ދެކަފި - 31

(14 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިންޓަވަލް ގަޑީގައި ކްލާހުން ނިމިގެން އައިސް، ގޯތިތެރޭގައި އިށިނދެތިބި ކުދިންގާތަށް އައިސް، ކަޝަފްވެސް އެތަނުން ކުއްޖެއްގެ ކައިރީގައި ޖައްސައިލިއެވެ. އެއީ އޭނާގެ ރައްޓެހި މާރިއާ އެއް ނޫނެވެ. އަސްމަރާވެސް އަތުގައި ތިބި ކުދިންނާ ހީ ސަމާސާކޮށް މަޖާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ކަޝަފް އިށީނީ އަސްމަރާއާ އެހާ ދުރަކު ނޫނެވެ.

------------------------

ބޭރުން ރަނގަބީލު ޖެހީމަ، ނިޤާރުގޮސް ދޮރުހުޅުވައިލިއެވެ. އެއީ މުރުތަޟާ އެވެ. މުރުތަޟާގެ އަތުގައި ވަރަށް ގިނަ ކޮތަޅު ހުއްޓެވެ. އެއީ ފިރިހެންދަރިފުޅު ފޯނެއްގެ ވާހަކަ ބުނެފަ އޮތީމަ، ބޭންކުން ލާރި ނަގައިގެންގޮސް ގަނެގެން ގެނެސްދިން ފޯނެކެވެ. އެންމެ ފަހުގެ ޓަޗް ފޯނެކެވެ. ނިޤާރުގެ ކޮލު ދަތަށް ދާނދެން ފެންނަވަރަށް ހެވި ދިލިފައި އިނެވެ. އާ ފޯނު ވީމަ ނިޤާރުވެސް ބަލައިލަން ބޭނުން ވިއެވެ. އެހެންނަމަވެސް ނިޤާރު، އެފޯނު ބެލީމަ ކުރާނީ ކީއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އަދި އަމްދުން މުސްކުޅިޔަކަށް ވީމަ ޓަޗް ފޯނަކާ ކުޅެން، ނިޤާރަށް އެނގޭނީ ކިހިނެއްތޯވެސް އަހައެވެ. ނިޤާރުގެ ޖަވާބުވެސް އެހާ ފޮންޏެވެ. އެއީ  ކުރީ ޒަމާނުގެ މުސްކުޅި އަންހެނެކެވެ. ފޯނުބޭނުން ކުރެއެވެ. އަދި ޓަޗް ފޯނުވެސް ބޭނުންކުރަން އޭނާއަށް އެނގޭނެއެވެ. މުރުތަޟާގެ ނަޞީބު ބަދަލުކޮށްލީ އެ މުސްކުޅި އަންހެނާއެވެ. އެކަމަށްޓަކައި ނިޤާރު ފަޚުރުވެރި ވެއެވެ. ރާފިޢާ ގާތަށް ބާ ސައިކަލްގަނޑެއްގައި ގޮސްއުޅުނު ހަނދާން  ނިޤާރު އާކޮށްދިނެވެ. މުރުތަޟާގެ މުޅި ދިރިއުޅުން ބަދަލުކޮށްލަ ދިނީ ނިޤާރުއެވެ. މުރުތަޟާވެސް އެކަމަކަށް އިންކާރެއް ނުކުރެއެވެ. އެހެންނަމަވެސް، ނިޤާރު ފަލަވެގޮސް ކަމުނުދާގޮތްވީމަ، މުރުތަޟާ އެހެން ކައިވެންޏެއް ނުކުރާނެ ކަމެއްވެސް ނިޤާރަކަށް ނޭނގެއެވެ. އަދި އެވާހަކަ މުރުތަޟާ ގާތު ބުނެއެވެ. ދެވަނަ ކައިވެންޏެއް މުރުތަޟާ ކުރީ އެކަމަށް އޭނާގެ ހިތް އެދިގެން ނޫންކަން، ނިޤާރަށް، މުރުތަޟާ ހަނދާން ކޮށްދިނެވެ. ނިޤާރާއި މުރުތަޟާގެ ކައިވެންޏަކީ  އޭނާއަށް މަޖުބޫރުވެގެން ކުރި ކައިވެންޏެއްކަމަށް މުރުތަޟާ ބުނެއެވެ.

ނިޤާރަށް ނީނދެވިގެން، މުރުތަޟާ އަތުން ފޯނު އަތުލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، ސަރޕްރައިޒް އެއް ނުވާނޭ، އިހަށް ކެތްތެރިވެބަލާށޭ ބުނެ، މުރުތަޟާގެ ޙިކުމަތުން ނިޤާރު މައިތިރި ކުރިއެވެ.

ނިޤާރު ބޭނުންވާ ގޮތަކީ އެއީއެވެ. މުރުތަޟާއަށް ލިބޭ ހުރިހާ އެއްޗެއް ނިޤާރުގެ ދަރިންނަށް ޚަރަދުކޮށް ހުސްކުރުމެވެ. އަދި ރާފިޢާގެ ކުދިންނަށް މުރުތަޟާ އަޅައި ނުލުމެވެ. އެކަމުގައި ނިޤާރު ވަރަށް ކާމިޔާބެވެ. މުރުތަޟާ ހުންނަނީ އޭނާގެ މުށުތެރޭގައެވެ.

------------------------

މާރިއާ ދޫނުކުރީމަ، އެންމެ ފަހުން ކަޝަފްވެސް މާރިއާއާއެކު، މިޔުޒިކީ ކޮންސެޓަށް ދިޔައެވެ. ޔުނީގެ ކުދިންތަކުން މުޅިތަން އޮތީ ފުރިފައެވެ. ޒަރޫން ހުށަހަޅަން އޮތް އައިޓަމުގެ އެނައުންސްމަންޓް ދިނީ އަސްމަރާއެވެ. ޒަރޫން ސްޓޭޖަށް އެރުމާއެކު ހޯލުގެ އަޑު ގަދަވިއެވެ. ޒުވާން އަންހެންކުދިންތައް އޭނާގެ ނަމުން ގޮވައި އަޑުގަދަ ކުރަމުން ގެންދިޔައެވެ. މާރިއާ، ކަޝަފްގެ އަތުގައި ހިފައިގެން ދަމަމުން ކުރީ ސަފަށް ގެނެވޭތޯ ބަލައެވެ. ކަޝަފް ހުރީ ދެބުމަ ގޮށްޖެހި، އެތަނަށް އާދެވުނު މޮޔް ހިތަށް އަރާފައެވެ. އެތަނަށް އެއްވެ ތިބި އެތައް ސަތޭކަ ކުދިންނެއްގެ ތެރެއިން ބޯނިވާކޮށްލަން ބުރުގާ އަޅައިގެން ތިބީވެސް އެންމެ ދެތިން ކުދިންނެވެ. އެހާ އަޑުގަދަ ހަލަބޮލި، އަދި ޅަފުރައިގެ ކުދިންތަކެއް އެއްވެއޮތް ތަނަކަށް، އޭނާގެ ޢުމުރުގައިވެސް އަދި ނާދެއެވެ. ކަޝަފަށް ހުރީ ތަރުޙީބުދޭން އަނގަ ހުޅުވާލަންވެސް އަދި އަތްޖަހާލަންވެސް ނޭނގިފައެވެ. މާރިއާއަށް އެއަރާ ފޯރިއަކުން ކަޝަފް ހުރީ އަންތަރީސް ވެފައެވެ.

ކަޗަފަށް އެތާ ހުންނަން އުނދަގޫވެގެން، މާރިއާގެ ކަންފަތް ދޮށުގައި އެއްޗެކޭ ބުނެފައި ނުކުމެގެން ދެއެވެ. އެ އެއްވުން ނިމިގެން ގެޔަށް ދާން ނުކުމެ، ކަޝަފަށް ލަސްވާތީ ކަންބޮޑުވެފައި ހުއްޓެވެ. އަދި ކޮންމެވެސް ގޮތެއް ހަމަޖައްސައިދޭން މާރިއާގާތު އެދެއެވެ. ސޯނިއާއަށް ގޮވައިލި އިރު، ރޭގަނޑަށްވެފައި ކަޝަފްގެ ގެ އެހާ ދުރުވީމަ ސޯނިއަށް އެކަން ކޮށް ނުދެވޭނެ ވާހަކަ މަޢާފާއެކު ބުނެއެވެ. އެހެންނަމަވެސް، މާރިއާ ގެންދެވިދާނެކަމަށް ސޯނިއާ ބުނެއެވެ. އެއީ، ސޯނިއާގެ ގެޔާ މާރިއާގެ ގެޔާ ކައިރި ވީމައެވެ. ރޭގަނޑު ނޫންނަމަ، ކަޝަފްވެސް ގެޔަށް ލައިދޭން ސޯނިއާހުރީ ތައްޔާރަށެވެ. ކަޝަފް އެތަނަށް ނާންނަން އެހާ ގަދަ ދެއްކީވެސް ރޭގަނޑު އެހާ ލަހުން ދެވޭނެގޮތެއް ހަމަޖެހިފައި ނެތީމައެވެ. ކަޝަފް ހުރީ ކަންބޮޑުވެފައެވެ. ރޭގަނޑު ލަސްވަމުން ދާތީއެވެ. ކަޝަފް ކަންބޮޑުވެފައި ހުރިވަރުން މާރިއާއަށްވެސް އެކަމުގެ އަސަރު ކުރާވަރު ވެއެވެ. އެހެންނަމަވެސް އެހާ ކަންބޮޑުނުވެ، ކެތްތެރިވެލުމަށް ކަޝަފްގެ ކިބައިން މާރިއާ އެދެއެވެ. މާރިއާ މަސައްކަތް ކުރަމުން އެގެންދަނީ ކަޝަފް ގެޔަށް ލައިދެވޭނެ ކޮންމެވެސް ގޮތެއް ހަމަޖެއްސޭތޯއެވެ. ކަޝަފް އެތަނަށް އައީ މާރިއާ އެކަމަށް ޒިންމާ ވީމައެވެ.

ޒަރޫން އާއި އުސާމާ އަދި އަސްމަރާ ވާހަކަ ދައްކާލަން ތިއްބާ ޒަރޫންއަށް ކަޝަފް ފެނެއެވެ. އަދި އެބަ އަންނަމޭ ބުނެ ކަޝަފް ގާތަށް ދާން އުޅެއެވެ. އެހެންނަމަވެސް އަސްމަރާ ޒަރޫންގެ އަތުގައި ހިފާ އެކަން މަނާ ކުރެއެވެ. އަދި ކަޝަފާ ވާހަކަ ދައްކަން ގޮސްގެން ނުވާނޭ ބުނެއެވެ. އަސްމަރާ މާނާ ކޮށްކޮށް އޮއްވާ އަސްމަރާގެ އަތް ފޮޅުވާލާފައި އެބަ އަންނަމޭ ބުނެ ކަޝަފް ގާތަށް ޒަރޫން ދެއެވެ. އަދި އެންމެ ފަހުން، އަސްމަރާގާތުހުރި އުސާމާވެސް ތިމަންނަވެސް ދަނީއޭ ބުނެ އަސްމަރާ އެކަނި ކޮށްލާފަ ހިނގައްޖެއެވެ.

ޒަރޫން ގޮސް ސަލާމް ގޮވައިލުމުން، މާރިއާ  ސަލާމް ބަލައި ގަނެއެވެ. ހުރިހާ ކަމެއް ރަނގަޅުހޭ ޒަރޫން އަހާލައެވެ. ކުޑަ މައްސަލައެއް ދިމާވެގެން އުޅޭ ކަމަށާ އަދި އެއީ ކަޝަފް ގެޔަށް ދާނެގޮތެއް ހަމަނުޖެހި އޮތުންކަމަށް މާރިއާ ބުނެއެވެ. ކަޝަފް ބޭނުންކަމަށް ވަންޏާ ޒަރޫންމެންނާއެކު ދެވިދާނެކަމަށް ޒަރޫން ބުނެއެވެ. އެކަމަށް މާރިއާ އުފަލުންގޮސް، ޒަރޫންއަށް ޝުކުރު އަދާކުރިއެވެ. ކަޝަފަށްޓަކައި ކޮންމެކަމެއްވެސް ކޮށްދޭނެކަމަށް ޒަރޫން ބުނެއެވެ. އެހިސާބުން ކަޝަފަށް ހިމޭނަކުން ނުހުރެވުނެވެ.

“ޒަރޫންމެން އުނދަގޫ އުފުއްލަން ނުހަދާށެވެ! އަހަރެމެން ކޮންމެވެސް ގޮތެއް ހަމަޖައްސާނަމެވެ.” ކަޝަފް ވަރަށް މަޑުމައިތިރި ކަމާއެކު ބުންޏެވެ. އެކަމަކު، އެއިންތިޒާމް މި ހަމަޖައްސައިދިނީއޭ މާރިއާ ބުނެއެވެ.

“ކޮންމެވެސް އަންހެން ކުއްޖަކާއެކު ދިއުން މާ ރަނގަޅު ވާނެއެވެ.” ކަޝަފް ބުންޏެވެ.

“އެހުރި އަސްމަރާއެވެ. އެއީ އަންހެން ކުއްޖެކެވެ. އަސްމަރާ އާއި ޒަރޫން، ކަޝަފް ގެޔަށް ލައިދޭނެއެވެ. އެމީހުން ކަޝަފް ގެޔަށް ލައިދޭނެއެވެ. އަހަރެންނަށް އެބަ ލަސް ވެއެވެ. ސޯނިއާ މިހާރު އެއޮށް ނައްޓާލަނީއެވެ.” ދުރުގައިހުރި އަސްމަރާއަށް އިޝާރާތް ކޮށްލަމުން މާރިއާ ބުންޏެވެ. އަދި ސޯނިއާއަށް ގޮވަމުން މާރިއާ އެތަނުން ހިނގައްޖެއެވެ.

ދަމާ ހިނގާށޭ ޒަރޫން ބުނެއެވެ. ހަދާނެ ވަކިގޮތެއް ނިންމަން ނޭނގިހުރެ، ކަޝަފް ވެސް ޒަރޫންއާއެކު ހިނގައިގަތެވެ. ކަޝަފް އަންނަތަން ފެނިފައި އެއީ ކޮންކަމެއްތޯ އަސްމަރާ ހަށިގަނޑުގެ ޢިޝާރާތުން ޒަރޫންއާ ސުއާލުކުރެއެވެ. އަދި ހަމަޖެހިލުމަށް އަސްމަރާއަށް ޒަރޫން ޢިޝާރާތް ކުރެއެވެ. އަސްމަރާ ނުދާން ބޮޑާހާކައިގަތީމަ، ގަދަކަމުން ޒަރޫން އޭނާ ގެންދެއެވެ. އަދި އެންމެފަހުން ޒަރޫންގެ ކާރަށް އަރައިގެން ގެޔަށް ދާން ދަތުރު ފެށިއެވެ. ކާރު ތެރޭގައި ކަޝަފް އިނީ ވާހަކަ ނުދައްކައެވެ. ކަންބޮޑުވެފައެވެ. ޒަރޫން އާއި އަސްމަރާ، އަނގަ ހުއްޓާ ނުލައި ވާހަކަ ދައްކަމުން ގެންދެއެވެ. ސާރާ ބާޒާރުކުރަން ލަންޑަނަށް ދާ ވާހަކަ ޒަރޫން ބުނެއެވެ. ސާރާ ދަނީ ބައްޕައާއި މަންމަ އާ އެކުގައެވެ. ދެހަފުތާއަށެވެ. ޒަރޫން ސާރާމެންނާއެކު ދާން ޖުނައިދު ވަރަށް ބާރުއެޅިއެވެ. އެހެންނަމަވެސް އެންމެފަހުން ޒަރޫން ވަރަށް އުނދަގުލުން އެކަމުން ސަލާމަތް ވެގަތެވެ.

އެންމެ ފުރަތަމަ އާދެވުނީ އަސްމަރާގެ ގެޔަށެވެ. އަދި އަސްމަރާގެ ގެޔަށް އާދެވުނު ވާހަކަ ޒަރޫން ބުނެއެވެ. އެކަމާ ކަޝަފް އެހާ ހިތްހަމައެއް ނުޖެހުނެވެ. އެންމެ ފުރަތަމަ ގެޔަށް ލައިދޭން ޖެހޭނީ އޭނާ ކަމަށް ކަޝަފް ބުނެއެވެ.

“އަހަރެން ޒަރޫން އާއެކު އެކަނި ގެޔަކަށް ނުދާނަމެވެ. އެންމެ ފުރަތަމަ އަހަރެން ގެޔަށް ލައިދޭށެވެ. އޭގެފަހުން އަސްމަރާ ގެޔަށް ލައިދިނިއްޔާ ވަރަށް ރަނގަޅެވެ. އެއީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ.” ކަޝަފް ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ބުންޏެވެ.

“އަހަރެންގެ ގެޔަށް މި އާދެވުނީއެވެ. މިއަށްވުރެ ދުރަކަށް އަހަރެންނެއް ނުދާނަމެވެ.” އަސްމަރާ ބުންޏެވެ. އެހެން ބުނެފައި އަސްމަރާ ކަޝަފް ބުނާ އެއްޗަކަށް މަޑުނުކޮށް ކާރުން ފައިބައިގެން ގެޔަށް ވަދެއެވެ. އަސްމަރާ ފައިބައިގެން ދިޔައިމަ، ޒަރޫން ފަހަތު ޝީޓްގައި އިން ކަޝަފަށް ބަލަހައްޓައިގެން އިނެވެ. އަދި ފުރަތަމަ ޝީޓަށް އައުމަށް އެދުނެވެ. އެހެންނަމަވެސް ފުރަތަމަ ޝީޓގައި އިށީންނާކަށް ކަޝަފް ބޭނުމެއް ނޫނެވެ.

“ފުރަތަމަ ޝީޓްގައި އިށީނީމަ ވަނީ ކިހިނެއް ހެއްޔެވެ ؟ ޒަރޫން ސުއާލު ކުރިއެވެ. އެއީ ކަޝަފާ އަޅުވައި ޒަރޫން އާ ދިމާއަށް އެއްޗެހިކިޔަން ބޭނުން ނުވާތީކަމަށް ކަޝަފް ބުނެއެވެ.

"އަހަރެންނަކީ ކަޝަފްގެ ޑްރައިވަރެއް ނޫނެވެ. ފުރަތަމަ ޝީޓުގައި އިށީންނާށެވެ.” ޒަރޫން ބުނެއެވެ.

“ޒަރޫންއަކީ އަހަރެންގެ ޑްރައިވަރު ކަމަކަށް ބުނެފި ހެއްޔެވެ ؟” ކަޝަފް ބުންޏެވެ.

ކަޝަފްމެން ޢާންމު ގޮތެއްގައި ދަތުރުކުރަނީ ކުރޮޅީގައެވެ. ނުވަތަ ބަހުގައެވެ. އަމިއްލަ ކާރެއްގައި ދަތުރުކުރުމުގައި މީހުންގެ މެދުގައި އާދަވެފައި ހުންނަ ކަންކަމެއް ކަޝަފް މެންނަކަށް ރޭކާއެއް ނުލާނެއެވެ. ނުވަތަ ނުވިސްނޭނެ އެވެ. ޢާންމު ގޮތެއްގައި އަމިއްލަ ކާރުގައި ދަތުރު ކުރާއިރު ފަހަތު ޝީޓްގައި ތިބޭނީ ވެރިންނެވެ. ޑްރައިވަރު އިންނާނީ ޑްރައިވަރު ޝީޓްގައެވެ. ވެރިން ދަތުރު ކުރާއިރު، ކުރީ ޝީޓަކު ނުއިށީންނާނެއެވެ. އަދި އަމްދުން ތަފާތުކަން ގެންގުޅޭ މީހުންގެ މެދުގައި އެކަން ބޮޑުވާނެއެވެ. ބައެއް މީހުން އެއީ ކަމަކަށް ނުހަދައި، ވެރިން ކަމަށްވިޔަސް ފުރަތަމަ ޝީޓްގައި އިށީންނާނެ އެވެ. އެހެނަސް އެއީ ބައެއް މުޖުތަމަޢު ތަކުގައި އެހާ ޢާންމު ކަމެއް ނޫނެވެ.

ޒަރޫން ކިޔާ ކިޔާ އަދި ވިސްނައިދީވެސް، ކަޝަފް ކުރީ ޝީޓަށް ބަދަލުވާކަށް ނުނިންމިއެވެ. އަދި އެންމެ ފަހުން ތިމަންނަ ގެޔަށް ލައިދޭނީހޭ ނުވަތަ ޓެކްސީއެއް ނަގައިގެން ދާންވީހޭ ބުނެ ޒަރޫން އާ ސުއާލު ކުރިއެވެ. އަނެއްކޮޅުން، އަސްމަރާޔަށް ގެޔަށް ދެވުނު ނަމަވެސް، ޒަރޫންއާ ކަޝަފް އެކަނި ކާރުގައި ބައިންދާފައި އައުން އެއީ އޭނާގެ ހިތަށް ކުޅަދާނަ ކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް ވެފައިހުރި ވަރުބަލިން، ވިސްނައި ނުލައި، ގެޔާ ހަމަޔަށް އާދެވުނީމަ ފޭބުނީއެވެ. ކަޝަފާއި ޒަރޫން އާ ދެމެދު ހިނގާނީ ކޮންފަދަ ކަންތައް ގަނޑެއްވެސް ނޭނގެއެވެ. އެކަމާ އަސްމަރާ ހުރީ ކަންބޮޑުވެ، ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ.

އެންމެ ފަހުން ކަޝަފް އޭނާގެ ގޮތް ދުލެއް ނުކުރިއެވެ. ކާރުން ފައިބައިގެން ހިނގަން ފެށިއެވެ. އެހިސާބުން އެގަޑީގައި ޓެކްސީއެއް ހޯދުމަކީ، އެހައި ފަސޭހަކަމެއްވެސް ނޫނެވެ. އެކަން ޒަރޫންވެސް، ކަޝަފަށް ހަނދާން ކޮށްދެއެވެ.

ކަޝަފްގެ ގޮތް ދޫނުކުރުމާ ހުރެ، ޒަރޫން ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. އެވަގުތު އެމީހުންނާ ދިމާއަށް ބަލަމުން ސައިކަލެއްގައި ދިޔަ ދެމީހަކުވެސް ފެނުނެވެ. އެހިސާބުން ޓެކްސީއެއް ނަގައިގެން ދެޔަށް ދިއުމަކީ އެކަށީގެން ނުވާ ކަމެއްކަމަށް ޒަރޫން ބުނެއެވެ. ޓެކްސީއެއް ނުލިބިއްޖިއްޔާ އޭނާގެ ދެފައި ސަލާމަތުން އެބަ އޮތްކަމަށާއި ހިނގާފައި ހިނގައިދާނެކަމަށް ކަޝާފް ބުންޏެވެ. ފަތިސް ވާއިރުވެސް އެހިސާބުން ހިނގާފައި ގެޔަކަށް ނުދެވޭނެކަމަށް ޒަރޫން ބުނެއެވެ. އަދި ކޮންމެފަދަ ބަޔަކުވެސް ކަޝަފާ އެތަނުން ދިމާ ކޮށްފާނެކަމަށް ޒަރޫން ބުނެއެވެ.

“ނުބައި ނުލަފާ މީހުން ހުރިހާ ތަނެއްގައިވެސް އުޅޭނެ އެވެ. ޔުނިވަރސިޓީ ތެރޭގައިވެސް އެބަ އުޅެއެވެ. އެންމެ ފުރަތަމަ އަސްމަރާ ގެޔަށް ލުމަކީ ރަނގަޅު ކަމެއް ނޫނެވެ.” ކަޝަފް ބުންޏެވެ.

ކަޝަފް އެބުނި އެއްޗަކުން ޒަރޫންގެ ހާސްކަން އިތުރަށް ބޮޑުވިއެވެ.

“މާތް ކަލާކޯއެވެ! އަހަރެންނާއެކު ރޭގަނޑު ކާރުގައި ދާން، އަހަރެންނަކީ އެހާ ނުބައި މީހެއް ނޫނީމެވެ.” ޒަރޫން ބުންޏެވެ.

“އަހަރެން ދިރި މިއުޅޭ އަވަށުގައި، ފިރިހެން ކުއްޖަކާއެކު ރޭގަނޑު ލަސް ގަޑީގައި ކާރުގައި ދިޔައިމަ މީހުން ކިޔާނީ ކީކޭ ހެއްޔެވެ؟ އެކަން ޒަރޫން މެންނަކަށް އިޙްސާސެއް ނުވާނެއެވެ. އެހިސާބުގެ މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެއެވެ.” ކަޝަފް ބުންޏެވެ.

“ކަޝަފަކީ، ފިރިހެން ކުއްޖަކު ގެޔަށް ލައިދޭންދާ ފުރަތަމަ އަންހެން ކުއްޖާއެއް ނޫނެވެ. މިއީ ކަރާޗީއެވެ. އެއީ ޢާންމު ކަމެކެވެ.” ޒަރޫން ރުޅިއައިސް ހުރެ ބުންޏެވެ.

ކަޝަފާއި ޒަރޫން އާ ދެމެދު އެކަމާބެހޭގޮތުން ވަރަށް ބަޙުސް ކުރެވުނެވެ. އެހެންނަމަވެސް ކަޝަފް އެއްގޮތަކަށް އޭނާގެ ގޮތް ދޫކުރާކަށް ނެތެވެ. ކަން ބޮޑުވެގެންގޮސް ޒަރޫން އަށް ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.