އަސްކަރީ ތަމްރީނުތަކެއްގައި އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ ސަބްމެރީން ކޭއަރްއައި ނަންގަލަ 402 އޭގެ 53 ފަޅުވެރިންނާއެކު ކަނޑުއަޑިއަށް ފެތިފައިވާކަން މިހާރު ބެލެވޭ ކަމުގައި އިންޑޮނޭޝިޔާއިން ބުނެފިއެވެ. އިންޑޮނޭޝިޔާގެ ސިފައިންގެ ކޮމާންޑަރު ހާދީ ޖާހްޖަންޓޯ ވިދާޅުވި ގޮތުގައި ސަބްމެރީން ގެއްލުނު ހިސާބުން ތެލުގެ އަސަރާއ ސަބްމެރީން ތެރޭގައި ހުރި ބައެެއް ތަކެތި ފެނިފައިވާތީ މިހާރު ބެލެވެނީ އެ ސަބްމެރީން ކަނޑު އަޑިޔަށް ފެތިފައިވާ ކަމުގައެވެ.
"ސަބްމެރީން ގެއްލުނު ހިސާބުން ކަނޑުމަތިން ހޮވި ހެކިކަމުގައި ބެލެވޭ ތަކެތީގެ ތެރޭގައި ތާމަލް އިންސުލޭޝަން ޝީޓެއްގެ އިސްޕަންޖު ގަނޑަކާއި، ސަބްމެރީންގެ ތެރޭގައި ހުރި ގިރިސް ފުޅިއެއް ހިމެނޭ. އިސްޕަންޖުގަނޑަކީ ބޮޑު އިތިގަނޑަކުން ވީދައިގެން ގޮސްފައިވާ ބައެއް." އިންޑޮނޭޝީޔާގެ ކަނޑުގެ ސިފައިންގެ ޗީފް ޔުދޯ މަރްގޯނޯ ވިދާޅުވިއެވެ.
ފެނުނު އެހެން ތަކެތީގެ ތެރޭގައި ނަމާދުކުރާ މުސައްލައަކާއި، ޓްރޮޕީޑޯއެއްގެ ބަޔަކާއި، ކޫލިންގް ހޮޅިގައި އޮޅާފައި ހުރި އެއްޗެއް ހިމެނެއެވެ.
ސަބްމެރީންގައި ހުރި އޮކްސިޖަން މިއަދު ހެނދުނު ހުސްވާނެކަމަށް އޮތީ ބެލެވިފައެވެ.
މަރްގޯނޯ ވިދާޅުވީ ކަނޑުގެ އަޑި ސްކޭންކުރުުމުން 850 މީޓަރު (2788 ފޫޓު) އަަޑީގައި ސަބްމެރީން އޮއްވާ ފެނިފައި ވާކަމުގައެވެ. އެއީ 500 މީޓަަރު (1640 ފޫޓު) އަޑިއަށް ދިއުމަށް ޑިޒައިންކޮށްފައިވާ ސަބްމެރީނެކެވެ.
"އެ ގޮވިނަމަ އޮންނާނީ ބައިބައި ވެފައި. އެ އުޅަނދު އަޑިއަށް ދިޔަވަރަކަށް...... މަޑުމަޑުން ރެދުލީ ކަމަށް ވާނީ. ގޮވުމެއް ގޮވިނަމަ ސޯނާރ އިން އެއަޑު ފާހަގަކުރެވުނީސް." މަރްގޯނޯ ވިދާޅުވިއެވެ.
"ބޭރުގެ ޕްރެޝަރު ގަދަވެގެން ނުވަތަ ޓްރޮޕީޑޯ ލޯންޗާ ހަލާކުވެގެން ނޫނީ ސަބްމެރީންގެ ތެރޭގައި ހުރި ތަކެތި ބޭރަށް ނާންނާނެ." މަރްގޯނޯ އިތުރަށް ވިދާޅުވިއެވެ.
850 މީޓަރު އަޑިން ސަބްމެރިން ނެގުމުގެ މަސައްކަތްކުރަން ތައްޔާރުވަމުން ދާކަމަށް ވިދާޅުވަމުން ކަނޑުގެ ސިފައިންގެ ޗީފް ފާހަގަކުރެއްވި ގޮތުގައި އެހާ އަޑިން އެވަރުގެ އެއްޗެއް ނެގުން ވާނީ އުނދަގޫ މަސައްކަތަކަށެވެ.
"އޭތި އޮތީ 850 މީޓަރު އަޑީގައި ކަމަށް ވާތީ އާރްއޯވީ (ރިމޯޓްލީ އޮޕަރޭޓެޑް އަންޑަރވޯޓަރ ވެހިކަލް) އެއް ބޭނުންކޮށްގެން އެ ނެގުން ވާނީ ވަރަށް ނުރައްކާތެރި، އުނދަގޫ މަސައްކަތަކަށް." އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އޭނާ ފާހަަގަކުރެއްވި ގޮތުގައި ސިންގަޕޫރުގެ އުޅަނދު އެމްވީ ސްވިފްޓް ރެސްކިއުގައި ހުރި ރާއޯވީއަަށް 1000 މީޓަރު އަޑީގައި މަސައްކަތްކުރެވެއެވެ.