މީޑިއާ ކައުންސިލުގެ ތިޖޫރީ ފަޅާލާ، ވައްކަން ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ތިޖޫރީ ފަޅާލާ، ވައްކަން ކޮށްފިއެވެ.

އެ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ ވައްކަން ކޮށްފައިވަނީ އޮފީސް ފާޚާނައިގެ ފެން ލައިޓުން ވަދެ ކަމަށެވެ. އަދި ތިޖޫރި ފަޅާލައި ތިންހާހަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

ގަލޮޅު ބިއްލޫރި ޖެހިގޭގައި ހުންނަ އެ ކައުންސިލްގެ ތިޖޫރީ ފަޅާލާ، ވައްކަން ކޮށްފައިވަނީ ރޭ ދަންވަރު ކަމަށާއި ވަގަށް ނެގިކަން އެނގުނީ މިއަދު ހެނދުނު އެތަނުގެ މުވައްޒަފުން އޮފީހަށް ދިޔުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭރު ދޮރުގަ ހުރީ ތަޅުލާފައި ކަމަށާއި އެއްވެސް ދޮރަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށެވެ. އަދި ފަޅާލާފައިވަނީ ހަމައެކަނި ތިޖޫރީ ކަމަށާއި ހަލާކުކޮށްލާފައިވަނީ ތަޅު މަތާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އެ ތިޖޫރީގައި ހުންނާނީ ޕެޓީކޭޝް އަށް ބޭނުން ކުރަން ބަހައްޓާފައި ހުރި 3612 ރުފިޔާ. ވަގަށް ނަގާފައިވަނީ ހަމަ އެކަނި އެ ފައިސާ. އިތުރު އެއްވެސް އެއްޗެއް އެތަނުން ވަގަށް ނަގާފައިނުވޭ."

ޝަހުބާން ވިދާޅުވީ ލެޕްޓޮޕާއި އެހެނިހެން އަގުބޮޑުތަކެތި ވެސް އެ އޮފީހުގައި ހުރިއިރު، އެއިން އެއްވެސް އެއްޗަކަށް ވެސް ގެއްލުމެއް ނުދޭ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.