ޓެކްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް ފެށުމުގެ ގޮތުން މީރާއިން ޔޫ.އެންޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީ އާކު ކޯޕަރޭޝަން އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މީރާ، ޔޫ.އެން.ޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީގެ ބައިވެރިންނާއިއެކު މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވަނީ ޒަމާނާއިއެކު ޓެކްސްގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއަށް މި ފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. މި ގޮންޖެހުންތަކުގެ ތެރޭގައި، ޑިޖިޓަލައިޒްޑް ގްލޯބަލް އިކޮނޮމީގެ ތެރެއިން ޓެކްސްގެ ނިޒާމަށް އަންނަ ގޮންޖެހުންތަކާއި، ޖެންޑަރ ބޭސްޑް ޓެކްސް އަދި ޤާނޫނާއި ގަވާއިދުތަކުގެ ބޭރުން ހިންގާ ވިޔަފާރިތައް ޓެކުހުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގައި ދިމާވާ ދަތިތައް ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިކަމަށް މީރާއިން މަޢުލޫމާތުދެ އެވެ.
މީގެ އިތުރުން، ޓެކްސްގެ ނިޒާމް ހަރުދަނާކުރުމަށާއި އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޔޫ.އެން.ޑި.ޕީގެ ފަރާތުން ފޯރުކޮށްދެމުންދާ މާލީ އަދި ފަންނީ ލަފަޔާއި އެހީތެރިކަން ފާހަގަކުރެއްވި އެވެ.
ޓެކްސް ފޮރ އެސް.ޑީ.ޖީ ޕްރޮގްރާމްގެ ތެރެއިން ޓެކްސް ނިޒާމަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ގެނެސް، ގުޅުންހުރި އިދާރާތައް ތަރައްގީކުރެވިގެންދާނެކަމަށް މީރާއިން މަޢުލޫމާތު ދެއެވެ. މި ގޮތުން، މީރާއިން މައިނގަޑު ގޮތެއްގައި އަމާޒުކުރަނީ ދެ ކަމެއް ހާސިލުކުރުމަށެވެ. އެއީ، ޑޭޓާ ގަވަނެންސް ފްރޭމްވޯކެއްގެ ތެރެއިން ޓެކްސްގެ މަސައްކަތް ޑިޖިޓަލައިޒްކުރުމާއި އެންޓަރޕްރައިޒް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އެކުލަވައިލުމެވެ.
މި ޕްރޮގްރާމް ދެ އަހަރުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާކަމަށް މީރާއިން މަޢުލޫމާތު ދެއެވެ.