އަމީރާ ސުލްޠާނާގެ ނާރެސް - 26

(26 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

އަލް އިންސާން ސޫރަތުގެ 8 ވަނަ އާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.

وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِ مِسْكِيناً وَيَتِيماً وَأَسِيراً

"އަދި އެތަކެއްޗަށް ލޯބިހުރުމާއެކުވެސް، މިސްކީނުންނާއި ޔަތީމުންނާއި ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާން ދެތެވެ."

އަމާނީގެ އަމިއްލަ ބަހުންނަމަ، ހެޔޮލަފާ ޞާލިޙު އިންސާނަކު، އެއްވެސް ޖަނަވާރަކަށް ކާންނުދީ، ބަނޑުހައިކަންމަތީގައެއް ނުބައިތިއްބާނެއެވެ.

އަޅުގަނޑަށްވެސް އެނގެއެވެ. އެއްވެސް ޖަނަވާރަކަށް މަސްއޫލުވާމީހާ، އެއެއްޗަކަށް ކާންނުދީ ބޭތިއްބުމަކީ، ދީނާ ޚިލާފު ކަމެކެވެ. އަދި ބަންދުކޮށްފައި ބޭތިއްބުމުގެ މާނައިގެ ތެރޭގައި ކޮށީގައި ބަންދުކުރުންވެސް ހިމެނެއެވެ. ކޮށީގައި ބަންދުކުރެވޭ ޖަނަވާރަށް ކާންދީ ފެންދީ ހެދުމަކީ، އެކަންކުރާމީހާގެ ޒިންމާއެކެވެ. ހެޔޮލަފާ ޞާލިޙު މުސްލިމުން، އެބައިމީހުން ގެންގުޅޭ ޖަނަވާރާއި ދޫނިސޫފާސޫތްޕަށް، ކާންދީ ފެންވަރުވައި ފެންދީ ރަނގަޅަށް ބަލަހައްޓާނެއެވެ. އަމާނީގެ ރައުޔު އޭގެ އަޞްލަށް އެންމެ ރަނގަޅެވެ. އެކަމަކު އެހެނެކޭ ކިޔާފަ، މީހެއްގެ އަމިއްލަ މުދާ އެމީހާއަށް ނޭނގި ވަގަކަށް ނުގެނެވޭނެއެވެ.

"ދަރިފުޅާއެވެ! ތިޔަ ދޫނިތަކާއި ކޮށިތައް، އަނބުރާ ފޮނުވައިލަން އެބަ ޖެހެއެވެ." ކަރީމް މަޑުމަޑުން ބުންޏެވެ.

"އެތާހުރި ގިނަ ކޮށިތަކުގައި ކާއެއްޗެއްވެސް އަދި ފެނެއްވެސް ނެތެވެ." އަމާނީގެ އަޑު މަޑުމައިތިރި ކުރެވޭތޯ ބަލަމުން ބުނެލިއެވެ. އޭނާހުރީ، އެގެނައިކޮށިތަކުން އޭނާއާ އެންމެ ގާތުގައިހުރި ކޮށްޓަށް ބަލަހައްޓައިގެންނެވެ.

"އެދޫނިތަކުގެ މޫނަށް ބަލައިލުމުން، އެސޮރުމެން ސަލާމަތްކޮށްދިނުމަކީ އަހަރެން ކުރަންޖެހޭ ކަމެއްކަން އެނގުނެވެ." އެތަނުނ ކޮއްޓެއްގެ އެތެރެ ބަލައިލަމުން އަމާނީ ބުންޏެވެ. އަހަރެންނަށް ލަހުން ދެވުނީމަ، ހުރިހައި އެއްޗެއް ސަލާމަތްކުރެވޭގޮތެއް ނުވިއެވެ. ވިއްސަކަށް ދޫނި ކޮށިތަކުގައި މަރުވެފައި ތިއްބެވެ.

އަޅުގަނޑު ވަށައިގެން ބަލައިލީމެވެ. ވިއްސަކަށް ތިރީހަކަށް ދޫނި ބިންމަތީ ބޭއްވިފައި އޮތެވެ. އެއީ މަރުވެފައިހުރި ދޫންޏެވެ. ދޫނިތައް ނިވައިކުރެވިފައިވަނީ، މީރުވަސްދުވާ މާމެލާމެލިންނެވެ. އެސޮރުމެން އެއްތާކަށް ގެންގޮސް ރީތިކޮށް އަތުރައި، ނިވައިކޮށްފައިހުރީ މަލުންނެވެ.

"އަހަރެން އެހުރިހައި އެއްޗެއްގެ ޖަނާޒާ އަދި ފަހުން ބާއްވާނަމެވެ." އަމާނީގެ ލޮލުން ކަރުނަ އައެވެ. މަހާވެސް އެތާ ހުއްޓެވެ. ޖަނާޒާ ބާއްވާ ވާހަކަ ބުނީމަ މަހާ ގާތަށް އައީކީ އަމަށަކު ހިންޏެއްނޫނެވެ. އެއްވެސް ވިސްނުމެއްނެތި، އަޑުގެ ނެތްތަނަށް ހީގަތެވެ. އަދި ފިލިޕީންސް 3 ނޯކަރުންވެސް މަހާއާ ބައިވެރިވެ ހީގަތެވެ.

"މަޑުން ހުންނާށެވެ! އަދި މިތަނުން އަވަހަށް ދާށެވެ!" ކަރީމް، ރުޅިއައިސް ރަތްވެގެންހުރެ ބުންޏެވެ. މަހާއަކަށް ވާ ކަމެއްވެސް ނޫނެވެ. އޭނާ ގާތަށް އެއައި ހިނިގަނޑުގެ އެއްބައި އެތަނުން ދަމުން، އެހެނަސް މަޑުން ކުރިޔަށް ގެންދިޔައެވެ. މަގުގެ އެއްފަރާތުން ބަގީޗާތަކުތެރެއިންލާފައި މަހާ ގޮސް ގެއްލިއްޖެއެވެ.

ފިލިޕީންސުގެ 3 ނޯކަރުން ގަސްތަކެއްތެރެޔަށް ވަދެ ފިލައިފިއެވެ. އެމީހުންއެތާ ތިނބިކަން، އަޅުގަނޑު ކަރީމަށް ހަނދާންކޮށެއްނުދެމެވެ. އެއީ އަޅުގަނޑު އެންމެ ގަޔާވާ ތިން ނޯކަރުންނެވެ. ވަރަށް ބަސް އަހައި ކިޔަމަންތެރިވާނެއެވެ. އެމީހުން ތިބިވާހަކަނުބުނީ، އަމާނީދެކެ ކަރީމްގާތަށް އައިސްހުރި ރުޅި، އެމީހުންގެ މައްޗަށް ބާލައިފާނެތީއެވެ. އެމީހުންނަކީ މީހުންނާ އިނދެގެންއުޅޭ ބައެއްނޫނެވެ. އެމީހުންގެ ޙަޔާތަކީ ވަރަށް ހުސް ޙަޔާތެކެވެ.

އަމާނީ އަދިވެސްހުރީ ގޮތްދޫކުރާ ގޮތަކަށްނޫނެވެ. އަދި ބާރުއަޑުން ބުންޏެވެ.

"އަހަރެން މި ދޫނިތަކެއް އަނބުރައި ނުގެންދާނަމެވެ. އެކަންކުރަން އަހަރެންނަށް މަޖުބޫރު ކުރުވައިފިނަމަ، ރަތްކަނޑަށް ފުންމައިލާ މަރުވާނަމެވެ." އަމާނީގެ އަޑުގައިވަނީ ގޮތްދޫނުކުރުމާއި ވަކިގޮތަކަށް ނިންމައިފި ހިނދެއްގައި އެކަމެއް ކުރާނެކަމުގެ ޔަޤީންކަމެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ފުރަތަމަ ބުނީ ކަމަރެއްގެ ވާހަކައެވެ. މިހާރު އެބަދަލުވީ ރަތް ކަނޑަށެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އެކުއްޖާގެ ހިތާއި ނަފްސުން އެދޭކަމެއް ކޮށްދެވިގެން އަޅުގަނޑުގެ ހިތަށްލިބޭ އުފަލެއް ހޯދައިދިނުމުގެ ނިޔަތުގައި، މިވަގުތު ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަޅުގަނޑާއި ކަރީމް އެކަކު އަނެކަކަށް ބަލައިލީމެވެ. އަޅުގަނޑުމެންގެ ހަގު އަންހެންދަރިފުޅު، ޖަނަވާރަށް އަދި ދޫނިސޫފާ ސޫތްޕަށް ލޯބިކުރާ މިންވަރު، އަޅުގަނޑުމެން ދެމީހުންނަށްވެސް ސާފުކޮށް އެނގެއެވެ. އަދި މިއަދުގެ ހާދިސާއިންވެސް އެކަން މޯބޮޑަށް އެބަ ސާފުވެއެވެ. އެއީ އަމާނީއަށް ޖާއިޒްކަމެއްކަމުގައި އަޅުގަނޑުމެން ދެމީހުންވެސް އެއްބަހެވެ. އެއްބަސް ނުވެވޭ ތަނޮކޮޅަކީ، އެތަކެއްޗަކީ، އަމާނީ، ފަޟްލަށް ސިއްރުން ގެނައި ތަކެތިކަމަށްވާތީ އެއީ ވަށްކަމެއްގެ ގޮތުގައި ބެލިދާނެކަމެވެ. އޭގައި ޤާނޫނީ އެތައްކަމެއް އެބަހުއްޓެވެ. އޭގެކުރިން، ޝާހީޢާއިލާއަށް ނިސްބަތްވާ ބައެއްގެ ފަރާތުން ހަމަ އެ ޢާއިލާގެ އެހެންބަޔަކާ ދެމެދު ހިންގޭ ކަމެއްވީމަ، ޞުލްޙަ ކުރެވި، އެހައިބޮޑުކަމަކަށް ނުހަދާނެއެވެ.

"ދަރިފުޅާ އަމާނީއެވެ! ބައްޕަމެން ދަރިފުޅުދެކެ ވަރަށް ލޯބިވޭ ނޫންހެއްޔެވެ؟ ބައްޕާ ދަރިފުޅަށް ތީގެ އެތައްހާސް ދޫންޏެއް ގަނެދީފާނަމެވެ." ކަރީމުގެ އަޑުގައި ރުޅިވެރިކަމާއެކު ވަރުބަލިކަންވެސް އެކުލެވިގެން ވެއެވެ.

"ނޫނެކެވެ! އަހަރެން މިދޫނިތައް ދޫކޮށެއް ނުލާނަމެވެ." އެތަނުން ކޮށްޓެއްނަގައި ގަޔާ އެކީހިފައިލަމުން އަމާނީ ބުންޏެވެ. އަޅުގަނޑުމެން ދެމީހުންނަށްވެސް އަމާނީއާ ގާތަށް ޖެހިލެވުނެވެ.

"ދަރިފުޅާއެވެ! ތިހެން ތި ކޮށިތަކުގައި އޮޅުލަން އުޅެންޏާ ދަރިފުޅު ބަލިވެދާނެއެވެ. އަމާނީގެ ދުލުންނާއި ލޮލުން ބޭރުވަމުން އެދާ އިޙްސާސްތަކަކީ، އޭނާގެ ހިތުގެ އަޑިން އަންނަ ތެދުވެރި އިޙްސާސް ތަކެކެވެ. އަމާނީ އެހައި ނަފްސާނީ ވެފައި ހުއްޓައެއް އަޅުގަނޑެއް ނުދެކެވެ."

ކަރީމް އަމާނީ އޭނާގެ ގަޔާ އެއްކޮށްލައި ބައްދައިލުމަށްފަހު ނިތްކުރީގައި ލޯތްބާއެކު ބޮސް ދިނެވެ. އަދި ބުންޏެވެ.

"އެންމެ ރަނގަޅެވެ! އަމާނީ މިދޫނިތައް ބަހައްޓާށެވެ. ބައްޕަ ފަޟްލު ބޭބެއަށް މިއަށްވުރެ ގިނަ ދޫނި ގަނެދޭނަމެވެ." ކަރީމްގެ ބަހަށް އެއްވެސް ޖަވާބެއް ނައުދެއެވެ. ކަރީމް އޭނާގެ ބޮޑު އަތްތިލައިން އަމާނީގެ މޫނުގައި ދެފަރާތުން ފިރުމައިލިއެވެ. އެއީވެސް އަމާނީގެ ހުއްދަ ލިބުނުކަމަކަށް ނުވިއެވެ. ބަދަލުގައި އަމާނީ އަޑުހަރުކޮށް ބުންޏެވެ.

"ނޫނެކެވެ! އޭރަށް އެ ޤާތިލުގެ ކޮޅަށް ހެކިތައް އިތުރުވާނެއެވެ."

އަމާނީ ރޮމުން ރޮމުންގޮސް ގިސްލުމަށް ބަދަލުވިއެވެ. ކަރީމް އަމާނީ އުރައިލިއެވެ. އަދި ގޭތެރެޔަށް އަމާނީ ގެންދިޔައެވެ. އަމާނީ އޮތީ އޭނާގެ ކޮޓަރީގައި އެނދުގައި ބޭއްވިފައެވެ. ކަރީމް އަމާނީ އޭނާގެ އުގުތެރެޔަށް ލައި ނަޞޭޙަތް ދެމުން ގެންދެއެވެ. އަޅުގަނޑު، އެކޮޓަރީގެ އެތަން މިތަނަށް ބަލައިލީމެވެ. އަދި، އަމިއްލަ ޖާނަށް ގެއލުމެއްލިބިދާނެކަމަށް އަޅުގަނޑަށް ފެނުނު ހުރިހައި އެއްޗެއް ފޮރުވީމެވެ. އަމާނީއަށް އެކަން ފާހަގައެއް ނުކުރެވޭނެއެވެ. އަނެއްކޮޅުން މަހާ އިތުރު މައްސަލައެއް އުފައްދައިފިއެވެ. އެއީ ފަޟްލުގެ ދޫނިތަކައިގެން އަޅުގަނޑުމެން މަރުދަންޖެހޭއިރު، ފަޟްލު ބަންދުކޮށްގެން އެއުޅޭ ޅަ އަންހެންކުދިންގެ ކަންތަކާ އަޅައެއްނުލައެވެ. ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.