ބޯހިމެނުމުން ލިބޭ މަޢުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤްބަލަށް ކަންކަން ރާވަން ފަސޭހަވާނެ: ނައިބު ރައީސް

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤްބަލަށް ކަންކަން ރާވަން ފަސޭހަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022" ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ކިޔެވުމުން ލިބޭ މަޢުލޫމާތާއި އެއްވަރަށް ޢަމަލީ ތަޖުރިބާލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ބޭފުޅުންގެ މުސްތަޤްބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަން ފާހަގަކުރައްވާފައެވެ.

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއްކަމަށާއި، އެފަދަ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގެ ބޯހިމެނުމުގެ ސެންޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރަށް ބެއްލެވުމަށްފަހު އެދުވަހެއްގެ ޓާގެޓަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުންދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވަމުންދާކަންކަމުގައި އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއްވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.