ސުވަރުގެ ލިބުންވަނީ، އީމާންވުމާއެކު، ޞާލިޙު ޢަމަލު ކުރުމުގެ މައްޗަށް

ކީރިތިޤުރްއާނުގައި އަންގަވައިފައިވާ ގޮތުގައި، އީމާންވުމާއެކު ޞާލިޙު ޢަމަލު ނުކުރާ މީހުންނަކީ،ގެއްލެނިވެގެންވާ ބަޔެކެވެ. ސުވަރުގެވަންތަވެރިންކަމުގައިވުން ބިނާވެގެންވަނީ، އީމާންވުމާއެކު ޞާލިޙު ޢަމަލު ކުރުމުގެ މައްޗަށެވެ. މާތް اللَّهُ ވަޙީކުރެއްވިއެވެ. {الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنْتُمْ تَعْمَلُونَ} (النحل:٣٢) މާނައީ: {އެއުރެންނަކީ، ކުށްފާފަތަކުން ޠާހިރުވެގެންވާޙާލު، މަލާއިކަތުން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ މަލާއިކަތުން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމުހުއްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!}

ސުވަރުގޭގައި މީސްތަކުންގެ ދަރަޖަތައް ތަފާތުވުން ބިނާވެގެންވަނީ ވެސް، އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ މައްޗަށެވެ. މާތް اللَّهُ ވަޙީކުރެއްވިއެވެ. {وَلِكُلٍّ دَرَجَاتٌ مِمَّا عَمِلُوا وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُونَ} (الأنعام: ١٣٢) މާނައީ:{އަދި ކޮންމެ ބަޔަކަށްމެ އެ ބަޔަކު ކުޅަ ޢަމަލުތަކާ އެއްގޮތަށް ދަރަޖަތަކެއް ހުއްޓެވެ. އަދި އެއުރެންކުރާ ޢަމަލުތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޣާފިލުވެވޮޑިގެނެއް ނުވެއެވެ.}

އަލްއިމާމު ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. “لَيْسَ الْإِيمَانُ بِالتَّحَلِّي وَلَا بِالتَّمَنِّي، وَلَكِنْ مَا وَقَرَ فِي الْقَلْبِ، وَصَدَّقَتْهُ الْأَعْمَالُ، مَنْ قَالَ حَسَنًا وَعَمِلَ غَيْرَ صَالِحٍ رَدَّهُ اللهُ عَلَى قَوْلِهِ، وَمَنْ قَالَ حَسَنًا وَعَمِلَ صَالِحًا رَفَعَهُ الْعَمَلُ، ذَلِكَ بِأَنَّ اللهَ تَعَالَى قَالَ: {مَنْ كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ} (فاطر: 10)(رَوَاهُ البَيهَقِىُّ فِى شُعَبِ الإِيمَان) މާނައީ: [ހަމައެކަނި ރިވެތި ސިފަތަކުން ޒީނަތްވުމަކީ އަދި ހެޔޮ އުއްމީދުތަކެއް ކުރުމަކީ އީމާންވުންކަމުގައެއް ނުވެއެވެ. އެހެނަސް އީމާންކަމަކީ، ހިތުން ކަށަވަރުކުރުމާއެކު ޢަމަލުތަކުން އެކަން ފެނިގެންދާ ކަމެކެވެ. މީހެއްގެ ބަސްމަގު ރަނގަޅުވުމާއެކު ވެސް އޭނާގެ ޢަމަލު ރަނގަޅުނުވެއްޖެނަމަ އޭނާ އެ ބުނެއުޅުނު ބަހުގެމައްޗަށް اللهُ ތަޢާލާ އެ ކަމެއް އޭނާއަށް ރައްދުކުރައްވާހުއްޓެވެ. އަދި މީހެއްގެ ބަސްމަގު ރަނގަޅުވުމާއެކު އޭނާގެ ޢަމަލު ރަނގަޅުވެއްޖެނަމަ، އޭނާގެ ޢަމަލު (اللهُގެ ޙަޟުރަތަށް) އުފުއްލެވޭހުއްޓެވެ. އެއީ، اللهُގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. (ދުނިޔެއާއި އާޚިރަތުގެ) {ޢިއްޒަތްތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ ޢިއްޒަތް، މިލްކުވެގެންވަނީ اللهُއަށެވެ. ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ ޙަޟުރަތަށެވެ. އަދި ޞާލިޙު ޢަމަލު އެކަލާނގެ ޙަޟުރަތަށް އުފުލައްވަތެވެ.}]

އަޅަމެންނީ ޢަމަލުތައް ރަނގަޅު ފުރިހަމަ އީމާންކަމެއްގެ ވެރި ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.