މިސްރުގެ ރައީސު ޢަބްދުލް ފައްތާޙް އައްސީސީ އެ ގައުމުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓު، ގެ އިސް ފަނޑިޔާރަކަށް ޤިބްޠީ ކްރިސްޓިއަނަކު އައްޔަންކުރައްވައިފިއެވެ. މިއީ 1969 ވަނަ އަހަރު އެ ކޯޓު އުފެދުނު ފަހުން އެކޯޓުގެ އިސް ފަނޑިޔާރަކަށް ކްރިސްޓިއަނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
އިސް ފަނޑިޔާރުގެ މަގާމަށް ރައީސު ސީސީ އައްޔަންކުރެއްވި ފަނޑިޔާރު ބޫލުސް ފަހްމީއަކީ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނުފަހުން އެ މަގާމަށް އައްޔަންކުރި 19 ވަނަ ފަނޑިޔާރެވެ. ރައީސު ސީސީ އުމުރުފުޅުން 65 އަހަރުގެ ފަހްމީ ހޮއްވަވާފައި ވަނީ އެ ކޯޓުގެ 15 ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި އެންެމެ ދޮށީ 5 ބޭފުޅުންގެ ތެރޭންނެެވެ.
ޝުރޫޤް ދުވަހު ނޫހުގެ އެޑިޓޯރިއަލް މެނޭޖަރު އަދި މިސްރުގެ ޝަރްޢީ ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ބައްސާލް ވިދާޅުވި ގޮތުގައި އިސް ފަނޑިޔާރުގެ މަގާމަށް ބޫލުސް ފަހްމީ އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ސަޢީދު މަރްޢީގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
"ރައީސު ޢަބްދުލް ފައްތާޙު އައްސީސީ ވަނީ ފަނޑިޔާރު ބޫލުސް ފަހްމީ ސުޕްރީމް ކޮންސްޓިޓިއުޝަން ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ ހުވައި ކުރެއްވި ރަސްމިއްޔާތަަށް ހާޒިވުވެވަޑައިގެންފައި." ރިޔާސީ ގަނޑުވަރުގެ ތަރުުޖަމާނު ބައްސާމް ރާޟީ ކުރި ޓުވީޓެއްގައި ވެއެވެ.
ފަނޑިޔާރު ފަހްމީ ކުރިން ހުންނެވީ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުގެ ޖެނެރަލް ސެކްރެޓޭރިއެޓްގެ ވެރިޔާގެ މަގާމުގައެެވެ.
އެންމެ މަތީ ކޯޓުގެ އިސް ފަނޑިޔާރު އައްޔަންކުރުމުގެ އުސޫލު ކުރިން އޮތް ގޮތުން، އެ ވަގުތަކު ކޯޓުގައި ތިއްބެވި ބޭފުޅުންގެ ތެރޭން ފަނޑިޔާރު ކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅަކު ބައްލަވައި އެމަގާމަށް އައްޔަން ކުރައްވަނީ ޖަސްޓިސް މިނިސްޓަރެވެ. އޭނާގެ ނިންމެވުން ރައީސު ތަސްދީގުކުރައްވަނީއެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރު މި އުސޫލަށް ގެނައި ބަދަލާއެކު، ކޯޓުގައި ތިއްބެވި މަގާމަށް އެންމެ 'ދޮށި' ހަތް ފަނޑިޔާރުންގެ ތެރޭން ބޭފުޅަކު އައްޔަންކުރެއްވުމުގެ އިޚްތިޔާރު ވަނީ ރައީސަށް އަރުވާފައެވެ.
އިޖިޕްޝަން ލޯޔާސް އެސޯސިއޭޝަނުން ބުނި ގޮތުގައި ބޫލުސް ފަހްމީ އަކީ މަގާމުގައި ވީ ދުވަަހަށް ބަލާއިރު ހަތަރުވަނަ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ.
މިސްރުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ރައީސު ސީސީގެ ނިންމެވުމަކީ ތާރީޚީ ނިންމެވުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފައެވެ.
100 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިސްރުގެ އާބާދީގެ %10 އަކީ ޤިބްޠީ ކްރިސްޓިއަނުންނެވެ.