ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާގައި ޕީޕީއެމްގެ ޖަގަހައެއް ރޭ ހުޅުވައިފިއެވެ.
ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންގެ އިތުރުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ލަންކާގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުންވެސް ބައިވެރިވިއެވެ.
ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި ލަންކާގައި ރޭ ހުޅުވިގެން ދިޔަ އެޕާޓީގެ ޖަގަހައިގެ ސަބަބަބުން ލަންކާގައި ޕީޕީއެމްގެ ހަރަކާތްތައް ކުރިޔަށްވުރެ ހަލުވިވެގެން ދާނެއެވެ. ކުރިން ޖަގަހައެއް ނެތުމުން ލަންކާގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުން އެއްވެލާނެ ތަނެއްވެސް ނެތުމުން ހަރަކާތްތައް އެކަށީގެންވާ ގޮތުގައި ނުހިންގިފައިވާ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަބަޔަކު ޕީޕީއެމްއާ ގުޅެމުން އަންނަ މަންޒަރު ފެނިގެންދާނެ ކަމަށާއި ރޭގެ ޖަލްސާގެ ހާޒިރީންވެސް އެކަން ވަރަށް ބޮޑަށް ސާފު ވެއްޖެ ކަމަށެވެ. ޕީޕީއެމް ލަންކާ ގޮފިން ބުނެފައި ވަނީ ކުރިޔަށް އޮތް ތަނުގައި ލަންކާގައި ދިރިއުޅޭ އިދިކޮޅު އެމްޑީޕީގެ ގިނަބަޔަކުވެސް ޕީޕީއެމްއަށް ސޮއި ކުރާނެ ކަމަށެވެ.