މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެންމެ ކަމެއް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވާއިރު އެ ޖަލްސާގެ އެޖެންޑާއަށް އެންމެ ކަމެއް ހިމަނައިފިއެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ހެނދުނު 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާގައި ހިމެނޭނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާ އިސްލާޙު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުށަހަޅުއްވާފައިވާ އިސްލާޙު މަޖިލީހުގެ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން އެކަންޏެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްލާހު ހުށަހަޅުއްވައި، އާންމު ކޮމިޓީން ގޮތެއް ނިންމެވުމަށް ފޮނުއްވާފައިވާ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާއަކީ ބައިނަލް އަޤްވާމީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުން ގުޅުން ބަދަހި ކުރުމާއިބެހޭ މާއްދާއެވެ. ކޮމިޓީގެ ރިޕޯޓަށް ފަހު ވޯޓަށް އަހަން ޖެހިއްޖެނަމަ މާދަމާ ވޯޓަށް އެހުންވެސް އޮންނާނެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާގައި އެންމެ ކަމެއް ހިމަނައިގެން މާދަމާ ޖަލްސާ ފަށާއިރު މަޖިލީހުގެ ޖަލްސާތައް ދެވަނަ ދައުރުގައި ބޭއްވީ ވަރަށް މަދުންނެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގުމުގެ އިތުރުން "ގަޔަށް ބޮލަށް" އަރާ ހިސާބަށް ގޮސް ޖަލްސާތައް ނުބޭއްވުނުއިރު މަޖިލިސް އެންމެ ބޮޑަށް ހޫނުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައިގައެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު މަޖިލީހުގެ ރިޔާސަތުވެސް މިހާރު ވަނީ ކުރިން ހުރި ވަރަށްވުރެ އުސްކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.