ޔޫއެން ހިއުމަން ރައިޓްސް ކައުންސިލް އިންތިޚާބުގައި ރާއްޖެއަށް 4 ވޯޓު

ޔޫއެން ހިއުމަން ރައިޓސް ކައުންސިލަށް އަލަށް ހޮވުނު މެމްބަރު ގައުމު ތަކުގެ ބޭފުޅުން ޖަލްސާގައި

ޔޫއެންގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ކުރިޔަށް އޮތް ދައުރަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުން ވާދަކޮށް ރާއްޖެ އަށް އެންމެ ހަތަރު ވޯޓު ލިބިއްޖެއެވެ. ރާއްޖެއިން ވަނީ މި ގޮނޑިއަށް ކުރިމަތިލުމަށްފަހު، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނަން އަނބުރައި ނަގައިފައެވެ. އެހެންވީމާ ރާއްޖެއަށް މި ލިބުނު ހަތަރު ވޯޓަކީ ކުރިމަތި ނުލައި ލިބުނު ހަތަރު ވޯޓެވެ.

ޖެނީވާގައި ހުންނަ ޔޫއެންގެ މައި މަރުކަޒުގައި އޮތް މި ވޯޓުގައި އޭޝިޔާ ޕެސިފިކް ސަރަހައްދުން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ހަތަރު ޖާގަ ކަށަވަރުކުރީ އަފްޣާނިސްތާން އާއި ނޭޕާލް އަދި ޤަތަރުގެ އިތުރުން ޕާކިސްތާނެވެ. ރާއްޖެއަށް 4 ވޯޓު ލިބުނުއިރު މި ސަރަހައްދުން އެންމެގިނަ ވޯޓު ހޯދީ ނޭޕާލުންނެވެ.

ނޭޕާލް ވަނީ 166 މެމްބަރު ގައުމުގެ ވޯޓު ހޯދާފައެވެ. ދެވަނައަށް އެންމެގިނަ ވޯޓު ހޯދި ޤަތަރަށް 155 މެމްބަރު ގައުމުން ވަނީ ވޯޓު ދީފައެވެ. ތިންވަނައަށް އެންމެގިނަ ވޯޓު ހޯދީ ޕާކިސްތާނެވެ. އެގައުމަށް 151 ގައުމަކުން ވޯޓު ދިންއިރު ފަހު ޖާގަ ކަށަވަރުކުރި އަފްޣާނިސްތާނަށްވެސް 130 ގައުމުގެ ރުހުން ވަނީ ލިބިފައެވެ.

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް މެމްބަރުން ހޮވަނީ އެކި ބައްރު ތަކަށް ބަހާލައިގެންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.