ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ބަންޑާރަނާއިބު ހުސްނުއްސޫއޫދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސުއޫދުގެ ލޯ ފާމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނޫއަސާސީގައި ބަޔާން ކުރައްވައިފައިވާ ކަމަށެވެ. އެހެންކަމުން އެމަގާމުގައި ހުންނަވާ ބޭފުޅަކު ވަކިކުރެވޭނީ އެބޭފުޅެއްގެ މައްޗަށް ޝަރީއަތުން ކުށްސާބިތުވުމުން ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ނަންގަވާ އިތުބާރު ނެތް ކަމުގެ ވޯޓަކުން އެކަނި ރައީސް މަގާމުން ދުރުކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުސްނުއްސޫދު ވިދާޅުވީ ސްޕްރީމް ކޯޓަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ހަމަނުވާނަމަ އެކަމެއް ކަމަށެވެ. ސުއޫދު މިހެން ވިދާޅުވިއިރު ދައުލަތުގެ ބަންޑާރަނާއިބުވަނީ ރައީސް ޔާމީން އަޒުލް ކުރެއްވުމުގެ އަމުރެއް ނެރުމަށް ސްޕްރީމްކޯޓުން ތައްޔާރުވެފައިވާ ކަމުމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތިދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ބެހޭގޮތުން ސުއޫދު ވިދާޅުވީ ސްޕްރީމްކޮޓުން ކޮށްފައިވާ އެއަމުރަށް ތަބާވުމަކީ އެ ރައްދުވާ މީހުންގެ ނުވަތަ މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.