މެމްބަރަކަށް 15 މިނެޓް ދީ ބަޖެޓް ބަހުސް ފަށްޓަވައިފި

ބަޖެޓް ބަހުސްގައި މެމްބަރަކަށް 15 މިނެޓް ދިނުމަށް ނިންމައި މަޖިލީހުގައި ބަހުސް ފަށްޓަވައިފިއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓް ދެއްވާނެކަމަށެވެ. އަދި ބަޖެޓް ކޮމެޓީގެ ރިޕޯރޓްގެ ބަހުސް ގައި ހަތް މިނެޓް ދެއްވުމަށް ވެސް އާއްމު ކޮމެޓީން ނިންމަވައިފައިވާކަމަށެވެ.

ބަޖެޓް ބަހުސް މިއަދު ހަވީރު ފަހެއް ޖެހުމާހަމައަށް ކުރިއަށް ގެންދަވާނެކަމަށް ވެސް މަޖިލީހުގެ ރައީސް، މިއަދުގެ ޖަލްސާ ފަށްޓަވަމުން ވިދާޅުވިއެވެ. އަދި މާދަމައަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވިއަސް މާދަމާވެސް ބަޖެޓް ބަހުސް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މާދަމާ ޖަލްސާ ކުރިއަށް ގެންދަވާނީ ހެދުނު އެގާރަ ޖަހާއިރު ފަށައިގެން ގަނޑިއެއްގެ އިރަށް ކަމަށް ވިދާޅުވިއެވެ. އަދި 18 ވަނަ ދުވަހުގެ ޖަލްސާގައި ބަހުސް ފެށްޓެވުމަށް ފަހު ބަހުސް ނިމެންދެން ރޭގަނޑާއެކު ބަހުސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ބަޖެޓް ދިރާސާ ކުރުމުގައި މަޖިލީހުގެ ތަޅުމުގައި ބަޖެޓާ ގުޅޭ ގޮތުން ކުރިއަށްދާ ބަހުސަށް ރިޢާޔަތް ކުރެއްވުމަށް ވެސް މަޖިލީހުގެ ރައީސް އެދި ވަޑައިގެންނެވިއެވެ.

މިމަހު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމުމަށް ވަނީ ސުންގަޑި ކަނޑައަޅައިފައެވެ. މިމަހު ނަވާރަ ވާ ބުރާސްފަތި ދުވަހަށް ބަޖެޓު ދިރާސާކޮށް ނިންމެވި ނަމަވެސް އެމުއްދަތަށް ބަޖެޓު ދިރާސާކޮށް ނިންމާ ނުލެވިއްޖެނަމަ ވަގުތު އިތުރުކުރުމަށް ވެސް ބަޖެޓް ކޮމެޓީން ވަނީ ނިންމަވައިފައެވެ.

ބަޖެޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަނޑައަޅާފައިވަނީ މިމަހުގެ 26ވަނަ ދުވަހަށެވެ. ބަޖެޓް ބަހުސަށް 21 ގަޑިއިރު ހޭދަވާނެކަމަށް ވަނީ ލަފާކުރައްވައިފައެވެ. ބަޖެޓު ދިރާސާކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ވެސް 10 ވަރަކަށް ގަޑިއިރު ހޭދަވާނެކަމަށް ވެސް ވަނީ ލަފާކުރައްވައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ ދެބައިކުޅައެއްބައި ދަރަނިވެރިވާނެކަމަށް ވަނީ ލަފާ ކުރައްވައިފައެވެ. ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.