ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
ދުބާއީގެ ރޫލަރސް ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައި މިއަދު ސޮއިކުރެއްވި މި އެއްބަސްވުންތަކުގައި ހިމެނެނީ "ދަ އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެންޑް ދަ ޕްރިވެންޝަން އޮފް ފިސްކަލް އިވޭޝަން ވިތް ރެސްޕެކްޓް ޓު ޓެކްސަސް އޮން އިންކަމް އެންޑް ކެޕިޓަލް" އާ، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "މިއުޗުއަލް އެގްޒަމްޕްޝަން އޮފް ވިސާ ވެއިވަރ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާސް ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް ޕާސްޕޯޓް" އާ ގުޅޭ އެއްބަސްވުމާއި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "ޕްރޮމޯޝަން އެންޑް ރެސިޕްރޮކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓް" އާ ގުޅޭ އެއްބަސްވުމުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު ހެދޭ ލޯނު އެއްބަސްވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް މިކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.