ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމު ޓޮންގާގެ ކަނޑުއަޑީގެ އަލިފާން ފަރުބަދައެއް ފާއިތުވި ހަފުތާގައި ގޮވުމުގެ ސަބަބުން އެގައުމަށް ކުރިމަތިވި ސުނާމީއާއި، އަލިފާން ފަރުބަދައިގެ ބޯ އަޅީގެ ކާރިސާއަށް ފަހު އެ ގައުމަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ފުރަތަމަ ފްލައިޓް ވެރިރަށް ނުކުއަލޯފާގެ އެއާޕޯޓަށް ޖައްސައިފިއެެވެ.
ނިއުޒީލޭންޑުގެ ފޮރިން މިނިސްޓަރު ނަނާއިއާ މަހުޓާ ވިދާޅުވި ގޮތުގައި ހާކިއުލީސް ސީ-30 މަރުކާގެ މުދާއުފުލާ މަތިންދާބޯޓުން ވަނީ ފެނާއި، ވަގުތީ ހިޔާ ބިނާކުރާ ސާމާނާއި، ކަރަންޓު އުފައްދާ ޖެނެރޭޓަރާއި، މުވާސަލާތީ އާލާތްތަކާއި، ސިއްހީ ޚިދުމަތަށް ބޭނުންވާ ސާމާނާއިގެން ޓޮންގާއަށް ގެންގޮސްފައެވެ.
ޓޯންގާގެ ގިނަ ސަރަހައްދުތަކެކޭ އެއްގޮތަށް ނުކުއަލޯފާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭވެސް އޮތީ އަލިފާން ފަދުބަދަ ގޮވުމުން އެރި ބޯ އަޅިން ފޮރުވިފައެވެ. އިއްޔެ މެންދުރު 12 ޖެހިއުރު (ރާއްޖޭ ގަޑިން އިއްޔެރޭ ފަތިހު 4 ޖެހިއިރު) ނިއުޒީލޭންޑުގެ އޯކްލޭންޑުން ފުރި ފްލައިިޓް 4 ގަޑިއިރުގެ ދަތުރަކަށް ފަހު ނުކުއަލޯފާގައި ޖެއްސީ ރަންވޭގައި ހުރި އަޅި ސާފުކުރުމަށް ފަހުގައެވެ.
ނިއުޒީލޭންޑުގެ މަތިންދާބޯޓު އެއާޕޯޓުގައި ގިނަ އިރު މަޑުނުކޮށް ވަނީ ފުރާފައެވެ. ޓޮންގާއަކީ ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ފެނިފައިނުވާ މަދު ގައުމުތަކުގެ ތެރޭން ގައުމަކަށް ވާތީ، ވައިރަސް އެގައުުމަށް ވަނުމުގެ ފުރުސަތު ކުޑަކުރުމަށެވެ.
އޮސްޓްރޭލިޔާއިން ބުނިގޮތުގައި އެގައުމުގެ ހާކިއުލީސް ސީ-130 މަރުކާގެ މަތިންދާބޯޓެއްވެސް މިހާރު ވަނީ ޓޮންގާއަށް ގޮސްފައެވެ.
ޖަޕާނުން ވެސް ދަނީ ސީ-130 ގެ ދެ މަތިންދާބޯޓު އެހީގެ ތަކެއްޗާއެކު ފޮނުވުމަށް ތައްޔާރުވަމުންނެެެވެ. މިިނިސްޓްރީ އޮފް ޑިފެންސުން ބުނި ގޮތުގައި އެ ދެ ބޯޓުގައި ގެންދާނީ ބޯފެނެވެ.
ނިއުޒީލޭންޑުގެ މެރިޓައިމް ސަސްޓެއިންމެންޓް އުޅަނދު އެޗްއެމްއެންޒެޑްއެސް އޯޓިއަރޯއާ މިއަދުގެ ވަގުތެއްގައި ޓޮންގާގައި ބަނދަރުކުރާނެއެވެ. އެ އުޅަނދުން 2 ލައްކަ 50 ހާސް ލީޓަރު ބޯފެން ގެންދާއިރު، އެ އުޅަނދުގައި ދުވާލަކު 70 ހާސް ލީޓަރުގެ ފެން އުފެއްދޭވަރުގެ ޑިސެލިނޭޝަން ޕްލާންޓެއް ހުރެއެެވެ.
ޓޮންގާވެރިރަށް ނުކުއަލޯފާގެ އުތުރުން ކަނޑުއަޑީގައި ހުންނަ ހަންގާ ޓޮންގާ ހަންގާ ހައާޕައި އަލިފާން ފަރުބަދަ ގޮވާފައި ވަނީ ފާއިތުވި ހޮނިިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ ގޮވުމާއެކު އުފެދުނު ބިޔަ ސުނާމީ ރާޅު ވަނީ ޓޮންގާގެ ދުރު ހިސާބުތަކަށް ފެތުރިފައިވާ ކުދި ރަށްތަކަށް އަރާފައެވެ.
ވެރިރަށް ނުކުއަލޯފާއަށްވެސް 3 ފޫޓު އުސްމިނުގެ ރާޅު އަރާފައިވާއިރު، ގިނަ އިމާރާތްތަކެއް ހަލާކުވެ ރަށުގެ ބޯފެން ވަނީ ލޮނުވެފައެވެ. އަދި އަލިފާން ފަރުބަަދައިން އެރި ބޯއަޅި ވަނީ މުޅި ރަށަށް ފެތުރިފައެވެ. މާއްދީ ބޮޑެތި ގެއްލުންވި ނަމަވެސް މި ކާރިސާގައި މަރުވެފައި ވަނީ ތިން މީހުންނެވެ.
ޓޮންގާއަކީ ޕެސިފިކް ކަނޑުގައި އެކަހެރިކޮށް އޮންނަ ކުޑަ ޖަޒީރާ ގައުމެކެވެ. ނިއުޒީލޭންޑުގެ އިރު އުތުރުން 1800 ކިލޯމީޓަރު ދުރުގައި 7 ލައްކަ އަކަކިލޯމީޓަރުގެ ސަރަަހައްދަކަށް ފެތުރިފައިވާ 169 ރަށުގެ މައްޗަށް އެކުލެވޭ ޓޮންގާގެ އާބާދީއަކީ 1 ލައްކަ 5 ހާހެވެ. އާބާދީގެ %70 މީހުން ދިރިއުޅެނީ ވެރިރަށް ނުކުއަލޯފާގައެވެ.