ކުރިޔަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭ އެއްކެންޑިޑޭޓަކަށް އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަމާއި ފޮޓޯ ޖަހައިގެން ސޯޝަލް މީޑިޔާގައި ބަޔެއް ފަރާތްތަކުން ކެމްޕޭން ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިޔާގައި ފުއާދުގެ ފޮޓޯ ޖަހައިގެން ކެމްޕޭން ކުރަމުންދާއިރު ސަރުކާރުގެ ބަޔެއް މަޖިލިސް މެމްބަރުންވެސް ވިދާޅުވެފައި ވަނީ އިދިކޮޅުން ނެރޭ އެއްކެންޑިޑޭޓަކަށް ފުއާދު ހަމަޖައްސަވަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު އެއްވެސް ޕާޓީއަކުންވެސް އަދި އިދިކޮޅު ލީޑަރަކުވެސް އިދިކޮޅު ކެންޑިޑޭޓަކަށް ފުއާދު ގެނައުމާބެހޭ ގޮތުން ޚިޔާލު ފާޅުކުރައްވާފައި ނުވެއެވެ.
ނަމަވެސް އެމްޑީޕީ އާއި ޖޭޕީގެ އިސްލީޑަރުން ވަނީ ރިޔާސީ އިންތިޚާބުގައި އެއްކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ފަށަން ތައްޔާރު ކަމަށާއި އިދިކޮޅުން އެއްކެންޑިޑޭޓް ނެރުން ބުއްދިވެރި ކަމަށެވެ. އެމްޑީޕީ އާއި ޖޭޕީން އެހެން ބުނި ނަމަވެސް ރައީސް މައުމޫންގެ ފަރާތުންނާއި އަދާލަތު ޕާޓީން އަދި އެކަމާބެހޭ ގޮތުން ވަކި ބަހެއް ބުނެފައެއް ނުވެއެވެ.
ޖޭޕީގެ އިސްފަރާތްތަކުން ހާމަކުރައްވާފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ އިތުރުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްވެސް އިދިކޮޅު ޕާޓީ ތަކުން ގުޅިގެން މަސައްކަތް ކުރަން އެޕާޓީން އޮތީ މަޝްވަރާއަށް ދިޔުމަށް ތައްޔާރަށެވެ.