ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އިންތިޚާބުގައި ރާއްޖެއިން ތާއީދު ކުރާނެ ފަރާތް ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގައި އޮންނަ ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބާއްވާ ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އިންތިޚާބުގައި ރާއްޖެއިން ތާޢީދުކުރާނީ ޖެމެއިކާގެ ކެނޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.
ޖެމެއިކާގެ ކަމީނާ ޖޯންސަން ސްމިތް ގެ ކެންޑިޑެސީއަށް ރާއްޖެއިން ތާޢީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވާފައި ވަނީ ޖެމެއިކާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އެންޑްރޫ މައިކަލް ހޯލްނެސްއާއެކު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަމީނާ ޖޯންސަން ސްމިތްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތް އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ ކެންޑިޑެސީއަށް ކަމީނާ ޖޯންސަން-ސްމިތްއަކީ، އެކަމަނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ފާހަގަކުރައްވާފައެވެ. އަދި ކަމީނާ ޖޯންސަންއަށް ރާއްޖޭގެ ފުރިހަމަ ތާޢިދުއޮތްކަން ހާމަކުރައްވަމުން އެކަމަނާގެ ޒަޢާމަތުގައި ރާއްޖެއާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްޞީލުކުރެވިގެންދާނެ ކަމުގައި ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެމެއިކާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ.
ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އަދި އެކަމަނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް) ގެ ޗެއަރޕަރސަންގެ މަޤާމާއި، ކައުންސިލް އޮފް މިނިސްޓަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަޤާމާއި، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަޤާމެވެ.