ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ދީފައިވާ އެންމެ ފަހު މުއްދަތަށް ވަޑައިނުގެންފިނަމަ ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހިދާނެ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކަރެކްޝަނުގެ މީޑިޔާ އޮފިސަރު ވިދާޅުވީ ގާސިމްއަށް އެންމެ ފަހުން ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެހިސާބަށް ވަޑައިނުގެންފިނަމަ ބޭރު ގައުމުތަކުގައި ތިބޭ ކުށްވެރިން ހޯދަން އޮންނަ އުސޫލުން އެކަން ކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެހީއަށް ކަރެކްޝަނުން އެދިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އެފަރާތުން ކަށަވަރު ކޮށްނުދެއެވެ.
ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް ސިންގަޕޫރަށް ފުރަތަމަ ފޮނުވީ 10 ދުވަހަށެވެ. ނަމަވެސް ހިތުގެ އޮޕަރޭޝަނެއް ކުރެއްވުމާއެކު ފްލައިޓުގައި ދަތުރު ކުރުން ޑޮކްޓަރު މަނާކުރުމާއެކު އާއިލާއިން ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް އެދިފައެވެ. އެގޮތުން ތަފާތު އެކިފަހަރު މަތިން މިހާތަނަށް ހަތާވީސް ދުވަސް ދެއްވާފައިވީ ނަމަވެސް ޑޮކްޓަރު ލަފާ ދީފައި ވަނީ ތިން މަސް ދުވަހު މަޑު ކުރުމަށެވެ.