ޔޫއޭއީގެ ރައީސްގެ ދައުވަތަށް ރައީސް ޔާމީން ފުރާވަޑައިގެންފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ ) ގެ ރައީސް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ  ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު އެގައުމަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ރައީސްގެ މިދަތުރުފުޅުގައި ހަތަރު ދާއިރާއަކުން ދެގައުމުގެ މެދުގައި އެއްބަސްވުން ތަކެއްގައި ސޮއި ކުރައްވަންވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއީ ކޮން ހަތަރު ދާއިރާއެއް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

ހަތަރު އެއްބަސްވުމެއްގައި ދެގައުމުގެ ފަރާތުން ސޮއި ކުރާއިރު މިދަތުރުފުޅުގައި ކެބިނެޓްގެ ތިން ވަޒީރަކުވެސް ވަޑައިގެންނެވިއެވެ. އެއީ އިގްތިސޯދާބެހޭ ވަޒީރު މުޙަންމަދު ސައީދު އާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހިމްގެ އިތުރުން ޚާރިޖީ ވަޒީރު މުޙަންމަދު އާސިމްއެވެ.

ތަފާތު އެކިއެކި ދާއިރާ ތަކުން މީގެކުރިންވެސް ރާއްޖެއަށް ގިނަ އެހީތަކެއް ވެދީފައިވާ ޔޫއޭއީއަށް ރައީސް ޔާމީން އާއި ސަރުކާރުގެ އިސްވަފުދެއް ވަޑައިގެންނެވިއިރު ޤަތަރުގައި ބާއްވަން ކުރިން ހަމަޖައްސާފައި އޮތް އިންވެސްޓްމެންޓް ފޯރަމްވެސް ޔޫއޭއީގައި ބާއްވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.