އަމީރާ ސުލްޠާނާގެ ނާރެސް - 54

(17 ޖުލައި 2022 ގެ ބަޔާ ގުޅޭ)

ތިން ހަފުތާ ފަހެވެ. ރިޔާޛުގައިހުންނަ އަޅުގަނޑުމެންގެ ގަނޑުވަރުގެ ޚާދިމުންނާއި ޚާދިމާއިން ވަރަށް އަވަދި ނެތި އުޅެން އެގެންދަނީ ، އަޅުގަނޑުމެންގެ ސަހަރާ ދަތުރުގެ ކަންކަން ރޭވުމުގައެވެ. އޭގެތެރެއިން ވަރަށްގިނަމީހުން އަޅުގަނޑުމެންނާއެކު ދަތުރުގައި ބައިވެރި ވެއެވެ. އެއީ އެމީހުންނަށް އާދައިގާ ކުރަންޖެހޭ ކަންކަމުން ދުރުހެލިވެ ، މާޙައުލު ބަދަލުކޮށްލުމަށްޓަކައި ނުލިބޭފަދަ ރަނުގެ ފުރުޞަތެކެވެ.

ބަރު ފަރުނީޗަރުތަކާއި ދަތުރުގައި އަރާމުކަންމަތީ ވަޤުތު ހޭދަކުރުމަށްޓަކައި ބޭނުންވާ ހުރިހާ އެއްޗެއް ބޮޑުވޭނަކަށް އަރުވަމުން ގެންދިޔައެވެ. ސަހަރާގައި ވަޤުތު ހޭދަކުރުމަށްޓަކައި އެއިންކޮންމެ މީހެއްގެވެސް ޝަޢުޤުވެރިކަން ހުއްޓެވެ. އަޅުގަނޑުމެންގެ ޢާއިލާގެ އެކަކުވެސް ، އެމީހުންގެ މިހާރުގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި އަރާމާއި އުފަލުން ކުޑަމިންވަރެއްވެސް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ، މިހާރުވެސް އަޅުގަނޑުމެންގެ ދިރިއުޅުން ހުރި މުއްސަނދި އަރާމުކަންމަތީ ، މިދަތުރުވެސް ކުރަން ޖެހެއެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ދަތުރުގައި ގެންދަން ޖެހެއެވެ. ކާބަފައިން ، ސަހަރާގައި ދިރިއުޅުނު އުނދަގޫ އަދި ނިކަމެތި ޙާލަތުގެ އަސަރު ، އަޅުގަނޑުމެންގެ މިހާރުގެ މުއްސަނދި ދިރިއުޅުމުގެ ތެރެޔަށް ވައްދާކަށް އެކަކުވެސް ނޭދެއެވެ.

ބަދަވީން ގެންގުޅޭ ފާޑުގެ ޓެންޓްތަކާއި ، އަޅުގަނޑުމެން މިހާރު ބޭނުންކުރާ ކާޕެޓް އަދި ބޮޑެތި ސޯފާސެޓްތައް ، އަދި އަގުބޮޑު ފަރުނީޗަރުތައް ވޭނަށް އަރުވާ ބަރުކުރަން ޖެހުނެވެ. ބަދިގޭގައި ބޭނުންކުރާ ރިހި އުލާއި ސަމުސަލާއަދި އެނޫންވެސް ކާން ބޭނުންކުރާ ތަކެއްޗާއި އަގުބޮޑު ބިއްލޫރިތަށި އަދި ކައްކަން ބޭނުންކުރާ ތަވަޔާއި އެނޫންވެސް އެފަދަ ކިތަންމެ އެއްޗެކެވެ. އެންމެ މުހިންމު އެއްޗަކަށްވެފައި އޮތީ ، ދަތުރުމަތީ ބޭނުންކުރަން ތައްޔާރުކޮށްފައިހުރި މޯބައިލް ފާޚާނާއެވެ. އެފާޚާނާތައް ، އަޅުގަނޑުމެން ގޭގައި ބޭނުންކުރާ ފާޚާނާއަކަށް ދުލެއް ނުކުރެއެވެ.  ފެންވަރާ ބިލިގާއަށް ދާނދެން ގެންދަން ޖެހެއެވެ. އަދި ހެދުންލުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިހުރި އަޅުގަނޑުމެންގެ ވޯރޑްރޯބްތައްވެސް ހުއްޓެވެ.

ގޭހުން ކަރަންޓް އުފައްދައިދޭ ބޮޑެތި 5 ޖަނަރޭޓަރު ވަކި ޓްރރަކަކަށް އޭރު ހުރީ އަރުވާފައެވެ. އެއާއެކު ، ބޮޑެތި ތިން އައިސް އަލަމާރިއާއި ، ބޮޑެތި ދެ ފްރީޒަރުވެސް އެޓްރަކަށް އަރުވާފައި ހުއްޓެވެ. ބޮޑެތި ގޭސް ސިލިންޑަރާއި ކައްކާ އުނދުންވެސް ހުރީ އެ ޓްރަކްގައެވެ.

އަޅުގަނޑުމެންނަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ކަންތައްތައް ހަމަޖެއްސުމަކީ ، ފިލިޕީންސުން ގެނެސްހުރި ޚާދިމުގެ ޒިންމާއެކެވެ. އެތަކެއްޗަކީ ، އިޓަލީ އާއި މިޞްރާ އަދި އުރުދުން އިން އިމްޕޯރޓްކޮށްފައިހުރި ތާޒާ ތަކެއްޗެވެ. ހާހަކަށްވުރެ ގިނަ އެވިއަން ތާޒާފެނުގެ ބޮޑެތި ފުޅިތައް އެހެން ޓްރަކަކަށް އަރރުވަން ތައްޔާރުކޮށްފައި ހުއްޓެވެ. މީގެ އިތުރަށް ، އަޅުގަނޑުމެން ފެންވަރާށާއި ކައްކަން ބޭނުންވާނެ ފެންހުރީ ބޮޑެތި ދެ ޓޭންކަރ ޓްރަކަށް އަރުވާފައެވެ.

ޖަމަލާއި ބަކައްޓާ އަދި ކުކުޅު އަރުވާފައި އިތުރު ދެ ޓްރަކެއް އޮތެވެ. އެއީ ދިރޭ ތަކެއްޗެވެ. އޭގެ ތެރެއިން ބައެއް ޖަމަލު ބޭނުން ކުރާނީ އަޅުގަނޑުމެން ދުއްވާށެވެ. އަދި ބައެއްޖަމަލު ދަތުރުގައި ކަތިލައި ކާން ބޭނުން ކުރާނެއެވެ. ދިރޭތަކެތި ވީމަ ގަދަހޫނުގައި ޓްރަކް އޮތުމާއެކު ހޫނުވެގެން އެތަކެތި ދުވެ ހަޅޭއްލަވާ އަޑުވެސް އެބައިވެއެވެ. އަމާނީއަށް އެތަކެތި ކަތިލާތަން ނުދައްކަން މިހާރުވެސް އަޅުގަނޑު މިހުންނަނީ ތައްޔާރުވެގެންނެވެ. އޭނާއަށް އެއިން އެއްޗެއް ކަތިލާތަން ފެނިއްޖިއްޔާ ހިމޭނަކުން ނުހުންނާނެއެވެ. ޖަނަވާރެއް ކަތިލާތަން ފެނިއްޖިއްޔާ އަމާނީއަށް ވަރަށް އަސަރުކުރާނެ އެވެ.

ކަރީމުވަނީ މުޅިންއައު ފިނިކުރި 24 ބަސް އަޅުގަނޑުމެންގެ ގަނޑުވަރަށް މިއަދު އައުމަށް ، މީގެ ހަފުތާއެއްކުރިން ބުކް ކޮށްފައެވެ. ކަރީމަށް އިނާމުލިބިފައިވާ ދޫންޏެއްކަމުގައިވާ ބާޒުވެސް ދަތުރުގައި ގެންދެއެވެ. އެއީ ކަރީމު އޮޅުކޮށްގެން ގެންގުޅޭ ބާޒެކެވެ. ސަހަރާ ތެރެއިން ، މުސަޅާއި އެނޫންވެސް އެފަދަ ތަކެތި އަތުލައިގަނެގެން އެސޮރު ގެނެސްދޭނެއެވެ. އެސޮރުގެ ފިޔަގަނޑުގައްޔާއި ފައިގާ ވަރަށް ބާރުގަދަ ވާނެއެވެ. އަދި ލޯވެސް ވަރަސް ތޫނުވާނެއެވެ. ޢަރަބި ސަހަރާއަކީ ، ބާޒުބޭނުންކޮށްގެން ޝިކާރަކުރަމުންގެންދާ ބިމެކެވެ. ޢަރަބި ސަހަރާ ނޫން ދުނިޔޭގެ އެހެންތަނެއްގައި ބާޒު އޮޅުކޮށްގެން އޭތި ބޭނުންކޮށްގެން ޝިކާރަކުރަމުންނެއް މިހާރަކު ނުގެންދެއެވެ. ސުޢޫދީ ޢަރަބިއްޔާއަށް އަދި ފިނިމޫސުމެއް ނުނިމެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ފިރިން ސަހަރާއަށްގޮސް ޝިކާރަކުރުމަށް ދާނެއެވެ. އެކަން އެމީހުން އޮތީ ރާވާފައިވެސް މެއެވެ.

މިހުރިހާ ކަންތައްގަނޑެއްގެ ތެރޭގައި މަހާއާއި އަޅުގަނޑު އެކަކު އަނެކަކަށް ބަލައިލީމެވެ. އަދި އުފަލުންގޮސް ދެމީހުންވެސް އެއްއަޑަކުން އަޑުނަގައި ހީގަނެވުމެވެ. އަޅުގަނޑުމެންގެ ބަގީޗާއަށް ބަލައިލީމަ ، ދަތުރަށް ތައްޔާރުވުމަށް އެއްކުރެވިފައިވާ ސާމާނާއި ދުއްވާތަކެތި ފެނުމުން ، ބޮޑު ބާޒާރެއް ސިފަވެގެން ދެއެވެ. އަމާނީގާތަށްވެސް ހުރީ ހިނިއައިއްސައެވެ. އޭނާ ނެތިސް ، އޭނާގެ ދޫނިތަކަށް ކާންދޭންވީ ގޮތާއި ކާންދޭންވީ ތަކެތީގެ ތަފުޞީލުތައް އޭނާވަނީ ، ގޭގައި މަޑުކުރާ ފިލިޕީންސްގެ ޚާދިމާއަށް ކިޔައިދީފައެވެ. އޭނާއަކީ ، ގޭގައި މަޑުކުރަންޖެހޭ ނަޞިބުދެރަ ޚާދިމާއެއްކަން އެނގުނީ ވަރަށް ފަހުންނެވެ. ކަރީމުވަނީ ނޯކަރުންގެ ތެރެއިން ދާންވާ މީހުންނާއި ނުދާންވާ މީހުން ކަނޑައަޅައި ނިންމާފައެވެ. ގޭގައި މަޑުކުރަން ޖެހުނު 10 ނޯކަރުންނަކީ މިފަހަރު ، ވަރަށް ނަޞީބުދެރަ ބަޔެކެވެ.

ފެންނަމުން އެދާ ހުރިހާކަމެއް  ބެލުން އެއީ އަޅުގަނޑު ވަރުބަލިވާނެކަމެއް ނޫނެވެ. އެހެންނަމަވެސް ހެނދުނު ފެންވަރާލަންވެސް އޮތީ ބޭނުންވެފައެވެ. ބޭރުގައި އަވިގަދަކަމާއެކު އިތުރު ސަން ކްރީމު ޕެކްކުރުމަށް ޚާދިމާއަކަށް އަޅުގަނޑު އަމުރުކުރީމެވެ. ފެންވަރައިގެން އަޅުގަނޑުލީ ފައިތިލަޔާ ހަމަޔަށް ނިވާވާ ތުނި ފޮތީގެ ހެދުމެކެވެ. އެއީ ގަދައަވިން ހަށިގަނޑު ސަލާމަތް ކުރުމަށްޓަކައެވެ. ސަހަރާއަށްދާއިރު އަޅުގަނޑުމެން ސުޢޫދީމީހުން ހެދުންލަނީ އަވަށުތެރޭގައިވެސް ހެދުންލާ ގޮތަށެވެ. އެހެންނަމަވެސް ދިގު ހެދުމެކެވެ. ފިރިހެނުންވެސް އަވިން ސަލާމަތްވުމަށްޓަކައި ލާނީ މުޅިހަށިގަނޑު ނިވާވާ ކަހަލަ ދިގު ހެދުމެކެވެ.

އެއަށްފަހު ، އަޅުގަނޑުގެ ދިގު އިސްތަށިގަނޑު ގަތައިލީމެވެ. އަދި ބުރުގާ އަޅައި އަބާޔާވެސް ލީމެވެ. އެއީ އަމިއްލަގެއިން ނުކުންނަންޏާ ، އަޅުގަނޑުމެން އަންހެނުން ކުރަން މަޖުބޫރުވާ ކަމެކެވެ. މުޅިހަށިގަނޑު ނިވާކުރުމަށްޓަކައެވެ. ސަހަރާއަށް ދާއިރު ، ސިލްކު ފޮތީގެ ހެދުންލުމަކީ އަޅުގަނޑު ކުރާހިތްވާ ކަމެއްނޫނެވެ. ސަހަރާއިން ލިބޭ ތާޒާވަޔަކީ ، އެއަރކޮންޑިޝަންއިން އެލިބޭ އަރާމަށްވުރެ މާ ފުރިހަމަ އެއްޗެކެވެ. ސަހަރާގެ ވައި ، ހެދުންމަތިން ނަމަވެސް ހަށިގަނޑުގައި ބީހިލުމުން ޤުދްރަތުގެ ފުރިހަމަކަން އިޙްސާސް ކުރެވެއެވެ. އަޅުގަނޑަކީ މިހާރު ބޮޑު އަންހެނެކެވެ. ރަނގަޅާއި ނުބައި ވިސްނެންވާނެއެވެ. އެހެންނަމަވެސް ، އަމާނީގެ ފަރާތުން އެ އެނގުނު މަޢުލޫމާތުތަކުން ހިތަށް ލިބިފައިވާ ނުތަނަވަސްކަން އަދިވެސް ފިލައިނުގޮސް އެބަހުއްޓެވެ. ކުޑަކޮށް ހަމަޖެހިލާފައި ، އެހުރިހާ ކަމެއް ހިތުން ފިލުވައިލުމަށްފަހު ބަގީޗާއަށް ނުކުތީމެވެ.

އަޅުގަނޑު ބަގީޗާއަށް ނުކުތްއިރު ، ދަތުރުގައި ބައިވެރިވާ ތިމާގެ ހުރިހާ މީހުން އައިސް ތިއްބެވެ. އަދި ބަސްތަކުގެ އިންޖީނު ހިންގާލިއަޑަށް ، އެކިބަހަށް އެކިމީހުންއަރައި ހަމަޖެހިލުމަށް ނިންމިއެވެ. އަޅުގަނޑުގެ ދައްތަ ސާރާއާއި ، ނޫރާ އަދި ތަހާނީއާއި ދުނިޔާ އަދި ޙައިފާއެރީ އެއް ބަހަކަށެވެ. އަޅުގަނޑުމެންގެ ފިރިން އެރީ އެހެން ދެބަހަކަށެވެ. ކުދިން އެރީ އެކުދިންގެ އަމިއްލަ ޖީޕް ތަކަށެވެ. އެއީ ސަހަރާގައިވެސް އުނދަގުލެއްނެތި ދުއްވޭނެ އަގުބޮޑު އުނޅަނދު ތަކެކެވެ.

ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންއައި ދަތުރު ، އަޅުގަނޑުމެން އެންމެފަހުން މިފެށީއެވެ. ކުރިޔަށް ކުރިމަތިވެދާނެ ޢަޖައިބުތަކަށް ވިސްނައި ލެވުނެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ހަށިތަކުގައި ހިނގަމުން އައިސްފައިވާ ހޫނު ލޭގެ އަސަރު އަޅުގަނޑުގެ ހަށިގަނޑުގެ ނާރުތަކަށް ފޯރިފަދައެވެ. އަޅުގަނޑު ބަހަށް އަރަމުން ، އަޅުގަނޑުގެ 5 ދައްތައިންނާ ދިމާއަށް ބަލައިލީމެވެ. ކޮންމެމީހަކުވެސް އުޅެނީ ޖެހޭވައިން ސަލާމަތްނުވެވިގެން ، މޫނުބުރުގާ ރަނގަޅުކުރުމުގައެވެ. ބުރުގާ އަޅައިގެންތިބި އިރު އެއިންކޮންމެ މީހަކީވެސް ވަކިކުރަން ނޭނގޭނެ މީހުންނެވެ. އެހެންނަމަވެސް ، މޫނުބުރުގާ އަޅައިގެން ތިއްބަސް ، އަޅުގަނޑަށް އަޅުގަނޑުގެ ދައްތަމެން ވަކިކުރަން ވަރަށް ފަސޭހައިން އެނގެއެވެ.

ނޫރާ ނަންބަރު އައިނު އަޅަތާ އެތައްދުވަހެއް ވެއްޖެއެވެ. ބުރުގާގެ އެތެރެއިން އޭނާގެ އައިނުގެ ދުނިގަނޑު ރީތިކޮށް ފާޅުވާން ހުއްޓެވެ. ތަހާނީގެ އަވިއައިނު އޮތީ އޭނާގެ ނޭފަތު ކުރީގައެވެއެ. އަޅުގަނޑުގާތަށް ހިނިވެސް އައެވެ. އޭނާ އައިނު އަޅާފައޮތީ ބުރުގާގެ ބޭރުންނެވެ. ޙައިފާގެ ސްކާފްގެ ވަށައިގެން ބޭއްވިފައިއޮތީ އޭނާ ލަވައަޑުއަހާ ހެޑްފޯނެވެ. އަޅުގަނޑު ، ތިރިޔަށް ބަލައިލިއިރު އަޅައިގަތް އެކައްޗަކީ ދުނިޔާގެ ރީބޮކް ރަތްކުލައިގެ ސްޕޯރޓްސް ފައިވާނެވެ. ސާރާ އަރައިގެން އިނީ ލެދަރ ފައިވާނަކަށެވެ.

މޫނުބުރުގާ އަޅައިގެން އުޅުމަކީ އަޅުގަނޑަށް އެހާ ފަސޭހަކަމެއްނޫނެވެ.

"އަހަރެމެންގެ ޙަޔާތުގެ އައު ދުވަހަކަށް މިދުވަސް ހަދަމާ ހެއްޔެވެ؟ އަހަރެމެންގެ މޫނުބުރުގާ ނަގާ އެއްލައިލަމާ ހެއްޔެވެ؟" ބުރުގާ ނަގަން އަތް ފަހަތަށް ދަމާލަމުން ، ދައްތަމެންނާ ދިމާއަށް އަޅުގަނޑު ބުނީމެވެ.

އަޅުގަނޑުގެ އަތް ބުރުގާގައި ނުޖެހެނިސް ސާރާ އަޅުގަނޑުގެ އަތް ދަމައިގަނެ ހަޅޭއްލަވައިގަތެވެ. އައިނުގެ މަތިން އަޅުގަނޑާދިމާއަށް ބަލައިލަމުންނެވެ. އަޅުގަނޑުމެންގެ ގަދަ ހިނިގަނޑުގެ އަޑު ، މިޞްރުގެ ޑްރައިވަރަށް އިވޭނެއެވެ. ބުރުގާއާ ބެހޭގޮތުން އަޅުގަނޑު ހުރިގޮތް އޭނާއަށް އެނގޭނެއެވެ. އަދި ބައެއްފަހަރަށް އަޅުގަނޑު އުޅޭގޮތުން އުނދަގޫވެގެންވެސް އޭނާ އުޅޭނެއެވެ.

"ސުލްޠާނާއެވެ! އަހަރެން ކަލެޔަށް މި އަމުރުކުރަނީ ހަނު އިނުމަށެވެ. އަދި އަހަރެމެންގެ ބުރުގާއަށްވުރެ އަހަރެމެންގެ ދަތުރަށް ސަމާލުކަން ދިނުމަށެވެ." ޢާއިލާގެ އެންމެ ދޮށީ ނުވަތަ އެންމެ އިސްމީހާ ނޫރާ އަޅުގަނޑަށް އަމުރު ކުރިއެވެ.

"ނޫރާއެވެ! އަހަރެންގެ ޕޮއިންޓް ތި ސާބިތުކޮށްދިނީއެވެ. ބުރުގާގެ އެތެރެއިން ވާހަކަ ދެއްކީމާ ތަފާޓު މާނައެއް ނުކުންނަކަން ނޫރާއަށްވެސް އެނގޭނެއެވެ." ބުރުގާ ހިއްލާލައި ނޫރާ އެބުނި އެއްޗަކަށް އަޅުގަނޑު ރައްދު ދިނީމެވެ. އެއީ ތެދެކެވެ. އަނގައިން ބުނާ ބަހާއެކު ، މޫނުމަތިން ފާޅުވާ ނިޝާނަކީ ގުޅިލާމެހިފައިވާ ދެ އެއްޗެކެވެ. އެކައްޗަކާނުލައި އަނެކައްޗެއް އެހައި ސީރިއަސްކޮށެއް ދޭހައެއް ނުވާނެއެވެ.

"ސުލްޠާނާއެވެ!" ނޫރާ އަޅުގަނޑަށް އިންޒާރުދީ ، އަޅުގަނޑުގެ ބަސް ހުއްޓުވައިލިއެވެ. ތަހާނީއަށް ނޫރާގެ ބަސްތަކުން އުދަނގޫވެގެން ، ބުރުގާ ހިއްލާލައި ކަރުކެހިލިއެވެ.  ތަހާނީގެ މި ސަމާސާއަށް ، ނޫރާ ނޫން އެހެން އެންމެން ހީގަތެވެ.

"އެންމެ ރަނގަޅެވެ. އަހަރެން ހީކުރަނީ ، މާގިނައިރު މިބުރުގާ އަޅައިގެން އިންނަން ނުޖެހޭނެ ކަމަށެވެ." ދެދަތްޕިލަ ޖައްސައިގެން އިނދެ އަޅުގަނޑު ބުނީމެވެ.

އަޅުގަނޑު ނޫރާއާ ސަމާސާ ކުރަނީކަން އެންމެ ފަހުން އޭނާއަށް އެނގުނެވެ. އަދި އަޅުގަނޑާދިމާއަށް ގުދުވެ ގިލިގިލި ކޮށްޓަން އުޅުނެވެ. އެހެންނަމަވެސް ، ސާރާގެ ފުރަގަހަށް ވަދެ އަޅުގަނޑު ސަލާމްވީމެވެ. ދެފަރާތުގައި އިންދާފައިވާ ކަދުރު ރުއްތަކުން ޒީނަތްތެރިވެގެންވާ މަގުތަކުންލާފައި ޒަމާނީ އަވަށްތަކުން ދުއްވާފައި އަޅުގަނޑުމެންގެ ގާފިލާ ދަތުރުކުރަމުން ގެންދެއެވެ. ދަތުރު ރޭވިފައިއޮތީ ، އައްތުވައިޤު ފަރުބަދަޔާއި ދަހުނާ ސަހަރާއާ ދެމެދުގެ ހިސާބެއްގައި ކޭމްޕް ޖެހުމަށެވެ. ދަހުނާ ސަހަރާއަކީ ހުސް ހަނަފަސް ، ރަތް ވެލިން އުފެދިފައިވާ ބޮޑު ސަރަޙައްދެކެވެ. އެސަރަޙައްދުގައި ޖާފީ އޭ ކިޔޭ ވާދީއެއް އޮވެއެވެ. އެއީ މުސްކުޅި ބަދަވީންގެ މަގުންލާފައިދާއިރު ދިމާވާނެ ވާދީއެކެވެ.

ދުއްވަމުންދާއިރު ފުރޮޅުގެ ލޮޅުންތަކުން އަޅުގަނޑުގެ ހަށިގަނޑުވެސް ހުރީ ތެޅިލަ ތެޅިލައެވެ. އަޅުގަނޑު އިނީ ދާންވީ ހިސާބަކަށް ނުދެވިގެން ކަންބޮޑުވެފައެވެ. އެތައްއިރަކު ދުއްވިފަހުން ، ވާދީޖާފީ ފަސްދީ އޮތް ހިސާބަކަށް ދެވުނެވެ. އެސަރަޙައްދުގައި ޖިފުޓިތަކާއި މީހުން އާބާދުވެފައިވާ ތަންތަން ހުއްޓެވެ. އަޅުގަނޑުމެންގެ ގާފިލާ މަޑުކުރަން ނިންމާފައިއޮތީ ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު ހިސާބެއްގައެވެ. ކަރީމު އިޚްތިޔާރުކުރި ސަރަޙައްދު އަޅުގަނޑަށް ކަމުދިޔައެވެ. ހަމަހިމޭންކަމާއި އަމާންކަމުގެ އިޙްސާސްތައް އެތަނުން ލިބެއެވެ. ރުއްގަހެއްނެތް މި ސަރަޙައްދުން ދޫންޏެއް ގޮވާލާ އަޑުވެސް ނީވެއެވެ. އަޅުގަނޑުގެ އަބާޔާއާއި ބުރުގާ ނެގިތަން ފެނުމުން ނޫރާއާއި އެންމެން މަޖާވެގެން ހީގަތެވެ. ހަށިގަނޑު އެއްކޮށް ނިވާކުރުމަށް ބޭނުންކުރާ ފޭރާން ، އަޅުގަނޑުމެންގެ ޢާއިލާގެ މެންބަރުންނާއި ދަރިންނާއެކު ތިބޭއިރު ބޭނުމެއް ނުވާނެއެވެ. އަޅުގަނޑުމެން އަންހެންވެރިންނާއި އަންހެންދަރިންގެ މޫނު ، ނޯކަރުންނަށް ފޮރުވައިގެންނެއް ގޭތެރެޔަކު ނޫޅެވޭނެއެވެ. އެހެންކަމުން ގޭތެރޭގައި އުޅޭއިރު އަޅުގަނޑުމެންގެ މޫނު ނޯކަރުންނަށް ފެންނާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.