ފުލުހުންނާއި ޤައުމަށް ކޮށްދެވުނު ޚިދުމަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ. އޭނާ ރިޓަޔަރކުރެއްވީ އިއްޔެއެވެ.
ޑރ.ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހުގެ ދެވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވުމަށް މީގެ ހަތް މަސް ކުރިން، ނިމިދިޔަ އަހަރުގެ ޖޫން 2 ގައި ސިޓީ ފޮނުއްވައިފައިވާކަމަށެވެ.
"ފުލުހުންގެ ޚިދުމަތުން މިއަދު މި ވަކިވީ އެކުގައި މަސައްކަތްކުރެއްވި ޓީމާއެކު ހޯދިފައިވާ ކާމިޔާބާއި ފުލުހުންނާއި ޤައުމަށް ކޮށް ދެވުނު ޚިދުމަތާމެދު ހިތްހަމަޖެހުމާއެކު." ޕޮލިސް ކާޑާއި ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑެލިތަކުގެ ފޮޓޯ އަކާއެކު ޑރ. ފައިރޫޝް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ޑރ. ފައިރޫޝް ވަޒީފާއިން ރިޓަޔަރ ކުރެއްވިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝްގެ ޚިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރިޓަޔަރ ކުރެއްވިއިރު ޑރ. ފައިރޫޝް ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ މުއައްސަސާގެ ފައިނޭންސާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމަންޓެވެ.
ޑރ. ފައިރޫޝަކީ ފުލުހުންގެ މުއައްސަސާގައި މިވަގުތު ތިއްބެވި ޢިލްމީ ގޮތުން އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅާއެވެ. އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އޭނާ ވަނީ ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.
ޑރ ފައިރޫޝް ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1998ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ވަނީ ޖުމުލަ 20 އަހަރާއި އެއްމަސްދުވަހު ޚިދުމަތުގައި ދެމިހުންނަވައިފައެވެ.
ޑރ. ފައިރޫޝް ކުރެއްވި އިތުރު ޓްވީޓެއްގައި އޭނާގެ ޝަަރަފްގައި ބޭއްވި ފެއާވެލަށްޓަކައި ސީޕީ ހަމީދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށް ސީޕީ ޙަމީދު ކުރައްވާ މަސައްކަތްޕުޅަށްހިތްވަރާއި ފަސޭހަކަން ދެއްވައި ކާމިޔާބީ އަށް އެދި ވަޑައިގެންނެވިއެވެ.