސް  ޤަބޫލު ކުރެއެވެ.

------------------------

ޒަރޫން އަސްމަރާއަށް ފޯނުކުރުމުން ފޯނުނަގަނީ އަސްމަރާގެ މަންމައެވެ. ޒަރޫންއަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ސަލާމް ގޮވާލައި ޙާލު އަޙުވާލު އަހައިލުމަށްފަހު ، އަސްމަރާގެ ފޯނު ، މަންމަ އަތުގައި އޮތީ ކިހިނެއްވީތޯ ޒަރޫން ސުއާލު ކުރިއެވެ. އަސްމަރާ ދުބާއީއަށް ފުރައިގެނ އެދިޔައީ މިއަދު އެވެ. އަސްމަރާ ދިޔައީ ، ދުބާއީގައި ބާއްވާ ޝޯއެއް ބަލައިލަން ރައްޓެހި ކުދިން ތަކަކާ އެކުގައެވެ. އެއީ ކޮންކޮން ކުދިންނެއްތޯ ޒަރޫން ސުއާލު ކުރިއެވެ. އަސްމަރާގެ މަންމަ އެކުދިންގެ ނަންތައް ކިޔަން ފެށުމުން ފުރަތަމަ ކީނަމުންވެސް ޒަރޫންގެ މޫނުމައްޗަށް ބަދަލު އައެވެ. އަސްމަރާއާއެކު އެދަތުރުގައި ދިޔައީ ، ނައުފަލް އާއި ނާދިޔާ ، އަދި ޒިޔާއާ އިތުރު ކުދިންތަކެއް ހިމެނޭ ގްރޫޕެކެވެ. ޒަރޫންގެ ވާހަކަ ހުރިގޮތުން ، ޒަރޫންއަށް އެކަން ނޭނގި  އޮތްކަން އަސްމަރާގެ މަންމަ ދެނެގަތެވެ. އަދި އެވާނީ އަސްމަރާ އެވާހަކަ ޒަރޫންގާތު ބުނަން ހަނދާން ނެތުނީކަމަށޭ ބުނެ ހަމަޖައްސައިލައެވެ. ޒަރޫން ޤަބޫލުކުރާގޮތުގައި ޒަރޫންގާތު އެވާހަކަ ބުނުން އެއީ އަސްމަރާއަށް މުހިންމު ކަމަކަށް ނުވީއެވެ.

ޒަރޫން އެނބުރި އަންނަނީ ކޮންއިރަކުންތޯ އަސްމަރާގެ މަންމަ އަހައިލައެވެ. އެސުއާލަށް ޒަރޫން ޖަވާބެއް ނުދެއެވެ. އޭނާ ކުރީ ސުއާލެކެވެ. އެއީ އަސްމަރާ އެނބުރި އަންނަނީ ކޮންއިރަކުންތޯ އެވެ ؟ އަސްމަރާމެން ދިޔައީ ހަފުތާ ބަންދަށެވެ. ބަންދު ނިމޭއިރަށް އޭނާ އެނބުރި އަންނާނެއެވެ. އެހެންނަމަވެސް ، ޒަރޫން ރަށުގައި ނެތިސް އޭނާގާތު ނުވެސް ބުނެ ، އަސްމަރާ ގްރޫޕް ހަދާފައި ނައުފަލްއާއެކު ދުބާއީއަށް ފުރައިގެން ދިއުމަކީ ، ޒަރޫންއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ލިބުނު ހާސްކަމުގައި ކުރުކޮށްލާފައި ޒަރޫން ފޯނު ބާއްވައެވެ.

ފޯނު ބޭއްވުމާއެކު ، ޒަރޫންގެ ދެބުމަ ގޮށްޖެހުނެވެ. ރަނގަޅަށް ތުނބުޅި އާއި މަތިމަސް ބާލައި އޮމާންކޮށްލާފައިހުރި މޫނުމަތިން ފޫއްސާއި ރުޅިވެރިކަން ފާޅުވެގެން އެދިޔައީ އިންތިހާ އަށެވެ. ގައިގާ ހުރިއްޔާ ހުރި އިސްތަށްޓެއް ކޮޅަށް ޖެހުނެވެ. މިއުޅެނީ އިންނަން އެއްބަސްވެ ، އަނގޮޓި އަޅައިގެންނެވެ. އިނުމަށްފަހު ، އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ ދެންވާނެގޮތެއް ދެނެވޮޑިގެން ވާނީ ﷲ އެވެ. އެކަހަލަ ކަންކަމަކީ ދިމާނުވާނެ ކަންކަމެއް ނޫނެވެ. އެކަމުގެ ހެއްކާއި މިސާލު ، ޚުދު ޒަރޫންގެ ގޭތެރެއިންވެސް އެދަނީ ފެންނަމުންނެވެ. ސާރާގެ ދިރިއުޅުމުންނެވެ. ސާރާއާއި އަސްމަރާގެ އެއްވެސްކަމެއްގައި އެއްވެސް ތަފާތެއް ނެތެވެ. އެންމެ ދެރަވެގެން ، ބޭބެއެއްގެ ހައިސިއްޔަތުން ޒަރޫން ދައްކާ ވާހަކައެއްވެސް ސާރާވެސް އަހައިލަނީކީ ނޫނެވެ. ފަރްޙާން އުޅޭނެ ޙާލު ނިކަން ވިސްނާލަ ބަލާށެވެ. ކައިވެންޏަށްފަހު ، ޒަރޫންގެ ޙަޔާތުގައިވެސް ތަޖުރިބާ ކުރަން ލިބޭނީ ހަމަ އެފަދަ ޙާލަތެކެވެ. ނުވަތަ އެއަށްވުރެވެސް ހާސްކަން ބޮޑު ދިރިއުޅުމެކެވެ.  މާތް ކަލާކޯއެވެ !

------------------------

ކަޝަފްމެންގެ ގެޔާދިމާއަށް މިސްރާބުޖަހައިގެން ހިނގަމުން އައި މުރުތަޟާއަށް ، އެގެޔާ ކައިރިވެފައި ހުއްޓާ އަވަށްޓެރިންގެ ބަޔަކާ ދިމާވިއެވެ. އަދަބު އިޙްތިރާމާއެކު މުރުތަޟާއާ ސަލާމް ކުރުމަށްފަހު މުބާރިކްބާދީ އަދާކުރިއެވެ. އެއީ ކޮންކަމަކާ ކިޔާ މުބާރިކްބާދީއެއްކަން އެނގޭކަމަށް ހަދާކަށް މުރުތަޟާއަކަށް ނުކެރުނެވެ. ވެގެން އުޅެނީ ކީއްވެގެންކަން ރަނގަޅަށް އެނގޭ ހާލުގައިވެސް މެއެވެ. އެހެނަސް ، އެއީ ކަޝަފްގެ ކާމިޔާބީއާ ގުޅިގެންކަމާއި އެއްވެސް ކަމެއް ދިމާވެއްޖިއްޔާ އެމީހުން މުރުތަޟާގާތަށް އެކަން ޙައްލުކުރަން އަންނާނެކަމަށް އެމީހުން ބުނެއެވެ. މުރުތަޟާވެސް އަނގަޔަކުން ދެރައެއް ނުވެއެވެ. އެމީހުންނަކީ ހަމަ އޭނާގެ އަމިއްލަ މީހުންކަމާއި ކަމެއް ދިމާވެއްޖިއްޔާ އަންނަންޖެހޭނެކަމަށްވެސް މުރުތަޟާ ބުނެ އިއްވާލައެވެ. އެއީ ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތެވެ. ޚިދުމަތް ހޯދަން ރައްޔިތުން އަންނާނީ ވެރިންގެ ގާތަށެވެ. އެއްވެސްކަމެއް ބޭނުމިއްޔާ އަންނަންވީއޭ ބުނެ މުރުތަޟާގެ ވާހަކަ ނިންމައި ލައެވެ.

އޭނާ އެހުރީ ޙައްޤުނޫން ފަޚުރެއް ވަގަށް ނަގައި އޭގެ ނާޖާއިޒް ފައިދާގައިކަން ޚުދު އޭނާވެސް ދެނެގަތެވެ. ހިތުތެރޭގައި ހަރުލާފައިހުރި ލަދުވެތިކަން ފޮރުވުމަށް މުރުތަޟާ މަސައްކަތް ކޮށް އޭނާއާ ދިމާވި ، ރާފިޢާގެ އަވަށްޓެރިންނަށް ހިނިމޫނެއް ދެއްކޭތޯ ބަލަމުން ގެންދިޔައީ މަކަރުވެރި ކަމާ އެކުގައެވެ. ބައްޕަގެ އެއްވެސް އަޅައިލުމެއް ، އެހީތެރިކަމެއްނެތި ބުރަ މަސައްކަތްކޮށްގެން ކަޝަފް އަމިއްލަޔަށް އެހޯދި ކާމިޔާބީގެ ކުޑަވެސް ފަޚުރެއް ، ބައްޕަ ކަމަށްވިޔަސް އެނާއަށް ޙައްޤުނޫންކަން އެންމެ ރަނގަޅަށް އެނގޭނީ މުރުތަޟާ އަށެވެ. އެކަމަކުވެސް ، އެކަމުންވެސް މުރުތަޟާ ނެގީ އަމިއްލަ ފައިދާއެވެ.

އެމީހުންގެ ވާހަ އެހިސާބަކުން ނުހުއްޓެއެވެ. ކަޝަފް ވަރަށް ބުރަކޮށް މަސައްކަތް ކުރިކަން އެމީހުންނަށްވެސް އެނގެއެވެ. މުރުތަޟާވެސް އެކަމަށް އެއްބަސް ވެއެވެ. ރާފިޢާވެސް ވަރަށް ހީވާގިކަމާއެކު ކަޝަފްގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ބުރަ މަސައްކަތްތަކެއް ކުރިކަމަށް އަވަށްޓެރިން ޤަބޫލު ކުރެއެވެ. އެވަގުތު މުރުތަޟާގެ މޫނުމައްޗަށް ވެރިވެގެން އެދިޔައީ ބައްޕައެއްގެ މަސްއޫލިއްޔަތާއި ވާޖިބަށް އިހުމާލުވެފައިވާ މީހެއްގެ މޫނުމައްޗަށް ވެރިވެގެން ދާނެ އަސަރު ތަކެވެ. ފޮރުވިފައިވާ ލަދުވެތި ކަމެވެ. ނަޞީބު ގަދަ މީހަކަށް ނޫނީ އެފަދަ އަނބިންނާއި ދަރިން ނުލިބޭނެކަން ، މުރުތަޟާއާ ވާހަކަ ދައްކަމުން ގެންދިޔަ މީހުން އޭނާއަށް ހަނދާން ކޮށްދިނެވެ. ކަޝަފް އެހޯދި ފަޚުރާއި ޝަރަފަކީ ، އެތައް ސަތޭކަ ކުދިންނަކާ ވާދަކޮށްގެން ހޯދި ފަޚުރުވެރި ޝަރަފެކެވެ. އެމީހުންގެ ނަޒަރުގައި ، އެތައް ސަތޭކަ ފިރިހެންކުދިނަށްވުރެ ، ކަޝަފްފަދަ އެންމެ އަންހެންކުއްޖަކުވެސް މާ ރަނގަޅެވެ. މުރުތަޟާގެ ނަން އޭނާ ދިރުވައިފިއެވެ. އެކަން އޭނާއަށްވެސް ޤަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ. އެންމެ ދެރަވެގެން އޭނާއާ ވާހަކަދައްކަން އެތިބަ މީހުންގެ ކުރިމަތީގައެވެ. އެހެންނަމަވެސް ، އެމީހުން އެބުނި އެއްޗެއްގެ އަސަރު ، މެޔަށް ޚަންޖަރެއް ހެރިހެން ފޫއަޅުވާލާފައި މުރުތަޟާގެ ހިތާހަމަޔަށް ދިޔައެވެ. އެތައް ސަތޭކަ ފިރިހެން ދަރިވަރުންނަކާ ވާދަކޮށްގެން އަންހެންކުއްޖަކަށް ކާމިޔާބު ލިބުމަކީ ، ކަށިކުނބުރު އިންދައިގެން ، ކަށިކުނބުރު ދަނޑަކުން މޭބިސްކަދުރު ބިނުންފަދަ ނާދިރު ކަމެކެވެ. އެމީހުން ކަމަކަށް އެދިގެން ދިޔައިމާ ނުފެންނަކަމަށް ނުހެދުމަށް އެމީހުން މުރުތަޟާގާތު ބުނެއެވެ.

އޭނާ އެދަނީ މެޓާ ހޯދަންކަމަށް ބުނެ ، އެމީހުންނަށް ފޮނި އެއްޗަކުން ކާންދޭނެކަމަށް ބުނެ އެމީހުން ފޮނުވާލައި ، މުރުތަޟާ ކުރިޔަށް ހިނގައިގަތެވެ. އޭނާހުރީ ނުޙައްޤު ފަޚުރަކުން މަތިހަށިނަގައި މޭފުއްޕާފައެވެ. ފޮރުވިފައިވާ ލަދުވެތި ހިނިތުންވުމަކުން މޫނުމަތި ފޮޅުވާލައިގެންނެވެ. ބައްޕައެއްގެ އެހީއާ ނުލައި ، އަމިއްލަ ދައު އޮހޮރުވައިގެން ފަޚުރުވެރި ވަނައެއް ހޯދި އަންހެން ދަރިޔަކަށްޓަކައި ބަފަޔަކަށް ޙައްޤުނޫން ފަޚުރަކަށް މަކަރު ހަދައިގެންނެވެ. ކާމިޔާބު އަނތްބެއްގެ އަތުން އަތްދޫކޮށްލައި ނިކަމެތި ކޮށްލި ފިރިއެއްގެ މަކަރާއި ޙީލަތާއި އަޅައިނުލުމުގެ ނަތީޖާ ހަކުރު އަޅައިގެން ފޮނިކޮށްގެންނެވެ.  އޭނާ އެދަނީ ރެށުތެރެއަށް ގިނަކޮށް ދޫކޮށްލި އަނބިމީހާއާއި އޭނާގެ ދޮށީ އަންހެންދަރިފުޅަށް މަރުޙަބާ ކިއުމަށްޓަކައި ، ލަދުޙަޔާތް ހަނދާން ނައްތާލައި ، އޭނާގެ އޮތްނަމަ އޮތް ޙިއްސާއަކަށް އުފާކުރުމަށެވެ. ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތި ، އެދެމައިންގެ އުފަލުގައި ގަދަކަމުން ބައިވެރި ވުމަށެވެ. މުރުތަޟާ ވިސްނަން ބޭނުންވާގޮތުގައި ، ކަޝަފްގެ ކާމިޔާބީގައި އޭނާގެ ޙިއްޞާ ވަރަށް ބޮޑެވެ. އެއީ ކޮންގޮތަކުން ހެއްޔެވެ ؟ އުފަންވުމަށް މެދުވެރިވި އިންސާނާކަމަށް ވަންޏާ ހަމައެކަނި އެ ޙިއްޞާ އޮވެދާނެއެވެ.

މުރުތަޟާ ހިނގަމުންގޮސް ، ރާފިޢާމެންގެ ގެޔާ ހަމަޔަށްގޮސް ރަނގަބީލު ޖަހަން ފެށިއެވެ. އޭނާވަނީ ކޮންޓްރޯލުން ނައްޓައިފައެވެ. ރަނގަބީލުޖަހަން ފެށިގޮތަށް ހުއްޓައެއް ނުލެވުނެވެ. ރާފިޢާ އަށް އުނދަގޫވެގެން ، ތިވަރަށް ރަނގަބީލު ނުޖަހާށޭ މިދަނީ އޭ ގޮވަމުންގޮސް ދުރުވާލިއެވެ. ކުރިމަތީގައި އެހުރީ މުރުތަޟާއެވެ. އޭނާގެ ކުދިން ، އެއްވެސް އަޅައިލުމެއް ރަޙުމެއްނެތި މަގުމައްޗަށް ދޫކޮށްލާފައިހުރި ، އެކުދިންގެ ބައްޕައެވެ. މުރުތަޟާ ހުރީ އެހެން ދުވަސްދުވަހާ ތަފާތުކޮށް ހިނިތުންވެފައެވެ. ރާފިޢާވެސް ދިޔައީ ސިއްސައިގެންނެވެ.

މުރުތަޟާ އައީ ފޮނިކާ އެއްޗެއްގެ ޕެކެޓެއް ހިފައިގެންނެވެ.

" މިއީ އަހަރެން ގެނައި އެއްޗެކެވެ. " ލަދުވެތިކަމާއެކު ލަސްލަހުން މުރުތަޟާއަށް ބުނެވުނެވެ.

" ތިއީ ކޮން އެއްޗެއް ހެއްޔެވެ ؟ " ރާފިޢާ ސުއާލު ކުރިއެވެ.

" ފޮނިކާ އެއްޗެކެވެ. " މުރުތަޟާ އަށް ބަސްއޮޅެމުންގޮސް ބުނެވުނެވެ.

" ކީއްވެގެން ، ކާކަށް ގެނައި އެއްޗެއް ހެއްޔެވެ ؟ " ރާފިޢާ އަނެއްކާވެސް ކުރީ ސުއާލެކެވެ.

މުރުތަޟާ ފޮނިކާ އެއްޗެއް ހިފައިގެން އެއައީ ކަޝަފާ ބެހޭ ޚަބަރު ލިބުމުންކަމުގައި ބުނެއެވެ. އަދި އެކަމާ އޭނާ ވަރަށް އުފާވާ ކަމުގައިވެސް ބުނެއެވެ. ހަމައެއާއެކު ، ރާފިޢާ އެވާހަކަ މުރުތަޟާގާތު ނުބުނީތީ ޝަކުވާ ކުރިއެވެ. އެބުނެވުނު ބަހުގެ މާނައާއި ރާފިޢާ އެކަމާމެދު ދެކޭނެގޮތް ހިތަށް އަރާފައި މުރުތަޟާ މަޑު ޖެހުނެވެ. އަދި އޭނާ އެއައީ ، ރާފިޢާ އަށާއި ކަޝަފަށް މުބާރިކްބާދީ އަދާ ކުރުމަށެވެ. އެކަމަކު ކޮން މޫނަކުން ކޮން ދުލަކުންކަން ނޭނގި ހުރެއެވެ. މުރުތަޟާ އެވާހަކަ ބުނިއިރު ރާފިޢާގެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ. ރުޅިވެރިކަމުގެ އަސަރެއް ފާޅެއް ނުވެއެވެ. މުޞީބާތުގެ ވަގުތުގައި ފިލާ ހުރެފައި ކާމިޔާބީގެ ވަގުތުގައި އައިސް ފެނިލާ ހިޔަޅަކަށް ދޭނެ އެންމެ ރަނގަޅު ޖަވާބު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެމީހަކު ކުރިކަމެއް އޮންނާނީ އެމީހަކަށެވެ.

މުރުތަޟާއަށް ރާފިޢާގެ ކުރިމަތީ އިސްއުފުލާލަން ނުކެރި އިނުމަށްފަހު ބޭ އިޚްތިޔާރުގައި ނަމަވެސް ، ޙާލު ކިހިނެއްހޭ އަހައި ލެވެއެވެ. އެވަގުތުވެސް ރާފިޢާ ދިޔައީ ސިއްސައިގެންނެވެ. އެއީ އޭނާގެ މުޅި ޢުމުރުގައިވެސް މުރުތަޟާގެ ދުލުން ބޭރުވި ޖުމްލަޔަކަށް ނުވާތީއެވެ. އޭނާ ދޫކޮށްލާށެވެ. ކުދިންނާ ދިމާއަށްވެސް ދުވަހަކުވެސް މުރުތަޟާ އެޖުމްލަ އޭނާގެ ދުލުން އިއްވާފައެއް ނެތެވެ. އެހެންކަމުން އެޖުމްލައިގެ އަޑު އިވުނީމަ ، އެއީ ހަމަ މުރުތަޟާގެ ދުލުން ބޭރުވި ޖުމްލައެއް ކަން ޔަޤީންކުރަން ރާފިޢާއަށް ވަގުތު ކޮޅެއް ބޭނުންވިއެވެ. އެހެނަސް އަލަށް އެއިވުނު ޖުމްލަޔަށް ދޭނެ ޖަވާބެއް ރާފިޢާގެ ހިތަކަށް ނައެވެ. ކުޑައިރުކޮޅެއް ވުމަށްފަހު ކަޝަފް ކޮބައިތޯ މުރުތަޟާ ސުއާލު ކުރެއެވެ. ކަޝަފަށް އޮތީ ނަތީޖާ ހިފައިގެން އައިސް ، ކުޑަކޮށް ވަރުބަލިވެފައި ހުރީމަ ޖައްސާލިތަނުން ނިދިފައެވެ.

" ސައި ބޯނަން ހެއްޔެވެ ؟ " ރާފިޢާ މުރުތަޟާއާ ސުއާލު ކުރިއެވެ.

އެސުއާލަކީ މުރުތަޟާ އެގެޔަށް އަންނަ ކޮންމެ ދުވަހަކުވެސް ރާފިޢާ ކުރާ ސުއާލެކެވެ. އެސުއާލުގެ ޖަވާބު މީގެ ކުރިން މުރުތަޟާގެ ފަރާތުން ވަރަށް އަވަހަށް ލިބެއެވެ. ގޮތް ދޫނުކުރުމާއި މަލާމާތާއި ފުރައްސާރައިގެ ބަސްތަކާ އެކީގައެވެ. ރާފިޢާ ދޫކޮށްލާފައި ދެއަނތްބަށް މީހަކާ އިނދެގެން ދިޔަފަހުން ، އަދި ދުވަހަކުވެސް ރާފިޢާގެ އަތުން ފެންފޮދެއްހާ ހިސާބުވެސް މުރުތަޟާ ބޮއެފައެއް ނެތެވެ. މިއަދުވެސް މުރުތަޟާގެ ޖަވާބަކަށް ވާނީ ސައިނުބޯނެކަން ކަމުގައި ރާފިޢާ ހީކުރިއެވެ. އެހެންނަމަވެސް ، މެލޭމީހުން ވާހަކަ ދައްކާހެން ދެ އަކުރުން އެއް އަކުރު ކަމުން ، މިއަދު ------ ސަ ----- ސައި –ބޯނަމޭ ބުނި އަޑު ، މުރުތަޟާގެ ދުލުން ބޭރުވި އަޑު އިވުމުން އަނެއްކާވެސް ރާފިޢާއަށް ލިބުނީ އިތުރު ސިހުމެކެވެ. އެއީ ދުވަހަކުވެސް މުރުތަޟާގެ އަނގައިން ބޭރުވި އަޑު އިވިފައިވާ ބަހެއް ނޫނެވެ. މިއަދަކީ ރާފިޢާއަށް އާދަޔާ ޚިލާފު ދުވަހެކެވެ. އިރުކޮޅަކު އެވާ އެއްޗެއް ޤަބޫލުކުރަން އުނދަގޫ ވެގެން އިނުމަށްފަހު ، ރާފިޢާ ދަނީ ސައިތަށި ގެންނަން ބަދިގެ ތެރެޔަށެވެ.

ރާފިޢާ ގޮސް އެންމެ ފުތަމަވެސް ގޮވީ ، ނިދިފައި އޮތް ކަޝަފަށެވެ. ކަޝަފްގެ ބޮލުގައި ނިކަން ލޯބިން ފިރުމާލުމަށްފަހު ، ބައްޕަ އައިއްސިއޭ ބުނެ ކަޝަފަށް ގޮވައިލިއެވެ.

" ކާކުގެ ބައްޕައެއް ހެއްޔެވެ ؟ " ކަޝަފަށް ކުޑަކޮށް ހޭލެވިފައި އަހައިލެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.