އިދިކޮޅު ޕާޓީތަކުން އެންކެންޑިޑޭޓް ނެރެން މަޝްވަރާއަށް ތައްޔާރު- ޖޭޕީ

އިދިކޮޅު ހުރިހާ ޕާޓީ ތަކުން ކުރިޔަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓް ނެރެން ޕާޓީތަކާއެކު މަޝްވަރާއަށް ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބާއި 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އިދިކޮޅު ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ފެށުމަށް ޖުމްހޫރީ ޕާޓީން އޮތީ ތައްޔާރަށް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ކޮންމެ ބޭފުޅަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނު ކަމަށްވިޔަސް ރައީސް އަބްދުﷲ ޔާމީން ބަލި ކުރެއްވޭނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.

ރިޔާޒް މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދުވެސް ވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ހުރިހާ އިދިކޮޅު ޕާޓީ ތަކުން ގުޅިގެން އެއް ކެންޑިޑޭޓް ނެރުމުގެ ވިސްނުންފުޅު ފާޅު ކުރައްވާފައެވެ. ނަޝީދު ވިދާޅުވެފައި ވަނީ 2018 ގައި އިދިކޮޅު ހުރިހާ ޕާޓީ އަކުން އެއް ކެންޑިޑޭޓް ނެރޭއިރު އިންތިޚާބުވާ ރައީސް ވެގެންދާންވާނީ އިންތިގާލީ ރައީސަކަށް ކަމަށެވެ.

އެގޮތުން އިންތިގާލީ ރައީސް ވެގެންދާން ޖެހޭނީ ޖުޑިޝަރީ އާއި ސަރުކާރު އިސްލާޙުކޮށް މިނިވަން އިންތިޚާބެއް ބާއްވައިދެއްވާނެ ރައީސަކަށް ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.