(7 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެކަމަކު މިއީ ޖަހާންޒޭބެއް ނޫނެވެ. އީމާން އޭނާ ދެކެ ލޯބިވާ ކަމަށް ބުނާ ކޮންމެ ފަހަރަކު ނުވަތަ ލޯބިވާކަން އެނގޭ ކަހަލަ ކަމެއް ކުރާ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ ޖަހާންޒޭބެވެ. އީމާންގެ އަޑުގައި ހުންނަ މަޑުމަތިރިކަމާއި ތުންފަތްމައްޗަށް ވެރިވެފައި ހުންނަ ހިނިތުންވުން ފެނުނީމާ ހަނދާން ވަނީ ޖަހާންޒޭބެވެ. އޭނާގެ ހިތަށް އަރައެވެ. "އަހަރެން މި ވަގުތު މިހިރީ އީމާން ޢަލީގެ ގާތުގައި ކަމަށް ވުމުގެ ބަދަލުގައި ޖަހާންޒޭބާ އެކުގައި ކަމަށް ވީ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުން އުފާވެރި ވެފައި ރީތި ވީހެއް ނޫން ހެއްޔެވެ؟ އީމާން ޢަލީ އޭނާ ދެކެ ކިތަންމެ ވަރަކަށް ލޯބި ވިޔަސް ޖަހާންޒޭބްގެ ނަމާއި ހަނދާންތައް އޭނާގެ ހިތުން ފޮހެވިގެން ދިއުމަކީ ވާނޭ ކަމެއް ނޫނެވެ."
* * *
ކާވެންޏަށް ހަފުތާއެއްހައި ދުވަސްވީމާ އީމާން އުއްމީދު ގޮވައިގެން ދިޔައީ ޖަރުމަނަށް އޭނާގެ މައިންބަފައިންނާ ބައްދަލު ކުރުވާށެވެ. އޭގެ ކުރިން ދެތިން ފަހަރަކު ފޯނުން އޮތީ ވާހަކަ ދެކެވިފައެވެ. ވާހަކަތަކުން އެނގުނު ގޮތުގައި އީމާން ޢަލީއަކީ އޭނާގެ މައިންބަފައިން ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެމެވެ. މައިންބަފައިންނާއެކު އޮންނަނީ ވަރަށް ބަދަހި ގުޅުމެއްވެސް މެއެވެ. ކަންކަމާ މެދު މަންމަ ދެކޭ ގޮތުގެ އަސަރު އީމާންގެ މައްޗަށް ވަރަށް ބޮޑަށް ކޮށްފައިވާކަމުގައި ފާހަގަ ކުރެވުނެވެ. މަންމަޔާ އެހައި ބޮޑަށް ގާތްކަން އޮތުމާވެސް އެކު އޭނާ އަލުން ކްރިސްޓިއަން ވާން ނޫޅޭތީ އުއްމީދު ހައިރާންވިއެވެ. އަދި އޭނާ ކްރިސްޓިއަން ދީނަށް ވައްދަން އީމާންގެ މައިންބަފައިން މަސައްކަތް ނުކުރީތީވެސް ހައިރާންވިއެވެ.
ސިބިލްއާ ބައްދަލުވީމާ އުއްމީދު ވަރަށް އުފާވިއެވެ. އެއީ ވަރަށް ތަފާތު އަންހެނެކެވެ. ހުޅަނގުގެ އަންހެނުންނާ މެދު އިވިފައިވާ ވާހަކަތަކާ މުޅީން ޚިލާފު މީހެކެވެ.
"ޑެނިއަލް މީހަކާ އިނދެފި ކަމަށް ގަބޫލުކުރަން އަދިވެސް އަހަންނަށް އުނދަގޫ. ތިޔައީ އޭނާގެ އަނބިމީހާ ކަމަށް ގަބޫލުކުރަންވެސް އުނދަގޫ." ޖަރުމަނަށް ދިޔަތާ ދެވަނައަށް ވީ ދުވަހު މެންދުރު ކާން ތިބެފައި ސިބިލް ބުނެލިއެވެ. "މީނާ ހުންނަނީ މީހަކާ ނީންނާނަމޭ ކިޔަކިޔައި. މި ސޮރު ބޭނުންވާ ކަހަލަ އަނތްބަކު ލިބުނީތީ އަހަރެން ވަރަށް އުފާކުރަން."
"އީމާން ބޭނުން ވަނީ ކޮން ކަހަލަ އަނތްބެއް؟" އުއްމީދު ޝައުގުވެރިކަމާއެކު އަހައިލިއެވެ.
"ބޭނުން ވަނީ މީގެ ކުރިން ފިރިހެނަކާ އެއްވެސް ކަހަލަ ގުޅުމެއް ނެތް މީހެއް. އިރުމަތީގެ ހަރުކަށި ދީނީ ވިސްނުމުގެ މީހެއް. އުއްމީދުގެ އާއިލާގައި އޮންނާނީ އެހެން ފިރިހެނުންނާ ބައްދަލުވެ އުޅުންވެސް މަނާކޮށްފައިކަން ޔަގީން. ޑެނިއަލާ އުއްމީދާ ބައްދަލުވީ ކިހިނެއް؟ ބައްދަލުވީތީވެސް އަހަރެން ހައިރާންވޭ. އެކަމަކު މިހާރު ތިޔަ ތިބީ އިނދެގެން. އަޖައިބުވާ ކަހަލަ ކަމެއް ނޫންތަ؟"
އުއްމީދުގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ފޮހެވިގެން ހިނގައްޖެއެވެ.
"މަންމާ. އުއްމީދު މަސައްކަތްކުރީ ރެސްޓޯރަންޓެއްގައި. އަހަންނާ ބައްދަލުވީ އެތަނުން." އީމާން ހިނިތުންވެފައި އިނދެގެން މަޑުމައިތިރިކަމާއެކު މަންމައަށް ކިޔައިދިނެވެ.
"އުއްމީދު އެކަހަލަ ތަނެއްގައި މަސައްކަތްކުރާތީ ދަރިފުޅަށް ކަމުނުދާ ގޮތެއް ނުވޭތަ؟"
"މަންމަ އަހަންނާމެދު ތިޔަ ދެކޭ ގޮތް މުޅިއަކުން ރަނގަޅެއް ނޫން. އަހަރެން މިއީ ތިޔަ ހީކުރާ ކަހަލަ ހަރުކަށި ވިސްނުމުގެ މީހަކީމެއް ނޫން."
މިހެން ބުނެފައި އީމާން އޭނާޔާ ދިމާއަށް ވައްކަޅިން ބަލައިލިއެވެ.
"ޑެނިއަލާ އިނުމުގެ ކުރިން އުއްމީދުގެ އެއްވެސް ފުރަމިތުރަކު ނެތްތަ؟" ސިބިލް އުއްމީދާ ދިމާއަށް ބަލައިލިއެވެ.
އުއްމީދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ.
"މަންމާ." އީމާން ދެކޮޅު ހެދުމުގެ ރާގަކަށް މަންމައަށް ގޮވައިލިއެވެ.
"އަހަރެން މިކުރީ ކޮށްގެން ނުވާ ކަހަލަ ސުވާލެއްތަ؟" ސިބިލް ހައިރާންވެފައި އަހައިލިއެވެ.
"ކޮށްގެން ނުވާނެ ސުވާލެއް ނޫން. އެކަމަކު ތިޔަ ވާހަކަ ބާއްވާފައި މަންމަ މި މަސް ކެއްކި ގޮތެއް ބުނެބަލަ. މީގެ ކުރިން މަންމަ މިހައި މީރުކޮށް ދުވަހަކުވެސް ނުކައްކާ." އީމާން ވަރަށް ހުސިޔާރުކަމާއެކު މަވްޟޫއު ބަދަލުކޮށްލިއެވެ.
* * *
"އަަހަރެން ކުރިން މީހަކާ އިންނަން އުޅުނުކަން އީމާން ދެނަހުރީމެއްނު؟ އަހަންނަށް އަދިވެސް ޖަހާންޒޭބްގެ މަތީން ހަނދާން ނައްތައިނުލެވޭކަންވެސް ދެނަހުރީމެއްނު؟ އެކަމަކު އަހަންނާ އިނީ... މަންމަ ބުނީ އީމާން ބޭނުން ވެގެން އުޅުނީ ކުރިން ދުވަހަކުވެސް މީހަކާ ރައްޓެހިނުވާ އަންހެންކުއްޖެކޭ. އަހަރެން ނުލާހިކު ލޯބިވާ މީހަކާ އިންނަން އެންގޭޖުވެސް ވެފައި އޮތްކަން އެނގިހުރެ އަހަންނާ އިންނަން ދެކޮޅު ނުހެދީ ކީއްވެގެން؟" ނިދަން އަރައި އޮވެ އުއްމީދު ސުވާލުކޮށްލިއެވެ.
"އެއީ އުއްމީދު ރައްޓެހިވެގެން އުޅުނު މީހެއް ނޫން. ފުރަމިތުރެއް ނޫން." އީމާން އެ ބަހުސުގެ ތެރެއަށް ވަންނާން ބޭނުމެއް ނޫނޭ ބުނާ ކަހަލަ ރާގަކަށް ބުނެލިއެވެ.
"އެއީ އެޔަށްވުރެވެސް ގާތް މީހެއް." އުއްމީދު އެއްވެސް ޖެހިލުމެއް ނެތި އީމާންގެ މޫނަށް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ.
އީމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. އަނގައިވެސް ނުބުނެ ބޮކި ނިއްވައިލާފައި ލޯ މަރައިލިއެވެ.
"އަހަރެން މި ސުވާލުކުރަނީ އީމާނާ. އަހަންނާ އިންނަން ދެކޮޅު ނުހެދީ ކީއްވެގެންހޭ؟" އުއްމީދު އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
"އުއްމީދު. އަހަރެން ގާތަށް ވަރަށް ބޮޑަށް ނިދިއަތުވެއްޖެ." އީމާން މުލައްދަނޑިން ކަންފަތް ފޮރުވަމުން މަޑުމަޑުން ބުނެލިއެވެ.
އޭނާ އީމާނާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ފަންގިފިލައަށް ބަލަހައްޓައިގެން ވަރަށް ގިނަ އިރު ވާންދެން އޮތެވެ.
"މީނާ ބޭނުން ވެގެން އުޅުނީ ކުރިން އެއްވެސް މީހަކު ދެކެ ލޯބިވެފައި ނެތް މީހަކާ އިންނާށެވެ. އެހެން އެއްވެސް ފިރިހެނަކާ ގުޅުމެއް އުފައްދައިފައި ނެތް މީހަކާ އިންނާށެވެ. އުއްމީދު ޢާލަމްގެ ހިތުގައި ޖަހާންޒޭބް ޢާދިލް ނޫން މީހަކަށް އެއްވެސް ޖާގައެއް ނެތެވެ." އޭނާގެ ހިތުގައި އީމާންގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ.
"އަހަރެން ކަންތައް މި ކުރާ ގޮތަށް އީމާނާމެދު ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟ އީމާނަށް ހައްގު ސުލޫކަކީ މިއީ ހެއްޔެވެ؟ ޖަހާންޒޭބްގެ ނަން އިރުއިރުކޮޅާ ކިޔުމަކީ އީމާން ދެރަވާނެ ކަމެއް ނޫން ހެއްޔެވެ؟ އަހަރެން މިހެން މި ހަދަނީ ކީއްވެގެން ހެއްޔެވެ؟ އީމާނާ އިނދެފައި، އީމާނާއެކު ދިރިއުޅެން ފަށާފައި މިފަދަ ގޮތަކަށް ކަންތައް މި ކުރަނީ ކީއްވެގެން ހެއްޔެވެ؟ އީމާން އެ ގެންދަނީ އަހަރެންގެ ހުރިހައި އެދުމެއް ފުރިހަމަކޮށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނުހަނު ވިސްނުންތެރިކަމާއެކު އެކީގައި ދިރިއުޅުން ވޭތުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އަހަރެންގެ ގާތުގައި މިހާރު އީމާން ޢަލީ ނޫން އެހެން މީހަކު ނެތް ކަމަށް ގަބޫލުކުރަން އަހަންނަށް އުނދަގޫ ވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ޖެހޭނީ އީމާންގެ ޖަޒުބާތަށް ގަދަރުކުރާށެވެ. އެއީ ހަމަގައިމުވެސް އޭނާއަށް ހައްގު މިންވަރެކެވެ. އެކަމަކު މި ގޮތަށް އޭނާގެ ޖަޒުބާތަށް ޖެއްސުން ކޮށްގެން ކުރެވޭނީ ކޮން ގަދަރެއް ހެއްޔެވެ؟"
އޭނާގެ ވިސްނުން މުޅީން އެހެން ދިމާއަކަށް އެނބުރެން ފެށީ ކީއްވެގެން ބާވައެވެ؟ އޭނާގެ ސިކުނޑީގައި އުފެދިފައި އޮތް ހައިޖާނު ކުޑައިރުކޮޅަކަށް ނަމަވެސް މައިތިރި ވެއްޖެއެވެ. މުޅީން ހުއްޓިއްޖެއޭވެސް އެބަ ހިތަށް އަރައެވެ. އެޔާއެކު ހިތަށް ބާވަތެއްގެ ހަމަޖެހުމެއް ވެރިވިއެވެ.
އޭނާ އީމާންގެ އަތް މަޑުމަޑުން އެއް ފަރާތް ކޮށްލިއެވެ. "ނިދީތަ؟"
"ނިދޭތޯ މަސައްކަތް ކުރަނީ." އީމާން ލޯ ހުޅުވައިލުމަށް ފަހު އަނދިރީގެ ތެރެއިން އުއްމީދާ ދިމާއަށް ބަލައިލެވޭތޯ އުޅުނެވެ.
"ވާހަކަ ބަދަލު ކުރާކަށް ލޯ މެރުން ލާޒިމެއް ނޫން." އޭނާގެ އީމާންގެ މޭމަތީގައި ބޯ އަޅައިލުމަށް ފަހު ލޯ މަރައިލިއެވެ.
އީމާން ހައިރާން ވެފައި ކުޑަކޮށް ބޯ ހިއްލައިލިއެވެ. އުއްމީދު އީމާންގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. އީމާން މަޑުމަޑުން އޭނާގެ ބޮލުގައި ފިރުމައިލުމަށް ފަހު ހިނިތުންވެލިއެވެ. އަދި ނިދޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ.
* * *
ވިދިގެން އައި ދުވަސްކޮޅު އުއްމީދު މަސައްކަތް ކުރަމުން ގެންދިޔައީ އޭނާގެ ސިކުނޑިން ޖަހާންޒޭބް ޢާދިލް މުޅީން ނެރެ އެއްލައިލެވޭތޯއެވެ.
އެއް ދުވަހަކު ދެމަފިރިން އެކީގައި ބާޒާރުކޮށްލަން ނުކުމެއްޖެއެވެ. ބޮޑު އިމާރާތެއްގެ އެތެރޭގައި ހުރި ފިހާރަތަކަށް ވަންނަމުން ގޮސް އެއް ފިހާރައަކަށް ވަދެ ހެދުންތައް ބަލަބަލައި ހުރެފައި ބަލައިލީއިރު އީމާން ފެންނާކަށް ނެތެވެ. އޭނާ އީމާން ފެނޭތޯ ފިހާރައިގެ ހަރުތަކުގެ ތެރެއިން ހިނގައި ބަލައިފިއެވެ. ފެންނަ ގޮތެއް ނުވިއެވެ. އޭނާ ވަރަށް ކަންބޮޑު ވެއްޖެއެވެ. ކައުންޓަރު ދޮށަށް ގޮސް ސުވާލު ކުރީމާ ކައުންޓަރު ދޮށުގައި އިން ކުއްޖާ ބުންޏެވެ.
"އޭނާ ތިޔަ ބޭފުޅާ ނެންގެވި ސުއިޓަރަށް އަގު ދެއްވައިފައި ވަޑައިގެންފި."
އެ ކުއްޖާގެ ވާހަކަ އިވުނީމާ އޭނާގެ ފައިތިލަ ދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ.
"ކީކޭ؟ ދިޔައީ ކޮން ތަނަކަށް؟ އެއީ އަހަރެންގެ ފިރިމީހާ. އޭނާ..."
"އެހެންވެއްޖެއްޔާ އިންތިޒާރު ކުރައްވާ. މުހިއްމު ބޭނުންފުޅަކު ބޭރަށް ވަޑައިގަތީ ކަމަށް ވެދާނެ." އެ ކުއްޖާ ކޮށި އިނގިރޭސިން ވާހަކަ ދެއްކިއެވެ.
އުއްމީދު އަނގައިން ނުބުނެ ނުކުމެގެން ގޮސް ފިހާރައިގެ ދޮރުމަތީގައި ހުއްޓި ހުރެގެން ބޭރު ބަލާން ފަށައިފިއެވެ. ދޮރުމަތީން ހިނގާ މީހުންނާއި ދުރުން ފެންނަ މީހުންގެ ތެރެއަކުން އޭނާއަކަށް އީމާން ފާހަގައެއް ނުކުރެވުނެވެ. ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. "އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައި އެ ދިޔައީ ކީއްވެގެން ހެއްޔެވެ؟" އޭނާގެ އަތް ތުރުތުރުއަޅާން ފަށައިފިއެވެ. ގޭގެ އެޑުރެސް ހަނދާން ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ގޭ ދޮރުމަތީގައި ޖަރުމަނު ބަހުން ލިޔެފައި އޮތް އެޑުރެސް އޭނާގެ ހަނދާނަކަށް އެއްގޮތަކަށްވެސް ނައެވެ. އޭނާގެ އަތަކު ޖީބު ދަބަހެއްވެސް ނެތެވެ. އެހެރީ މުޅީން ހުސްއަތާއެވެ. ހަދަންވީ ކިހިނެއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ދިހަވަރަކަށް މިނިޓު ފާއިތު ވެގެން ހިނގައްޖެއެވެ. އީމާނެއް ނައެވެ.
އުއްމީދުގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. މީގެ ފަސް އަހަރު ކުރިން ހިތަށް ވެރިވީ ކަހަލަ ބިރެކެވެ. ޖަހާންޒޭބް އެނބުރި ދިޔަ ފަހުން އޭނާ ދަނާލުގެ ދޮރާށި ދޮށަށް ނުކުތް ވަގުތު ހިތަށް ވެރިވީ ކަހަލަ ބިރެކެވެ. އަނެއްކާވެސް އަނދިރި އަދި ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުންދާ ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ.
"އީމާން އަހަރެން ދޫކޮށްލައިފައި ދިޔައީ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ މި ކަހަލަ ގޮތަކަށް... މާތް ކަލާނކޯ... އަހަރެން ދެން..." އޭނާގެ ސިކުނޑި ގަބުވީ ކަހަލައެވެ.
"އޭނާވެސް ޖަހާންޒޭބް ފަދައިން އަހަރެން ދޫކޮށްލައިފައި ހިނގައްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މިހިރީ ބީރަށްޓެހި ގައުމެއްގައި އެކަނިމާ އެކަންޏެވެ. އޭނާ އަހަންނާމެދު މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރަންވީ އަހަރެން ކޮން ކަމެއް ކޮށްގެން ހެއްޔެވެ؟ އަހަރެން މިއީ އޭނާގެ ހަލާލު އަނބިމީހާއެވެ. އަހަރެން ދޫކޮށްލައިފައި އެހެން ދެވޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު... އޭނާ ހަމަ ހަގީގަތުގައިވެސް އަހަރެން އެއްލައިލީ ހެއްޔެވެ؟ ޖަހާންޒޭބްވެސް ހެދީ އެހެންނެވެ. އަހަރެން އެއްލައިލީއެވެ."
އޭނާއަށް އެއްވެސް އިޚުތިޔާރަކާ ނުލައި ފިހާރައިން ބޭރަށް ނުކުމެވިއްޖެއެވެ. އޭނާ ގެންދިޔައީ ހިނގަމުންދާ މީހުންގެ ތެރެއިން އެންމެ މޫނެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ. ކުރިމަތީން ފެންނަ މީހަކު އޭނާއަށް ފެންނަނީ އީމާންގެ ސިފައިގައެވެ. ހިނގަމުން ގޮސް އޭނާއަށް އާދެވުނީ އިމާރާތުގެ ކިހައި ހިސާބަކަށް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އެނގޭ ކަމަކީ އީމާން ނުފެނުނު ކަމެވެ.
ކައިރިން ދިޔަ އަންހެނަކު ހުއްޓުވައިފައި އޭނާއަށް ކުރިމަތިވީ މައްސަލަ އިނގިރޭސި ބަހުން ކިޔައިދީފިއެވެ. އެ އަންހެންމީހާޔާއެކު ދިޔަ ފިރިހެނަކު އޭނާއަށް އިރުޝާދު ދިނީ އެޑުރެސް ހޯދާ ނިޒާމުގެ އެހީތެރިކަން ހޯދާށެވެ. އިމާރާތުގެ އިންތިޒާމީ އޮފީސް ހުންނަތަންވެސް އޭނާ ނުދަނެއެވެ. އެހެންވީމާ އެ ދެ މީހުން އޭނާ ގޮވައިގެން ގޮސް އިންތިޒާމީ އޮފީހަށް ވައްދައިފައި ހިނގައްޖެއެވެ. އެތަނުން ބައްދަލުވީ އަންހެން ކުއްޖަކު އޭނާގެ ވާހަކަ ތަފުސީލުކޮށް އޮޅުންފިލުވުމަށް ފަހު އޭނާއަށް ތަސައްލީ ދިނުމުގެ ގޮތުން ދެތިން ވާހަކައެއް ބުނެލުމަށް ފަހު ކޮމްޕިއުޓަރުން އީމާން ޢަލީގެ ނަން ހޯދާން ފަށައިފިއެވެ.
(ނުނިމޭ)