ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
"ރިވެލި ތަރި" މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.
މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ނޮވެންބަރު މަހުގެ 02 ވަނަ ހަފުތާގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މި މިނިސްޓްރީ އިން ގުޅައި މިކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކުރެވޭނެ އެވެ.
މި މައުރަޒަށް ކުރިމަތިލާނީ "ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ ފޯމުންނެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވުމަށް ހަމަޖެހިފައިވަނީ disability@gender.gov.mv މެއިލަށެވެ.
"ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް http://www.gender.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެ އެވެ.
"ރިވެލި ތަރި" މައުރަޒަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ 00:14ގެ ކުރިން ނެވެ.