ކޯލް ގާރލް - 29

(20 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނުވައެއް 

ދީޕަކް މަރުވުމުން ރަޖްނީވެސް މަރުވީކަހަލައެވެ. އޭނާ ގެއިން ބޭރަށް ގޮސްއުޅެންވެސް ހުއްޓާލައިފިއެވެ. ރެޔާދުވާލު އޭނާގެ މަސައްކަތަކީ ދީޕަކްގެ ތަންމަތި ނުވަތަ ދީޕަކްގެ ހެދުންތައް ނުވަތަ ދީޕަކް ގެންގުޅޭ ފޮތްތައް ބަލައި ރީތިކޮށް ތަރުތީބުކޮށް ހެދުމެވެ. އޭނާ ދެކޭގޮތުގައި އެއެއްޗެއްސަކީ އޭނާގެ ދިރިއުޅުމުގެ އެއްބައި ކަހަލައެވެ. އޭނާއަށް އެހުރިހާ އެއްޗަކުންވެސް  ލިބެނީ ދީޕަކްގެ  ދިރިއުޅުމުގެ ހަނދާންތަކެވެ. ދީޕަކްގެ ވަހެވެ. އެހެންކަމުން އޭނާ އެއްޗެތީގައި ބޮސްދީ ހަދައެވެ. އެއެއްޗެތީގައި ބައްދާ ހަދައެވެ.  އެއާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރަމުން ގެންދެއެވެ.

މާރިޔާއަށް ރަޖްނީގެ މިހާލަތު ފެނިފައި ކެތް ކުރެވެނީއެއް ނޫނެވެ.  ނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް ނުކެރެއެވެ. އޭރުންވެސް ރަޖްނީއަށް އިތުރު ހިތްދަތިކަން ލިބިދާނެތީއެވެ. އެހެންނަމަވެސް، އެތައް ދުވަހެއް އެގޮތަށް ދިޔުމަށްފަހު އެއްދުވަހަކު ވަރަށް ބޮޑަށް ހިތްވަރުކޮށްފައި އޭނާ ރަޖްނީ ކައިރިއަށް އައިސް ބުންޏެވެ.

"ދަރިފުޅާ....ތިޔަގޮތަށް ކޮއްކޮގެ ހަނދާންތަކުގައި ކިތައް ދުވަހު ރޯނަންތަ....ޑާރލިންގ ތިޔަގޮތަށް ރުއިވަރަކަށް މަރުވެފައިވާ  ކުއްޖާގެ ފުނާއަށް ހިތްދަތިކަން ލިބޭނީ..އޭނާ މިހާރުވަނީ މި އަނިޔާވެރި ދުނިޔެ ދޫކޮށްލާފައި މާތްކަލާނގެ ޙަޟްރަތަށްގޮސް އެތާނގައި އޭނާއަށް ހިތްހަމަޖެހުން ލިބޭނެ- އަރާމާއި ފަސޭހަތައް ލިބޭނެ... ވީއިރު ތިޔަގޮތަށް އޭނާގެ ފުރާނައަށް ދަތިވާކަހަލަކަމެއް ކުރާކަށް ނުވާނެއެއްނު!"

ރޮއިރޮއި ދުޅަވެފައިވާ  ދެލޮލުން ރަޖްނީ މާރިޔާއާ ދިމާއަށް ބަލާލިއެވެ. މާރިޔާގެ ހިތްހެޔޮ ބަސްކޮޅުން ވެސް ރަޖްނީގެ ހިތަށް އިތުރަށް ތަދުވެގެން ދިޔައެވެ. "އާންޓީ..." އޭކިޔާފައި އަނެއްކާވެސް އޭނާއަށް ރޮއިގަނެވުނެވެ.

ގެއިން ބޭރަށް ނުގޮސް އިންނަތާ ކިތަށް ދުވަސްކޮޅެއްވުމަށްފަހު އެއްދުވަހަކު ރަޖްނީ މަގުމައްޗަށް ނުކުމެލިއެވެ. އަދި ހިތްހަމަޖައްސާލުމަށްޓަކައި އަޝޯކްގެ ގެއަށް ގޮސްލިއެވެ. އަޝޯކްއަށް ރަޖްނީ ފެނުއިރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނަރޫފަވެފައެވެ. އެހެންކަމުން ޙައިރާންވެފައި އަހާލިއެވެ.

"ރަޖްނީ...ކަލޭތަ؟"

"އާނ..." ރަޖްނީ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. "އަހަރެންގެ ކޮއްކޮ މަރުވީ"

"އަހަރެންނަށް އެކަން އެނގުނު"

"އެކަމަކުވެސް ކަލާ ނުދުރުވީމު..."

"އަހަރެންނަށް އެނގުނުއިރު ހުރިހާކަމެއްވެ ނިމިއްޖެ"

"އާނ...އަޝޯކް ހުރިހާ ކަމެއްވެ ނިމިއްޖެ.... ދިރިއުޅެމުން އައީ ދުވަހުން ދުވަހަށް  މަސައްކަތްކޮށްގެން....ކުރިޔަށްއޮތް ތާނގައި އުޅޭނީވެސް އެއްޗެއް ރައްކާކޮށްފައި ހުރިނަމަތާ..އެއްވެސް

އެއްޗެއް ނެތް. މިއަދު ހަދާނެގޮތެއް ނެތިގެން މިއައީ ކަލާ ކައިރިއަށް"

"ރަޖްނީ.. އަހަރެން ކަލޭގެ ހިތް ހަމަޖައްސާދޭނީވެސް ވަކީން ކިހިނެތް؟ ދުނިޔެ ކަލެއާމެދު މިވަނީ ވަރަށް ބޮޑަށް އަނިޔާވެރިވެފައި.."

"އާނ...އެކަމަކު އަހަރެން އެކަކާމެދުވެސް ޝަކްވާއެއް ނުކުރާނަން...އަޝޯކް އަނެއްކާ އަހަރެންނަށް ކަލާއަށް ޑިސްޓަރބް ކުރެވުނީތަ.."

"ތިޔަ ދައްކަވަނީ ދެން ކޮންކަހަލަ ވާހަކައެއްތަ..." ހިތާމައިގެ ވާހަކަތައް ކިޔާދޭނީ ހިތާމަ އިޙްސާސްކުރެވޭ މީހުންނަށް..."

"އަހަރެން ކަލާ ކައިރިއަށް މިއައީވެސް ތިޔަހެން ވީމާ.. ދީޕަކް މަރުވުމުން ލިބުނު ހިތާމައިން އަހަރެންގެ ހިތަށް ކުރި އަސަރު ކަލާއާ ބައްދަލުކޮށްލުމުން ކޮންމެވެސް ވަރަކަށް ލުއިވާނެކަން އަހަރެންނަށް އިޙްސާސްކުރެވުނީ... އަޝޯކް..ކަލާއާ ބައްދަލުވުމުން އަހަރެންގެ ހިތަށް ހާދަބޮޑު ހިތްހަމަޖެހުމެއް ލިބެއޭ..."

"އާދޭ... މިތާ އިނދޭ... ހިތްވަރު ގަދަކުރޭ" އެހެންބުނެފައި އަޝޯކް ތެދުވެ  ރަޖްނީ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.  އަޝޯކް ވަރަށް ބޮޑަށް ހަމްދަރްދީވެފައިވާ ނަޒަރަކުން ރަޖްނީއާ ދިމާއަށް ބަލަމުން އޭނާ ކައިރިގައި އިށީނދެއްޖެއެވެ. ހިތާމައިން ފުރިފައިވާ މި އަންހެންކުއްޖާގެ ހިތްހަމަޖައްސާދޭން ދައްކާނީ ކޮން ވާހަކައެއް ކަމެއްވެސް އެވަގުތު އޭނާގެ ހިތަށް ނުގެނުވުނެވެ. ރަޖްނީއާ ދައްކާނޭ ވާހަކައަކާމެދު އޭނާ ހިޔާލު ކުރަން އިންދާ، ކުއްލިއަކަށް އެތަނަށް އައިސް  ވަނީ ޖަޔަންތެވެ. އޭނާ ވަނުމާއެކު ރަޖްނީ އެތާނގައި އިންތަން ފެނިފައި ސިއްސައިގެންދާ ގޮތްވިއެވެ. އަނެއްކޮޅުން ޖަޔަންތު އެގޮތަށް ވަނުމުން އަޝޯކް އާއި ރަޖްނީވެސް ކަންބޮޑުވާގޮތް ވިއެވެ.

އެވަގުތު ޖަޔަންތު ލާނެތް ހިނިތުންވުމެއް، އޭނާގެ ތުންފަތް މައްޗަށް ގެނައުމާއެކު ބުނަން ފެއްޓިއެވެ.

"އަސްތާ...މިވަޤުތު އަހަރެން މާތްކަލާނގެ ކިބަފުޅުން އަދި އެހެންއެއްޗަކަށް އެދުނުކަމުގައި ވިޔަސް ދެއްވާނެ...." އެހެން ބުނެފައި ރަޖްނީއާ މުޚާޠަބްކުރަމުން ބުންޏެވެ.

"އަހަރެން ކަލޭ ހާދަވަރަކަށް ހޯދައިފީމޭ....އެތަން މިތަން ބަލައި ހަދައިގެންވެސް ނުފެނުނު...ކަލޭ ތިޔަ އުޅެނީ މިގޭގައިދޯ....ހިނގާ މިހާރު އަހަރެންނާއެކު ހިނގާ..."

އަނެއްކާވެސް އަޝޯކާ ދިމާއަށް ބަލާލާފައި އެއްލޮލުގެ އެއްކޮޅު މަރާލާފައި ބުންޏެވެ. "ހުއްދަ އެބައޮތްދޯ.. ގެންދިޔަސް އެންމެ ރަނގަޅުތަ!"

"އޭނާގެ ހިތުގައި ނުޖައްސާ ޖަޔަންތު މިކުރާނެ ކަމެއްނެތް ކުއްޖާގެ ހިތްވަނީ ހަލާކުވެފައި... އޭނާއަށް ތިޔަހެން ނުހަދާ..."
އަޝޯކް ވަރަށް ހިތާމަވެރިކަމާއެކު ހަމްދަރުދީގެ ރާގަކަށް ބުންޏެވެ.

"އާނ.. ކަލޭ ތިޔަބުނަނީ ރަނގަޅަށް..ރަޙްމަތްތެރިންގެ  ހިތާ މެދުވެސް ވިސްނާލަން ޖެހޭނެ.. ހަޔާތަކީ ވަރަށް ނާޒުކު އެއްޗެއްނު..." ޖަޔަންތު އެހެން ބުނެފައި ޖީބުން ރާފުޅިއެއް ނަގައިފިއެވެ. އަދި އެ ފުޅި މޭޒުމަތީ ބަހައްޓަމުން ބުންޏެވެ. "އިރުކޮޅަކު މިތާނގައި މަޑުކޮށްލުމުގެ އަމުރު ދީފާނަންތޯ އަދި ތައްޓެއްވެސް... " އެވަގުތު މޭޒުމަތީގައި ހުރި ބިއްލޫރި  ތައްޓެއް ފެނުމުން ބުނެލިއެވެ. "އާނ.. ތަށި މިހިރީ ދޯ..."  އެހެން ބުނެފައި އެތަށި ނަގައިފިއެވެ. ތަށިގެ ފުލުގައި ކޮންމެވެސް ހަޑިއެއްޗެއް ހުރުމުން އެ ތަށި ދޮވެލުމަށްޓަކައި ޖަޔަންތު ފާޚާނާއަށް ވަދެއްޖެއެވެ.

އަޝޯކް އޭރު އިނީ ޖަޔަންތުގެ މިޢަމަލުތަކާމެދު ވަރަށް ބޮޑަށް ނުރުހި ރުޅިއަންނަވެފައެވެ. އެހެންކަމުން ޖަޔަންތު ފާޚާނާތެރެއަށް ދިޔަވަގުތު މޭޒުމަތީގައި ހުރި ރާފުޅި ނަގާފައި ކުޑަދޮރުން ބޭރަށް އެއްލާލައިފިއެވެ.

ޖަޔަންތު ތަށި ދޮވެލައިގެން އައިއިރު މޭޒުމަތީ ބެހެއްޓި ރާފުޅި ނެތުމުން ވަރަށް ބޮޑަށް ޙައިރާންވެފައި ސުވާލުކުރިއެވެ.  "އަހަރެންގެ ފުޅިއަށް ވީކީއް...!"

"އަހަރެން ބޭރަށް އެއްލާލީ"

"އެހާ އަގުބޮޑު ރާފުޅިއެއް އެއްލާލީ، އަނެއްކާ ކަލޭގެ ސިކުނޑި ގޯސްވީތަ..." ޖަޔަންތު ކަންބޮޑުވެފައި އަހާލިއެވެ. އަދި ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭނާއަށް ފެނުނީ ތެޅިފައިވާ ފުޅީގެ ފުޅިތޮށި ތަކާއި އޭގައިހުރި ރާތައް މަގުމައްޗަށް ފެތުރިފައި އޮތްތަނެވެ. އަޝޯކްއާ ދިމާއަށް ބަލާލާފައި ބުންޏެވެ. "ކަލޭގެ ހުންނަގޮތް ދޯ....ހުރިހާ ކަމެއްވެސް ހަލާކުކޮށްލީ....އަހަރެން ހީކޮށްގެން މިއުޅެނީ މިއަދު ފިސާރި ހިތްހަމަޖެހޭވަރަށް ބޯލަން ލިބޭނެކަމަށް އަދި އަރާމުކޮށްލަން ކަމަށް..ނަމަވެސް ކަލޭ މުޅިން މޫޑް ތިޔަ ހަލާކުކޮށްލީ..." އެހެން ބުނެފައި ޖަޔަންތު ރަޖްނީގެ އަތުގައި ހިފާފައި ދާން ހިނގާށޭ ބުނެފިއެވެ.

"ހިނގާ..ކޮންމެވެސް އެހެންތާކަށް ދަމާ.."

ރަޖްނީ ރުޅިއައިސްފައި ޖަޔަންތުގެ އަތް ފޮޅުވާލިއެވެ.  އަދި އެނދުން ތެދުވެއްޖެއެވެ. ޖަޔަންތު އަނެއްކާވެސް ރަޖްނީގެ އަތުގައި ހިފައިފިއެވެ. މިފަހަރު ކުރީފަހަރަށް ވުރެ ބާރަށެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.