އައްޑޫއިން ރައީސް ޔާމީނަށް ވޯޓު ލިބޭނެ، އެކަމަކު އެތަނުން އެމްޑީޕީގެ މެޖޯރިޓީ ބަދަލު ކުރަން ފަސޭހަނުވާނެ- ޝަރީފް

އައްޑޫ ސިޓީންވެސް ރައީސް އަބްދުﷲ ޔާމީންއަށް ވޯޓު ލިބޭނެ ކަމަށާއި ނަމަވެސް އައްޑޫ ސިޓީއަކީ އެމްޑީޕީގެ ވަރުގަދަ ހަބަކަށްވާތީ އައްޑޫ ސިޓީގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ބަދަލު ކޮށްލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫގައި ބޭއްވި ޖަލްސާއާއެކު އައްޑޫ ސިޓީ އޮތީ ރައީސް ޔާމީނާއެކު ކަމަށް ޕީޕީއެމްގެ އިސްފަރާތްތަކުން ބުނަމުން އަންނާތީ އެކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ރައީސް ޔާމީންއަށް އައްޑޫ ސިޓީން ވޯޓު ލިބުނު ނަމަވެސް އައްޑޫގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީގައި ކަމަށެވެ. އައްޑޫ ސިޓީއަކީ އެމްޑީޕީގެ ވަރުގަދަ ތަނެއްކަން އެއީ ގަބޫލުކުރަން ޖެހޭނެ ހަގީގަތެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ މެޖޯރިޓީ ބަދަލު ކުރުން އެހާފަސޭހައެއް ނުވާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށްވެސް އިދިކޮޅު ފަރާތްތަކުން އެއްކެންޑިޑޭޓް ނެރެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށާއި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ 90 ޕަސެންޓް މެޖޯރިޓީ ހޯދައިގެން ޤާނޫނު ތަކަށްވެސް ބަދަލު ގެނެވިދާނެ ކަމަށެވެ.

"ޤާނޫނު އަސާސީއަކީ ބަދަލު ކުރެވޭ އެއްޗެއް، 2019 ގައި އޮންނަ އިންތިޚާބުން ގުޅިފައިވާ ޕާޓީ ތަކަށް މަޖލީހުގެ 90 ޕަސެންޓް ލިބުނީމާ އެކަން ހަމަޖެހޭނެ" ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ އިސްބޭފުޅުން މިހާރު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީ ތަކުން އެއް ކެންޑިޑޭޓް ނެރުމުގެ ވިސްނުން ފާޅު ކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.