ދުނިޔޭގެ އެންމެ މަޝްހޫރު ދެމަފިރިންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއާއި އޭނާގެ އަންހެނުން މެލިންޑާ ގޭޓްްސް 27 އަހަރު އެކުގައި އުޅުމަށް ފަހު، ވަރިވާން ނިންމައިފިއެވެ. މިކަން އިއުލާންކޮށްފައި ވަނީ ދެމީހުންގެ ޓުވިޓާ އެކައުންޓުގައި އެއްފަހަަރާ ޝާއިއުކުރި ބަޔާނެއްގައެވެ.
"އަހަރުމެންނަށް ޖޯޑެއްގެ ގޮތުގައި ދެން ކުރިއަށް ދެވިދާނެކަމަށް އަހަރުމެންނަށް މިހާރު ގަބޫލެއް ނުކުރެވޭ." ދެމީހުންގެ ބަޔާނުގައި ވެއެވެ.
"ވަަރަށް ބޮޑަށް ވިސްނުމަަށް ފަހު، އަދި އަހަރުމެންގެ ކައިވެނި (ދެމެހެއްޓުމާ) ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އަހަރުމެން ވަނީ އަހަރުމެންގެ ޒަވާޖީ ހަޔާތް ނިމުމަކަށް ގެންނަން ނިންމާފައި." އެ ބަޔާނުގައި ދެމީހުން ބުނެފައި ވެއެވެ.
މަޝްހޫރު އޮޕަރޭޓިންގ ސިސްޓަމް 'ވިންޑޯޒް' ވުޖޫދަށް ގެނައި މައިކްރޯސޮފްޓް ކުންފުނީގެ ބާލީ ބިލް ގޭޓްސްއަކީ ދުނިޔޭގެ މުއްސަނދި މީހާއެވެ. ހަމައެހެންމެ، ދެ މީހުންގެ ނަމުގައި އުފައްދާފައިވާ ހިލޭއެހީދޭ ފައުންޑޭޝަން 'ބިލް އެންޑް މެލިންޑާ ފައުންޑޭޝަން' އަކީ ދުނިޔޭގައި މިފަދަ މަސައްކަތްކުރާ އެންމެ ބޮޑު އެއް ފައުންޑޭޝަނެވެ.
ވަރިވާން ނިންމި ވާހަކަ އާއްމުކުރި ބަޔާނުގައި ދެމީހުން ބުނެފައިވާ ގޮތުގައި ދެމީހުންގެ ޒަވާޖީ ހަޔާތް އެކުގައި ކުރިއަށް ނުގެންދިޔަޔަސް، ބިލް އެންޑް މެލިންޑާ ފައުންޑޭޝަނުގެ މަސައްކަތް ދެމީހުން އެކުގައި ކުރިއަށް ގެންދާނެއެވެ.
"އެ މަސައްކަތާމެދު އަހަރުން އެކުގައި ގަބޫލުުކުރާ ކަންތައް މިހާރުވެސް ހިއްސާކުރަން. އަދި ފައުންޑޭޝަންްގެ މަސައްކަތުގައި ދެމީހުން އެކުގައި އުޅޭނަން." ދެމީހުންގެ ބަޔާނުގައި ވެއެވެ.
ފާއިތުވި އަހަރު، ހިލޭ ސާބަހަށް ކުރާ މަސައްކަތަށް އިތުރު ވަގުތު ދިނުމަށް ކަމަށް ބުނެ ބިލް ގޭޓްސް ވަނީ މައިކްރޯސޮފްޓްގެ ބޯޑުން އިސްތިއުފާދީފައެވެ.
އޭނާގެ ބައިވެރިޔާ ޕޯލް އެލެންއާއެކު 1975 ވަނަ އަހަރު ބިލް ގޭޓްސް އުފެއްދި 'މައިކްރޯސޮފްޓް' ކުންފުނި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުންޏަށް ވެފައެވެ.
1955 ވަނަ އަހަރު އުފަންވި ބިލް ގޭޓްސް އާއި މެލިންޑާ ފްރެންޗް ފުރަތަމަ ބައްދަލުވީ 1987 ވަނަ އަހަރުއެވެ. އޭރު މެލިންޑާއަކީ މައިކްރޯސޮފްޓްގެ ޕްރޮޑަކްޓް މެނޭޖަރެކެވެ.
1994 ވަނަ އަހަރު ކައިވެނިކުރި ދެމަފިރިންގެ 3 ކުދިން ތިބެއެވެ.
ދެމަފިރިން އެކުގައި އުފެންދި ބިލް އެންޑް މެލިންޑާ ފައުންޑޭޝަނުން ވަނީ ހިލޭ އެހީގެ ގޮތުގައި ފާއިތުވި 20 އަހަރުގެ ތެރޭގައި 54 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.