ކޯލް ގާރލް - 14

(28 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނަމަވެސް އަޝޯކް އަވަސް އަވަހަށް އޭނާ އިން ގޮޑިން ތެދުވަމުން ޖަޔަންތުގެ ކުރިމައްޗަށް އަތުވެއްޖެއެވެ.

"އަހަންނާމެދު ޝައްކުތަކެއް ކުރަންވީ ކީއްކުރަން...އަހަރެންނަށް ހަމަ ޔަޤީން..އެކަމަކު ބުނަން އަހަރެން ތިޔަކަމާ ވީ އުފާ. ޒުވާން ކަމުގެ މައިދާނުގައި ކަލޭ ދާދި އަވަހަށް އެތައް ފިޔަވަޅެއް ކުރިއަށް އަޅައިފީމު. އަދި ތިޔަ އުޅެނީ މުޅީން ނުހޭނިގެން. އެހެންވީމާ ބިރުގަންނަގޮތް ވަނީ... ކަން ބޮޑުނުވޭ މަޑުމަޑުމަޑުން ގޮސް ތިޔަ ބިރުވެސް ފިލާފާނެ..އަހަރެން ދާނީ ދޮރު ލައްޕާފައި."

ދެން އަޝޯކް އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ ޖަޔަންތު އެގެއިން ނިކުމެން ހިނގައްޖެއެވެ. އޭނާ ދިޔަ ގޮތަށް ލައްޕާލާފައެވެ.

އަޝޯކަށް ހީވީ އޭނާ ބޯމައްޗަށް އުޑު ވެއްޓުނުހެންނެވެ. އަދި އޭގެ ބަރުކަމުން އޭނާ ބިމާއެކުވެ، ޗިސްޗިސްވަމުން ދަނީހެންނެވެ. ކުޑައިރުކޮޅެއް ވަންދެން އޭނާ ހަމައެހުރިގޮތަށް، އެތާނގައި ހުއްޓެވެ. ރަޖްނީއާ ދިމާއަށް ބަލާށެވެ.  ރަޖްނީވެސް ބިރުންގެންފައިވާކަހަލަ ގޮތަކަށް އަޝޯކާ ދިމާއަށް ބަލަމުން ދިޔައެވެ. ކޮޓަރިއަށް ވެރިވެފައިވަނީ ހިމޭންކަން ނަގާލީ ރަޖްނީއެވެ.

"އަޅުގަނޑު މިގެއަށް އަންނާކަށް ނުވާނެ" އެހެން ބުނެފައި އޭނާ އަނެއް ފަރާތަށް އެނބުރި ލޮލުން އޮހޭ ކަރުނަތައް ފުހެލިއެވެ.

"ކަލާ ރޮނީ ކީއްވެތޯ؟" އަޝޯކކް ރަޖްނީ ކައިރިއަށް ޖެހިލާފައި ބުންޏެވެ.

"އަޅުގަނޑުގެ ސަބަބުން ކަލާ ބަދުނާމުވާނެ...." އަޅުގަނޑު ދެން ކަލާ ކައިރިއަށް ފަހަރެއްގައިވެސް ނާންނާނަން..." ރަޖްނީ ގިސްލަމުން ބުންޏެވެ. އަދި ގޮނޑީން ތެދުވެގެން ވަރަށް ބާރަސް ހިނގާފައިގޮސް ގެއިން ނުކުމެއްޖެއެވެ.

މިއަދު ޖަޔަންތު ވަނީ އުފަލުން ފޮޅިފައެވެ. އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ އޭނާގެ ފިރިހެންވަންތަކަމުގެ ހެކި ސާބިތުކޮށްދިނީތީއެވެ.  އެހެންކަމުން ޖަޔަންތު ކޮލެޖަށް ދިޔުމާއެކު، އޭނާގެ އެކުވެރީން އެއްކޮށްލައިފިއެވެ. އަދި އެމީހުންނަށް މިއުފާވެރި ޚަބަރުދީފިއެވެ.

"އެކުވެރީންނޭ ވަރަށް އުފާވެރި ޚަބަރެއް އެބައޮތް. އަހަރެންގެ އެކުވެރި ރަޙްމަތްތެރިޔާ ފިރިހެނަކަށްވެއްޖެ. އޭނާގެ ފިރިހެންވަންތަކަން ސާބިތުކޮށްދީފި...."

"އަނެއްކާ ކާކު؟" އެއްކުއްޖަކު ޙައިރާން  ވެލާފައި ސުވާލުކޮށްލިއެވެ.

"އަހަރެމެންގެ ކޮލެޖްގައި އުޅޭ އެކުވެރިޔާ.." ޖަޔަންތު އެ ކުދީންނާއެކު ވިނަގަނޑު މަތީގައި އިށީންނަމުން ބުންޏެވެ. އަދި އޭނާގެ އެކުވެރީންގެ ކުއްޖަކު އޮޅުންފިލުވަން ބޭނުންވެފައިވާ މިންވަރު އިޙްސާސް ކޮށްލާފައި ބުންޏެވެ. "އަހަރެންގެ އަޝޯކް.."

"އަހަރެމެންގެ ގްރޭޓް އަޝޯކް....އަޚްލާޤާއި އުޞޫލުގެ ވެރިޔާ..." އެހެންކުއްޖަކު މަލާމާތްގޮތަކަށް ބުނެލިއެވެ. އޭރު އަޝޯކްވެސް ފޮތްތައް ހިފައިގެން އައިސް އެތަނާ އަރާހަމަވަނީއެވެ.  އަދި އެ ކުދީންގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރެ އެމީހުންގެ ވާހަކަ އަޑު އަހަނީއެވެ.

"އަނެއްކާ އޭނާ ކުރީ ކިއްތަ؟" ތިންވަނަ ކުއްޖަކު ޖަޔަންތު އާއި ސުވާލުކުރިއެވެ.

"އަހަރެން އަދު ހެނދުނު ހެނދުނާ އޭނާގެ  ގެޔަށް ދިޔައިން... އަހަރެންނަށް އެ ގެއިން އަންހެންކުއްޖަކު...ފެނުނީ"

"އަންހެން ކުއްޖެކޭ..."

"އާނ- ފިސާރި އަންހެން ކުއްޖެއް. ރަޖްނީ ދި ކޯލް ގާރލް. ކޮންފަދަ އަންހެން ކުއްޖެއް.. ސެކްސްގެ އެޓޮމްބޮމެއް އެންމެ އަޙްލާޤް ރަނގަޅު މީހުންގެ އީމާންކަންވެސް ނާގާލާވަރުވޭ. އަޝޯކްގެ އަޙްލާޤްގައިވެސް އޭނާ އަލިފާން ޖަހައިފި..." ޖަޔަންތު ފޯރީއާއެކު ކިޔާދެމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ފަހަތުން ހީވީ ގުގުރިއެއްގެ އަޑު އައިހެންނެވެ.

"ޝަޓަޕް...ކޮން ވިޔާނުދާ ވާހަކަތަކެއް...!"

އެހުރިހާ ކުދިން އެނބުރިލާފައި ބަލާލިއިރު އަޝޯކް ހުރީ ރުޅިއައިސް ރަތްވެފައެވެ. އެތަން ފެނިފައި ހުރިހާ ކުދިންވެސް ތެދުވެއްޖެއެވެ. އަޝޯކް އެގޮތަށް ރުޅިއައިސްފައި ހުއްޓާ ފެނުމުން އެ ކުދީން ކަންބޮޑުވިއެވެ. ނަމަވެސް ޖަޔަންތު މާބޮޑު ކަމަކަށް ނުހަދާ ހެމުން ހެމުން ބުންޏެވެ.

"މިތާ މިދައްކަނީ ވިޔާނުދާ ވާހަކައެއް ނޫން- ރަޙްމަތްތެރިޔާ- ކަލޭގެ ފިރިހެންވަންތަކަމުގެ ވާހަކަ މިކިޔާދެނީ"

"ކޮންގްރެޝިއުލޭޝަން...-މަރުޙަބާ..އަހަރެމެން އެންމެންވެސް ވަރަށްބޮޑަށް އުފާވެއްޖެ..." އެ ކުދީންތަކުގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.

"އެކުވެރިޔާ. އަހަރެމެން އެންމެން ކަލެއަށް މި ސާބަސްދެނީ. ތިޔަހަދާނީ ކޮންކަހަލަ ބައުންޑްރީއެއްތަ..." އެހެން ކުއްޖަކު އަނދަމުންދާ އަލިފާންގަނޑަށް ފުމެލިއެވެ. އަދި ހަމައެނޭވާގައި ބުނެލިއެވެ. "މިއަހަރު ޓީމުގެ ކެޕްޓަނަކަށް އަހަރެމެން ހަދާނީ ކަލޭ"

"ވަރަށް ރަނގަޅު ހުށަހެޅުމެއް..ތިޔަހެންވިއްޔާ ވިކެޓް ކީޕަރަކަށް ހުންނާނީ އަހަރެން... އޭރުން އޭނާ މާއަވަހަށް ނުބައި ވިޔަ ނުދޭނަން.... ، ޖަޔަންތު ހެމުން ހެމުން ބުންޏެވެ.

"އަޝޯކް ރުޅިއައިސްގެންގޮސް ހަޅޭއްލަވައިގަތެވެ.

"ޝަޓަޕް"

އެހިސާބަށް ދިޔައިރު ހުރިހާ ކުދިންވެގެން އަޝޯކް ވަށާލައިފިއެވެ. އަދި އޭނާ ގާތަށް އައިސްފައިވާ ރުޅިއާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައި "ހިޕް ހިޕް ހުރޭ" އޭ ކިޔައި އަޑުއުފުލަން ފަށައިފިއެވެ. އަޝޯކް ރުޅިއައިސްގެން ގޮސް ތުރުތުރު އަޅަނީއެވެ. އޭނާ އަމިއްލައަށް ކޮންޓްރޯލް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ޖަޔަންތުވެސް އެ ކުދީންތަކުގެ ތެރޭގައި އޭނާއަށް އެއްޗެތި ކިޔަން ހުއްޓާ ފެނުމުން އޭނާއަށް ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. އަދި ވަރަށް ބާރަށް ޖަޔަންތުގެ އަނގަމަތީގައި ބޮނޑިއެއް އެޅިއްޖެއެވެ.

ޖަޔަންތު ހުރި މިކަހަލަ ޙަމަލާއަކަށް ތައްޔާރުވެގެނެއް ނޫނެވެ. އަދި ކީއްތޯއެވެ. މިފަދަ ޙަމަލާއެއް އަޝޯކްގެ ފަރާތުން އަތުވެދާނެ ކަމަށް ހީކޮށްގެންނެވެސް ނޫނެވެ. އެހެންކަމުން ކުއްލިއަކަށް މިއައި ޙަމަލައިގެ ސަބަބުން ޖަޔަންތު ބިންމައްޗަށް ވެއްޓިއްޖެއެވެ.  އެހެން ކުދިންތައް ކަންބޮޑުވެގެން ފަހަތަށް ޖެހިލައިފިއެވެ.  އަޝޯކްގެ އެތިފަހަރު ޖަޔަންތުގެ އަނގަމައްޗަށް އެރިލެއްބާރުކަމުން ޖަޔަންތު އަނގައިން ލޭ އަންނަން ފަށައިފިއެވެ. އެވަގުތު ޖަޔަންތުވެސް ޤަސްދުކުރީ ރުޅިއައިސްގެން ތެދުވެ ބަދަލު ހިފުމަށެވެ. ނަމަވެސް  ކުއްލިއަކަށް އަޝޯކާއި އޭނާއާ ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަން ހިތަށްއަރާފައި އެކަން ހުއްޓައިލައިފިއެވެ.  އަޝޯކްގެ ޙާލަތާމެދު އޭނާގެ ހިތަށް ރަޙުމްވަދެއްޖެއެވެ. އެހެންކަމުން ބިންމަތީގައި އޮވެގެން ހިނިތުންވެލާފައި އޭނާގެ އަތް ރަޙްމަތްތެރިކަމާއެކު އަޝޯކާ ދިމާއަށް ދިއްކޮށްލައިފިއެވެ.

"އަތް ދީ..."

ނަމަވެސް އަޝޯކް އަދިވެސް ހުރީ ރުޅިއައިސްފައެވެ. ޖަޔަންތާ ދިމާއަށް ނަފްރަތުގެ ލޮލަކުން ބަލާށެވެ.

"އޭ .... އަތްގެނޭ.... އަހަރެން ރަޙްމަތްތެރިއަކު ކުރާ ކަމަކާމެދު ރުޅިއެއް ނާންނަން..."

އަޝޯކަށް ހީވީ އޭނާގެ ގަޔަށް ގަނޑުމެންއެއްޗެއް އޮއްސާލި  ހެންނެވެ. އައިސްފައިވާ ރުޅި ފިލައިގެންގޮސް މީހާ ފިނިވާގޮތް ވެގެން ދިޔައެވެ. އަދި ހިމޭންކަމާއެކު ޖަޔަންތު ކައިރިއަށް ޖެހިލާފައި އަތް ދިއްކޮށްލައިފިއެވެ. ޖަޔަންތު އޭނާގެ އަތުގައި ހިފައިގެން ތެދުވެއްޖެއެވެ. އަދި އަޝޯކާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ހިނިތުންވެލުމާއެކު ބުންޏެވެ.

"އަންހެނުންނަކީވެސް ކޮންފަދަ ބައެއް...އެންމެ ބައްދަލުވުމަކުންވެސް ފިރިހެނުންގެ މުޅި ޚަސީލަތު ބަދަލުކޮށްލާ...ރަޙްމަތްތެރިޔާ..އިއްޔެއާ ހަމައަށް ކަލޭގެ ކިބަގައި ތިޔަ ހިތްވަރު އޮތްތަ؟"  މިއަދު ތިޔަޖެހީ ހާދަ ބާރުއެތިފަހަރެޖޭ...އަހަރެން ވަރަށް އުފާވެއްޖެ....އެކަމަކު ބުނަންތަ ... ހަނދާންކުރާތި ކޮއިފުޅާ.. މީގެ ފަހުން ދުވަހަކުވެސް އަހަރެންގެ ގައިގައި އަތްނުލާތި...އަހަރެންގެ ގަޔަށް އަރައިފިނަމަ ކަލޭގެ އަތް ބިންދާލާނަން ވިސްނާތި!" މިހެން ބުނަމުން ޖަޔަންތު އެހެން ކުދިންނާއެކު ހިނގައިގެންފިއެވެ. އަޝޯކް ބުދެއްހެން ޙަރަކާތެއްނެތި އެމީހުންނާ ދިމާއަށް ބަލަން ހުއްޓެވެ. ޖަޔަންތު ގައިގައި ޖެހުނީތީ އޭނާހުރީ ވަރަށް ބޮޑަށް ދެރަވެ ލަދުގެންފައެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.