ރާއްޖެއިން އިތުރު 585 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ ރާއްޖެއިން އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ 2 ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރެކޯޑް މިންވަރަކަށް މީހުން ޕޮޒިޓިވްވެއެވެ. އެއިން ކޮންމެ ޢަދަދަކީވެސް އެހާތަނަށް އެއްދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވި އެންމެ ގިނަ މީހުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 585 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 397 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 160 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 15 މީހުންނެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 31،330 އަށް އަރާފައެވެ. މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 6،033 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 173 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 134 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،214 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،255 ސާމްޕަލެއް ވަނީ ނަގާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 74 އަށް އަރާފައެވެ. އެއީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.